ބީއެމްއެލްގެ ކާޑު މެޝިންތަކުން ވީޗެޓް ޕޭ އިން ފައިސާދެއްކޭ ހިދުމަތް ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން ވެއިޝިންގ ޕޭ، ނުވަތަ ބައިނަލްއަޤްވާމީ މާކެޓްގެ އާންމު ނަމުންނަމަ ވީޗެޓް ޕޭ ބޭންކުގެ ޕޮއިންޓް-އޮފް-ސޭލް (ޕީއޯއެސް) ޓަރމިނަލް ނެޓްވޯކްގައި ބޭނުންކުރެވޭ ގޮތް ހަމަޖއްސައިފިއެވެ...

13 May 2024 | 16:22

ބޭންކް އޮފް މޯލްޑިވްސް އިން ވެއިޝިންގ ޕޭ، ނުވަތަ ބައިނަލްއަޤްވާމީ މާކެޓްގެ އާންމު ނަމުންނަމަ ވީޗެޓް ޕޭ ބޭންކުގެ ޕޮއިންޓް-އޮފް-ސޭލް (ޕީއޯއެސް) ޓަރމިނަލް ނެޓްވޯކްގައި ބޭނުންކުރެވޭ ގޮތް ހަމަޖއްސައިފިއެވެ.

މިއާއެކު، ޗައިނާގެ މަގްބޫލު މިއެޕުން ކިއުއާރު ޕޭމަންޓްތައް ވިޔަފާރިތަކަށް މިހާރު ފައިސާ ބަލައިގަނެވޭނެކަމުގައި އެ ބޭންކުން ބުނެއެވެ.

މީގެ ކުރިން ވީޗެޓް ޕޭ ލިބެނީ ހަމައެކަނި ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށެވެ.

މި ޚިދުމަތާއި ގުޅޭގޮތުން އެ ބޭންކުގެ ޑައިރެކްޓަރ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ މި ހިދުމަތް ފަށާފައި މިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޑިއުޓީފްރީ ގައި ހިމެނޭ ވިޔަފާރިތަކުގައި ކަމަށާއި ބޭންކުގެ ޕީއޯއެސް ނެޓްވޯކްގައި ވީޗެޓް ޕޭ ބަލައިގަނޭވޭ ގޮތަށް ހަމަޖެހިގެން ދިޔުމާއެކު، ވެއިޝިން އަދި ވީޗެޓް ޕްލެޓްފޯމް ބޭނުންކުރާ 1 ބިލިއަން އެކްޓިވް ކަސްޓަމަރުންނަށް ދިވެހި ރާއްޖޭގެ ކޮންމެ ސަރަހައްދެގައި ގާއިމުވެފައިވާ ވިޔަފާރިއަކަށްވެސް ފައިސާދެއްކޭނެ ގޮތް މިވަނީ ފަހިވެފައި ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ކަސްޓަމަރުންނާއި ވިޔަފާރިތަކަށް ފައިސާގެ މުއާމަލާތްކުރުމުގައި ފެންވަރު ރަނގަޅު ހިދުމަތެއް ދިނުން. މިގެނެވުނު ބަދަލާއެކު، އަޅުގަނޑުމެންގެ ކަސްޓަމަރުން އިހްތިޔާރުކުރާ ގޮތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެގޮތް މިވަނީ ހަމަޖެހިގެންގޮސްފައި." އޭނާ ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި މަރޗަންޓް ޕޭމަންޓް ސޮލިއުޝަން އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެކި ވިޔަފާރި ސެގްމެންޓްތަކާއި ކަސްޓަމަރުން ބޭނުންވާ ގިނަ ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ފޯރުކޮށްދޭ ބޭންކެކެވެ.

އެމެރިކަން އެކްސްޕްރެސް، ވިސާ، މާސްޓަރކާޑް، ޔޫނިއަން ޕޭ ފަދަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ އިތުރުން ބީއެމްއެލް ޕޭ، އަލީ ޕޭ، އެޕަލް ޕޭ، އަދި ގޫގުލް ޕޭ ފަދަ ޑިޖިޓަލް ވޮލެޓް މެދުވެރިކޮށް ފައިސާ ބަލައިގަނޭވޭ ހިދުމަތް ބޭންކުން ދަނީ ފޯރުކޮށްދެމުންނެވެ. ޕީއޯއެސް ޓަރމިނަލްގެ އިތުރުން ބޭންކުގެ މަރޗަންޓް ޕޯޓަލް އަދި އެމްޕޮސް އެޕް މެދުވެރިކޮށް މަރޗަންޓުންނަށް އޮންލައިންކޮށް ކޮންމެ ތަނެއްގައި ހުރެގެންވެސް ފައިސާ ބަލައިގަނެވޭނެއެވެ. އަދި މި ހިދުމަތް ބޭނުންކޮށްގެން ޕޭމަންޓް ރިކުއެސްޓް ފޮނުވާ، ފައިސާގެ މުއާމަލާތް ޗެކްކުރުމާއި އޮންލައިން ސްޓޯރތައް މެނޭޖްކުރެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް