ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކަސްޓަމަރ ކެއަރ އޮފީހެއް ވިނަރެސް ފްލެޓްސްގެ ހަ ވަނަ ޓަވަރުގައި ހުޅުވައިފިއެވެ.
މިކަން ހާމަކޮށް މިއަދު އެޗްޑީސީއިން ބުނެފައިވަނީ އެޗްޑީސީން ދެމުންއަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ 'ވިނަރެސް' ޓަވަރު 6 ގައި އެޗްޑީސީގެ ކަސްޓަމަރ ކެއާ އޮފީހެއް ހުޅުވާފައިވާކަމަށެވެ.
"މިއީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކޮށް، ފަސޭހައިން އެޗްޑީސީގެ ކަސްޓަމަރ ކެއާ މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ މަގު ފަހިކުރުމަށް ގާއިމްކުރި އޮފީހެއް، މި އޮފީސް ގާއިމްކޮށްފައިވަނީ ވިނަރެސްގެ ހަވަނަ ޓަވަރުގެ އެއްވަނަ ފަންގިފިލާގައި" އެޗްޑީސީއިން ބުނެފައިވެއެވެ.
އެގޮތުން، ކަސްޓަމަރުންނަށް މައުލޫމާތު ސާފުކޮށްދިނުމާއި، އެކި ކަހަކަ ފޯމު އެޕްލިކޭޝަންތަކާއި ފައިސާ ބަލައިގަތުމުގެ ހިދުމަތްވެސް އެ އޮފީހުން ލިބޭނެކަމަށާއި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 02:00 އަށް އެ އޮފީސް ހުޅުވިފައި ހުންނާނެކަމަށް އެޗްޑީސީއިން ބުނެފައިވެއެވެ.
އެޗްޑީސީއިން ބުނެފައިވާގޮތުގައި 'ހިޔާ' ޓަވަރުގައި ގާއިމްކޮށްފައިވާ އެޗްޑީސީގެ އޮފީސް ދާއިމީކޮށް ބަންދުކުރުމާ ގުޅިގެން، އެ އޮފީހުން ދެމުންއައި ހުރިހާ ހިދުމަތެއް މީގެ ފަހުން ލިބޭނެ 'ވިނަރެސް' އެޗްޑީސީ އޮފީހުންނެވެ. އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ އެ ކޯޕަރޭޝަނުން ދެމުންއަންނަ ހިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅުކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް މަގަފަހިކޮށްދިނުމަށް ކަމުގައިވެސް އެޗްޑީސީއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް