މިއީ ކެންޔާގެ ނައިރޯބީގައި ދާދި ފަހުން ހިނގި ހާދިސާއެކެވެ. ޔަތީމު ކުއްޖަކާ ހާލުދެރަ އަންހެނަކާ ދެމެދު ގުޅުން އުފެދިގެން ދިޔަ ގޮތުގެ ވާހަކައެކެވެ.
ޖޯން ތުއޯ އަކީ ނައިރޯބީގެ މަގުތަކުގައި ސަލާން ޖަހަމުން ދިޔަ އަޅާލާނެ ޔާރެއް ނެތް ކުއްޖެކެވެ.
އެއްދުވަހަކު ، ޓުރެފިކް ލައިޓްގައި ކާރުތައް މަޑުކޮށްލުމުން ޖޯންގެ އާދައިގެ މަތިން ކާރުތަކުގެ ކިޔޫގައި އޭނާ ސަލާން ޖަހަމުން ހިނގަމުން ދިޔައެވެ. އެހެން ދަމުން ކާރެއްގެ ކުރީ ސީޓްގައި އިން އަންހެނަކަށް ޖޯން ސަލާމުގެ އަތް ދިއްކޮށްލިއެވެ. އެއާއެކު އެއަންހެން މީހާގެ ހާލަތަށް ޖޯންއަށް ސަމާލުކަން ދެވިއްޖެއެވެ. ކަރުގައި ބޭންޑެއް އަޅާފައި އޮތްއިރު ގާތުގައި އޮކުސިޖަން ސިލިންޑަރަކާ ބައެއް އެހެން ސާމާނު ހުއްޓެވެ. ސަލާން ޖަހަމުން ދިޔަ ޖޯންއަށް އެކަމަށް ދެވުނު ސަމާލުކަން ބޮޑުވެ ، އެތަކެއްޗާ ގުޅޭގޮތުން ސުވާލުކުރިއެވެ.
ނޭވާ ހިއްލުމާއި މޭގެ މައްސަލަތަކެއް ހުންނަ 32 އަހަރުގެ ގުލެޑީސް ކަމަންޑޭ ، އޭނާގެ ހާލަތު ކިޔައިދިނެވެ. ބަލީގައި މިހާތަނަށް 12 އޮޕަރޭޝަނެއް ކޮށްފިކަމަށާއި އެއް އޮޕަރޭޝަނެއްގައި ލޮލުގެ ނާރަށް ލިބުނު ގެއްލުމަކާ ގުޅިގެން ލޮލުގެ ފެނުން ގެއްލިފައިވާކަމަށް ބުނުމުން ޖޯންގެ ލޮލުން ހޯސްލާފައި ކަރުނަ އޮހިގަތެވެ. އަދި އެއަންހެނާއަށް ޝިފާއަށް އެދި ދުއާ ކުރަމުން ޖޯންގެ ވަޒީފާއިން އެދުވަހު ލިބުނު ވަކިލާރިކޮޅު ޖީބުން ނަގާ ދިނެވެ.
ޖޯންއާއި ގުލެޑީސްގެ ހާލަތު ބަދަލު ވެގެން ދިޔައީ އެ މަންޒަރު ފެނުނު މީހެއްގެ ސަބަބުންނެވެ. ޖޯން އާއި ގުލެޑީސްގެ ފޮޓޯ ނަގާ ، ހިނގި ހާދިސާގެ ތަފްސީލު ދުނިޔެއަށް ދޫކޮށްލިއެވެ. ވަގުތުން އެކި ފަރާތްތަކުގެ ހެޔޮ ބަސްތަކާއި އެހީތައް ގުލެޑީސްއަށް ލިބެން ފެށިއެވެ. އަދި ބޭނުން ޖެހިފައިވާ މީހުންނަށް އެހީވާ ކެންޔާގެ އިދާރާއަކުން ގުލެޑީސްގެ ބޭސްފަރުވާއަށް ހިނގާ ޚަރަދުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކަމަށްވާ ތިން މިލިއަން ޝިލިން (ކެންޔާ ފައިސާ) އެންމެ ހަތަރު ދުވަސް ތެރޭގައި އެއްކުރިއެވެ.
ސަލާން ޖަހަމުން ދިޔަ ކުއްޖެއްގެ ސަބަބުން އެހީއަށް ބޭނުން ޖެހިފައިވާ އަންހެނެއްގެ ހާލަތު ބަދަލުވެގެންދިޔައިރު މި ހާދިސާގެ ''ހެޕީ އެންޑިން''އަކީ އަދި މިއީކީ ވެސް ނޫނެވެ.
ގުލެޑީ މިހާރު ވަނީ މަގުމަތީގައި އުޅެމުން ދިޔަ ޖޯން އޭނާގެ ގެއަށް ގެންގޮސްފައެވެ. އަދި ޖޯން ސުކޫލަށް ވެއްދުމުގެ ކަންތައް ކުރިއަށްދާއިރު ޖޯން ވެސް ހުރީ އޭނާއަށް ލިބުނު މަންމައަށްޓަކައި އުފަލުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް