މިއަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ 16294 މީހަކަށް ފިތުރު ޒަކާތް ބަހާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މާލެ އާއި އަތޮޅު ތަކުގައި މިއަދު ވަނީ ފިތުރު ޒަކާތް ބަހަން ފަށާފައި އެވެ.
އެ މިނިސްޓްރީން މިއަދު ބުނީ މިއަހަރު ފަގީރުންގެ ގޮތުގައި މާލޭގައި 3299 މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އަދި އަތޮޅު ތެރޭގައި 12995 މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.
މިދިޔަ އަހަރާއި އަޅާ ބަލާއިރު މާލޭގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކުރި މީހުން އިތުރުވިޔަސް އަތޮޅު ތެރޭގައި އެ އަދަދު ވަނީ ދަށްވެފައި އެވެ. އެގޮތުން މިދިޔަ އަހަރު މާލޭގައި ފަގީރުންގެ ގޮތުގައި 3142 މީހުން ރަޖިސްޓްރީ ކުރި އިރު އަތޮޅު ތެރޭގައި ރަޖިސްޓްރީކޮށްފައިވަނީ 13063 މީހުންނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތުގެ ގޮތުގައި މާލޭގައި މިއަހަރު ބޮލަކަށް 1300 ރުފިޔާ ބަހާނެ ކަމަށެވެ. މިދިޔަ އަހަރު ބަހާފައިވަނީ 1250 ރުފިޔާ އެވެ.
ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އާއި ގޮވާމުގެ ބާވަތްތައް ބެހުން މިއަދާއި މިރޭ ކުރިޔަށް އެބަ ދެ އެވެ. ފައިސާ ބަހަނީ އިސްލާމިކް މިނިސްޓްރީގައި އެވެ. ގޮވާމުން ޒަކާތް ބަހަނީ އަރަބިއްޔާ ސްކޫލް ހޯލުގައި އެވެ.
އިސްލާމިކް މިނިސްޓްރީން އާންމު ކުރި ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން 21 މިލިއަނަށްވުރެ ގިނަ ރުފިޔާ ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް