ޖުލައި 14 ގައި 'ހަތަރު އިމާމުންގެ ޢަޤީދާ'

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ޖުލައި 14 ވާ ހުކުރު ދުވަހުގެ ރޭ ވަރަށް ޚާއްޞަ ދަރުސެއް ބޭއްވުމަށް ނިންމައިފިއެވެ. އަހްލުއްސުންނަތި ވަލްޖަމާޢަތުގެ ޞައްޙަ ޢަޤީދާ ބަޔާން ކޮށްދިނުމަށް ބާއްވާ މިދަރުސްގެ މަ...

13 Jun 2017 | 04:18

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ޖުލައި 14 ވާ ހުކުރު ދުވަހުގެ ރޭ ވަރަށް ޚާއްޞަ ދަރުސެއް ބޭއްވުމަށް ނިންމައިފިއެވެ.

އަހްލުއްސުންނަތި ވަލްޖަމާޢަތުގެ ޞައްޙަ ޢަޤީދާ ބަޔާން ކޮށްދިނުމަށް ބާއްވާ މިދަރުސްގެ މައުޟޫއަކީ 'ހަތަރު އިމާމުންގެ ޢަޤީދާ' މިއެވެ. މި އިވެންޓުގައި އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް، އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް، އައްޝައިޚް ޙަސަން މޫސާ ފިކްރީ އަދި އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ ވާހަކަފުޅުދައްކަވާގޮތަށްވަނީ ހަމަޖެހިފައެވެ.

ދަރުބާރުގޭ ރަންނަބަނޑޭރި މާލަމްގައި ބޭއްވުމަށް ނިންމާފައިވާ މިދަރުސް ސަންޓީވީ،  ވީއެފްއެމް އަދި ރޭޑިއޯ އެޓޯލް އިން ލައިވްކުރާގޮތަށްވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ޖަމްޢިއްޔަތުއްސަލަފުގެ ފޭސްބުކް، ޖަމްޢިއްޔަތުއްސަލަފުގެ ޔޫޓިއުބް އަދި ރޭޑިއޯ ސަލަފުންވެސް ލައިވްކުރާގޮތަށްވަނީ ހަމަޖެހިފައެވެ.

"ހަގީގަތުގައި މިފަހަކަށްއައިސް ޞައްޙަ ޢަޤީދާއާއި ޚިލާފު ބައެއް ފޮތްތައް ދިވެހި މުޖްތަމަޢުގަ ފަތުރަމުން އެބަދޭ. އޭގެ ނުރައްކާތެރިކަމަށް ދިވެހި މުޖްތަމަޢު ހޭލުންތެރިކޮށް އަހްލުއްސުންނާ ވަލް ޖަމާޢަތުގެ ޞައްޙަ ޢަޤީދާ އިތުބާރުހުރި ގޮތަށް މީސްތަކުންނަށް ގެނެސްދިނުމަކީ އަޅުގަނޑުމެންނަށް ވާޖިބުވެގެންވާ ކަމެއްކަމަށް ފެންނާތީ މި މުހިއްމު އިވެންޓު މިބާއްވަނީ" މިއިވެންޓުގެ ކޯޑިނޭޓަރު އައްޝައިޚް މުޖްތަބާ ޙަމީދު ވިދާޅުވިއެވެ.

"މިދަރުސަކީ އަޅުގަނޑުމެންގެ އެކްޓިވިޓީ ކަލަންޑަރުގަ ހިމަނައިގެން މާކުރިން ހަމަޖައްސައިފައިވާ ދަރުސެއް. ދަރުސް ބޭއްވުމަށް ތަންތަން ލިބުން ދަތިކަމަކަށްވާތީ މިދަރުސަށް ގާތްގަނޑަކަށް މީގެ 5 މަސް ކުރިން ދަރުބާރުގެވެސް އަޅުގަނޑުމެންވާނީ ހިފާފަ. އެހެންވީމަ މިދަރުސަކީ މިއަހަރަށް ޝެޑޫލްކޮށްފައިވާ އަޅުގަނޑުމެންގެ ބޮޑު އިވެންޓެއް" އައްޝައިޚް މުޖްތަބާ ޙަމީދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް