މޮނާކޯގެ ތޯމަސް ލެމާ އެތުލެޓިކޯ މެޑްރިޑަށް

އުމުރުން އެންމެ 22 އަހަރުގެ ޒުވާން އެޓޭކިންގ މިޑްފީލްޑަރ ތޯމަސް ލެމާ އެތުލެޓިކޯ މެޑްރިޑަށް ވިއްކާލުމަށް ދެ ކްލަބްގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވިފައިވާކަމަށް މޮނާކޯ އިން ހާމަކޮށްފިއެވެ. ފްރާންސް ...

13 Jun 2018 | 07:32

އުމުރުން އެންމެ 22 އަހަރުގެ ޒުވާން އެޓޭކިންގ މިޑްފީލްޑަރ ތޯމަސް ލެމާ އެތުލެޓިކޯ މެޑްރިޑަށް ވިއްކާލުމަށް ދެ ކްލަބްގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވިފައިވާކަމަށް މޮނާކޯ އިން ހާމަކޮށްފިއެވެ.

ފްރާންސް ލީގުގެ މޮނާކޯ އިން ބުނެފައިވަނީ ހުރިހާ ކަމެއް ސާފު އެއްބަސްވުމަކަށް އައުމަށް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ދެ ކްލަބުން މަޝްވަރާ ކުރާނެކަމަށެވެ.

ފްރާންސްގެ ގައުމީ ޓީމާއެކު މި ވަގުތު ރަޝިޔާގައި އޮންނަ ވޯލްޑް ކަޕްގައި ބައިވެރިވާން ގޮސްހުރި ލެމާ ގަތުމަށް އިނގިރޭސި ގަދަ ދެ ބާރުކަމަށްވާ ލިވަޕޫލް އާއި އާސެނަލް އިން ވެސް މަސައްކަތް ކުރަމުން ދިޔަކަމަށް ވަރަށް ބޮޑަށް އަޑު ފެތުރުނެވެ. އެހެނަސް، އަންނަ ސީޒަންގައި އޭނާ ކުޅޭނީ ސްޕެނިޝް ލީގުގައިކަން މި ވަނީ ކަށަވަރުވެފައެވެ.

ލެމާ މޮނާކޯއާ ގުޅުނީ 2015 ވަނަ އަހަރު މެދުތެރެއިންނެވެ. އެއަށްފަހު 2016-17 ގެ ސީޒަންގައި މޮނާކޯއަށް 14 ލަނޑު ޖަހައިދީ 17 އެސިސްޓް ހެދިއިރު، އޭނާއަކީ މި ވަގުތު ފްރާންސް ލީގުގައި ވާއަތް ފަޅިން ކުޅޭ އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ.

އަންނަ ސީޒަންގައި ގްރީޒްމަން އެހެން ޓީމަކަށް ބަދަލު ނުވެއްޖެނަމަ، ފްރާންސްގެ ގައުމީ ޓީމަށް ވެސް އެކުގައި ކުޅެމުން އަންނަ ލެމާ އާއި ގްރީޒްމަން ދެން ފެންނާނީ އެއް ކްލަބަކުންނެވެ. ގްރީޒްމަން އެހެން ކްލަބަކަށް ބަދަލުވާން އުޅޭކަމަށް އަޑުތައް ފެތުރިފައިވާއިރު، އޭނާ އެދުނު ފަދައިން އެތުލެޓިކޯއިން ކުޅުންތެރިން ހޯދުމަށް އިތުރަށް ޚަރަދު ކުރަން މި ފެށީ އޭނާ ބެހެއްޓުމަށް ބާރު އެޅުމަށްޓަކައި ކަމަށް ވެސް ބެލެވެއެވެ.

އެތުލެޓިކޯ މެޑްރިޑާއެކު މުސްތަގުބަލުގައި އިތުރަށް ވިދާލާނެކަމަށް ބެލެވޭ ލެމާ، އަންނަ ހޮނިހިރު ދުވަހު ފްރާންސްގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕްގައި އޮސްޓްރޭލިއާ އާ ދެކޮޅަށް ނުކުންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް