ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ މަސައްކަތް މި މަހު ފައްޓަވާނެ ކަމުގައި ތައުލީމީ ކަންތައްތަކާއިބެހޭ ވަޒީރު ޑރ. އަހްމަދު ޝަފީއު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަފީއު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސް އަށް މިއަދު ދެއްވި އިންޓަވިއުއެއްގައެވެ.
އެ އިންޓަވިއުގައި ޝަފީއު ވިދާޅުވީ މި މަޝްރޫއު ކުރިއަށްގެންދަން ނިންމާފައިވަނީ އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާއިއެކުގައި ކަމަށެވެ. އަދި މިކަން ކުރުމަށް ވިސްނާފައިވަނީ ސޯލާ ޕެނަލް ހަރުކުރެވޭނެ ސްކޫލުތައް ވަކިން ފާހަގަކޮށް ކުޑަ ޚަރަދެއްގައިކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.
މި މަސައްކަތް މި މަހުގެ ފަހުކޮޅު ފަށްޓަވާނެކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވެފައިވަނީ މަސައްކަތް ފެށުމުގެ ކުރިން ސްކޫލުތަކުގެ ކަރަންޓު ހާލަތު ދެނެގަންނާނެކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ މި މަޝްރޫއު 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު ނިންމާލަވޭނެ ކަމަށެވެ.
މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން ސްކޫލްތަކަށް ވަޑައިގެން ބޭއްވި ބައްދަލުވުންތަކަށްފަހު އެމަނިކުފާނަށް ފެނިވަޑައިގެން ކުރިއަށްގެންދަން ނިންމެވި މަޝްރޫއެއްކަމުގައިވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް