ސިއްރު ހެކި ބޭނުން ކުރަނީ ގާނޫނުގައި ބުނެފައިވާ ގޮތަށް: ފުލުހުން

ފުލުހުން ކުރާ ތަހުގީގުތަކަށް ސިއްރު ހެކިވެރިންގެ ހެކިބަސް ނަގައި ޝަރީއަތަށް ހުށަހަޅައި އެ ހެކި ބަސް ބޭނުން ކުރަނީ ގާނޫނުގައި ބުނެފައިވާ ގޮތަށް ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން މިހެން ބުނެފައި މިވ...

13 Jun 2018 | 10:29

ފުލުހުން ކުރާ ތަހުގީގުތަކަށް ސިއްރު ހެކިވެރިންގެ ހެކިބަސް ނަގައި ޝަރީއަތަށް ހުށަހަޅައި އެ ހެކި ބަސް ބޭނުން ކުރަނީ ގާނޫނުގައި ބުނެފައިވާ ގޮތަށް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނެފައި މިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ފަދަ ދައުލަތުގެ ބައެއް އިސް ބޭފުޅުންގެ ޝަރީއަތްތަކުގައި ސިއްރު ހެކިވެރިން ބޭނުން ކުރަނީ ގާނޫނުގައި ބުނެފައިވާ ހާލަތްތަކުގައި ނޫން ކަމަށް ވަކީލުން ބުނެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ސިއްރު ހެކިބަސް ނެގުމަކީ ރާއްޖޭގައި އަލަށް ކުރާ ކަމެއް ނޫން ކަމަށާއި އެކަން ކުރަނީ ހެކި ދޭ މީހާގެ ސަލާމަތާއި ރައްކާތެރި ކަމަށް ޓަކައި ކަމަށެވެ. އަދި ސިއްރު ހެކި ފުލުހުން ނަގައި ބޭނުން ކުރަމުން އަންނަނީ ގާނޫނުތަކުގައި ބުނެފައިވާ ގޮތަށް ކަމަށެވެ.

އޭނާ ވިދާޅުވީ ޖިނާއީ ތަހުގީގުތަކުގައި ފުލުހުން ވަކި ބަލާ މިންގަނޑުތަކަކަށް ބަލާކަމަށެވެ. ހާއްސަކޮށް ޖިނާއީ ތަހުގީގުތައް ކުރުމުގައި އެކަންކަމުގެ އޮނިގަނޑު ގެންގުޅޭނެ މިންތަކެއް ކަނޑައެޅިފައި އެބަ ހުރި ކަމަށެވެ.

"ހެކިބަސް ދޭ ފަރާތްތަކަށް ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދޭން ޖެހޭ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ދިނުމަކީ ފުލުހުންގެ ހައިސިއްޔަތުން ފުލުހުން ކުރަން ޖެހޭ ކަމެއް ކަމަށް ފުލުހުން ގަބޫލް ކުރަނީ،" ޝިފާން ވިދާޅުވި އެވެ.

މިފަހަކަށް އައިސް ސިޔާސީ ފަރާތްތަކާއި ދެކޮޅަށް އުފުލާފައިވާ ގިނަ ދައުވާތަކުގައި ދައުލަތުން ހުށަހަޅަނީ ސިއްރު ހެކިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް