އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު, ދަށު ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމަށް ސާބިތުވާ ކަމަށް ކަނޑައަޅައި ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
އެ ދައުވާ އާއި ގުޅިގެން ކްރިމިނަލް ކޯޓުން ދެ ބޭފުޅުންގެ މައްޗަށް ހުކުމް ކޮށްފައިވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ދެ ފަނޑިޔާރުން ޖަލަށް ލުމަށެވެ. އެކަމަކު ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމުން ކުރި ހުކުމުގައި ބުނެފައިވަނީ ކުށް ސާބިތުވި ނަމަވެސް އަދަބު ކުޑަކުރަން ޖެހޭ ކަމަށެވެ. އެގޮތުން ހައިކޯޓުން އިއްވީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.
ފަނޑިޔާރުންގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހާ ގުޅިގެން 10 ދުވަސް ތެރޭގައި ފަނޑިޔާރުންނަށް އިއްވާ ހުކުމްރައް ހައިކޯޓުގައި އިސްތިއުނާފު ކުރައްވަންޖެހޭނެ އެވެ. ހައިކޯޓުން އެ މައްސަލަ 30 ދުވަސް ތެރޭގައި ނިންމަން ޖެހޭނެ އެވެ. ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ބޭނުންވާނަމަ އެކަމަށް ވެސް ލިބެނީ 10 ދުވަހެވެ. ސުޕްރީމް ކޯޓުން ވެސް 30 ދުވަހުގެ ތެރޭގައި މައްސަލަ ބަލާ ނިންމަންޖެހޭނެ ކަމަށް ފަނޑިޔާރުންގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހުގައި ބުނެ އެވެ. ސުޕްރީމް ކޯޓުން ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފިނަމަ ދެ ބޭފުޅުންގެ ފަނޑިޔާރުކަން ވެސް އޮޓަމެޓިކުން ގެއްލޭނެ އެވެ.
މި ދައުވާގެ އިތުރުން ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް)ގެ ހިދުމަތް މެދު ކަނޑާލި މައްސަލާގައި އުއްތަމަ ފަނޑިޔާރަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވަނީ ކޮށްފަ އެވެ. އެ ހުކުމަށް ވެސް ހައިކޯޓުން ތާއިދުކޮށްފައިވާއިރު އަދި މައްސަލަ ސުޕްރީމް ކޯޓަށް ނުވައްދަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް