އަބޫ ދާބީއަށް އުފަން އުމުރުން 12 އަހަރުގެ އަދަމް މަސްޢޫދު އެނާ އެންމެ ފުރަތަމަ ރޯދަޔެއް ހިފި ދުވަސް ރަނގަޅަށް ހަނދާނުގައި އެބަހުއްޓެވެ. އޭނާ އެންމެ ފުރަތަމަ ރޯދަޔެއް ހިފީ މިދިޔަ އަހަރު އެވެ. އޭރު އޭނާގެ އުމުރަކީ އެންމެ 11 އަހަރެވެ.
"އަމިއްލައަށް ބޭނުންވެގެން ފުރަތަމަ ކުޑަ ދުވަސްކޮޅަކަށް ރޯދަޔަށް ހުރީ. އަހަރެންގެ ދެބެންގެ ކުދިން ރޯދަ ހިފާތަން ފެނުމުން އަހަރެންވެސް ބޭނުންވީ ރޯދަޔަށް ހުންނަން. ރޯދަޔަށް ހުރީމަ ވާގޮތެއް ބަލާލަން ބޭނުންވީ."
މަސްޢޫދު ބުނީ އޭނާ ރޯދަޔަށް ހުރި ފުރަތަމަ ދުވަހު އެކި ކަހަލަ އިޙްސާސްތައް ކުރެވުނު ކަމަށެވެ. ނަފްސާނީ ގޮތުންނާއި އަދި ޖިސްމާނީ ގޮތުންވެސްމެ އެވެ.
"އަހަރެން ވަރަށް ބަނޑުހައިވި. އެކަމަކު އަމިއްލަ ނަފްސަށް ބުނަމުންދިޔައިން އަހަންނަށް މިކަންވާނޭ. އަހަރެންގެ ދެބެންގެ ކުދިންގެ ކެއްތެރިކަން ފެނިފަ އަހަންނަށް ހިތްވަރު ލިބުނު."
މަސްޢޫދު ބުނީ އެއަށްވުރެންވެސް ބޮޑަށް ރޯދަޔަށް ހުރުމަށް ހިތްވަރު ލިބުނީ ދުނިޔޭގެ އެތައް މިތަނުގައި ކާއެއްޗެއް ނުލިބިގެން ނުކައި ނުބޮއި އެތައް ބަޔަކު ދިރިއުޅެމުންދާތީ އެވެ.
"އަހަރެން މީ ކުޑަކުއްޖަކަށްވާތީ އަހަންނަށް އެންމެނަކަށް ހުރިހާ އެހީތެރިކަމެއް ފޯރުކޮށެއް ނުދެވޭ. ނަމަވެސް ރޯދަޔަށް ހުރުމުން އެމީހުން ތަޙައްމަލު ކުރުމަންދާ ވޭނާއި ކެކުޅުން އިޙްސާސްކުރެވޭ. އަދި މީހުނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަންވެސް އިޙްސާސްކުރެވޭ."
މަސްޢޫދު ފުރަތަމަ ރޯދަޔަށް ހުރިއިރު އޭނާއާއެކު ސުކޫލުގައި ކިޔަވަމުންދިޔަ ގިނަ ކުދިންވެސް ރޯދަޔަށް ތިބޭކަމަށް އެނާ ބުންޏެވެ. އަދި ރޯދަޔަށް ނުތީބޭ ކުދިންނާއި އޭނާގެ ފުރަތަމަ ރޯދައިގެ ތަޖުރިބާ ހިއްސާވެސް ކުރި އެވެ.
"އެމީހުން ކައިރި ބުނިން ރޯދަޔަށް ހުރީމާ އަހަންނަށް ވަރަށް ހިތްހަމަޖެހުން ލިބުނޭ. އަދި އެކަމުން އަހަންނަށް ދިރިއުޅުމުގެ އެތައް ފިލާވަޅުތަކެއް ދަސްވިކަމަށްވެސް ބުނިން. އަހަންނަށް އެނގޭ ކޮންމެ ރެޔަކު އަހަންނަށް ކާން ހަދާފައި ގޭގައި ހުންނާނެކަން. އެކަމަކު ހުރީހާ ކުދިންނަކަށް އެ އުފަލެއް ނުލިބޭ."
ރޯދަމަހު އެންމެ އުފާވާކަމަކީ ޢާއިލާގެ ހުރިހާ މެމްބަރުން އެއްވަގުތެއްގައި އެއް ސުފުރާމަތިން ފެނުންކަމަށް މަސްޢޫދު ބުންޏެވެ. އެގޮތައް ކޮންމެ ދުވަހަކު ޢާއިލާގެ ހުރިހާ މެމްބަރުން ދިމާވުމުން އެންމެންގެ މެދުގައި އޮންނަ ގުޅުން ބަދަހިވާކަމުގެ އިޙްސާސް އޭނާއަށް ކުރެވޭކަމަށްވެސް ކިޔާދިނެވެ.
މަސްޢޫދު ބުނީ ރޯދަޔަށް ހުރި ފުރަތަމަ ދުވަހު ރޯދަ ވިއްލާ ވަގުތު ކައިރިވުމުން ސުފުރާ ކައިރިއަށް ގޮސް އިނީ މަންމަގެ އުނގުގައި ކަމަށެވެ. އަދި ވަގުތު ކައިރިވަމުންދިޔަ ވަރަކަށް ވަގުތު ހައްތަހާ ދިގުލައިގެންދާ ކަހަލަހެން ހީވާކަމަށްވެސް މަސްޢޫދު ބުންޏެވެ.
"އެންމެ ތިބީ ގަޑިއަށް ބަލަން. ބަންގި ގޮވުމާއެކު އެންމެން ކަދުރުންނާއި ފެންނުން ރޯދަ ވިއްލީ. އެވަގުތު އަހަންނަށް ހީވީ ދިރިއުޅުމުގައި ވަރަށް ބޮޑު ކަމެއް ޙާސިލުކުރެވުނުހެން. މިހާރު އަހަންނަށްވެސް ފަޙްރުވެރިކަމާއެކު ބުނެވޭނެ އަހަރެންވެސް ރޯދަހިފީމޭ. އަދި މުސްލިމުންގެ މި ބަރަކާތްތެރި އަޅުކަމުގައި ބައިވެރިވީމޭ."
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް