ޢީދަށް މުދާ ބަރުކޮށްގެންދިޔަ ދޯންޏެއް ފަރަށް އަރައިފި

ފިތުރު ޢީދަށް މުދާ ބަރުކޮށްގެން ދިޔަ ދޯންޏެއް ފަރަށް އަރައިފި އެވެ. ފަރަށް އަރާފައިވަނީ މާލެއިން ފުރައިގެން ދ މީދުއަށް ދަތުރު ކުރަމުންދިޔަ "ގެލެކްސީ" ނަމަކަށް ކިޔާ ކަންނެލި ދޯންޏެކެވެ. ސިފައިން ބުނެފަ...

13 Jun 2018 | 02:06

ފިތުރު ޢީދަށް މުދާ ބަރުކޮށްގެން ދިޔަ ދޯންޏެއް ފަރަށް އަރައިފި އެވެ. ފަރަށް އަރާފައިވަނީ މާލެއިން ފުރައިގެން ދ މީދުއަށް ދަތުރު ކުރަމުންދިޔަ "ގެލެކްސީ" ނަމަކަށް ކިޔާ ކަންނެލި ދޯންޏެކެވެ.

ސިފައިން ބުނެފައިވަނީ މާލެ އަތޮޅު އިތާފުށީގެ އިރު ދެކުނުން 1.5 ނޯޓިކަލް މޭލުގައި އޮންނަ ފަރަކަށް މި އޮޑި އެރިކަމުގެ މަޢުލޫމާތު މިރޭ ފަތިހު 04:15 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް ވަނީ ޑައިވަރުންނާއެކު ހަރަކާތްތެރިވާން ފަށާފައި ކަމަށެވެ.

"މި ދޯނީ ފަރަށް އެރުމާ ގުޅިގެން ދޯނީގެ ހަލްގަނޑަށް ގެއްލުން ލިބި ދިޔަ ވަމުންދާތީ ދޯނީގައި މިވަގުތު ހުރި މުދާ ހުސްކުރުމަށްޓަކައި ދޯނީގެ ވެރިފަރާތުން ހަމަޖެއްސެވި އިތުރު ދޯންޏެއް މިހާރުވަނީ ގެލެކްސީ ދޯނި އޮތް ސަރަޙައްދަށް ގޮސް މުދާ ހުސްކުރުމުގެ މަސައްކަތް ފަށާފައެވެ. މި ދޯނި ފުންކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން އަންނަނީ ކުރަމުންނެވެ" ސިފައިން ބުނެފައި ވެ އެވެ.

ސިފައިން އިތުރަށް ބުނެފައިވަނީ މި ހާދިސާ ހިނގި އިރު ދޯނީގައި ހަ މީހުން ތިއްބެވެ. އޭގެ ތެރޭގައި ދެ ދިވެހިންނާއި ހަތަރު ބިދޭސީން ހިމެނޭއިރު، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށެވެ. އަދި މި ދޯނީގައި ހުރީ ޢީދަށް ގެންދާ މުދާ ކަމުގައިވެސް ސިފައިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް