ގައުމީ ސަރފިންގ ޓީމުގެ އޮފިޝަލް ސްޕޮންސަރޝިޕް މުއްދަތު ބީއެމްއެލް އިން އިތުރުކޮށްފި

މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަން (އެމްއެސްއޭ) އާ އެކު ސީނިއަރ އަދި ޖޫނިއަރ ޓީމުތައް ހިމެނޭހެން ގައުމީ ސަރފިންގ ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރަށް ވުމަށް ވެފައިވާ އެއްބަސްވުން ބޭންކް އޮފް މޯލްޑިވްސްއިން ...

13 May 2024 | 15:37

މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަން (އެމްއެސްއޭ) އާ އެކު ސީނިއަރ އަދި ޖޫނިއަރ ޓީމުތައް ހިމެނޭހެން ގައުމީ ސަރފިންގ ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރަށް ވުމަށް ވެފައިވާ އެއްބަސްވުން ބޭންކް އޮފް މޯލްޑިވްސްއިން އިތުރުކޮށްފިއެވެ.

ބޭންކުން ބުނެފައިވާގޮތުގައި މި ޕާޓްނަރޝިޕްގެ ދަށުން، މި ކުޅިވަރުގައި ޒުވާން މޮޅު ކުދިންގެ ހުނަރު ޕްރޮމޯޓް ކުރުމަށް އެމްއެސްއޭ އިން ކޮންމެ އަހަރަކު ބާއްވަމުންދާ ނޭޝަނަލް ޖޫނިއަރ ސަރފިންގ ޗެންޕިއަންޝިޕަށްވެސް ބީއެމްއެލްގެ އެހީތެރިކަން ލިބޭނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ސަރފިން އަކީ ރާއްޖޭގައި މަގުބޫލުކަން ހޯދަމުންދާ އަދި ކުރިއަރަމުންދާ ކުޅިވަރެއް ކަމަށާއި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކުންވެސް މި ކުޅިވަރަށް ވަރަށް ބޮޑަށް ޝައުގުވެރިވާކަމަށެވެ. ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ކާމިޔާބު ހޯދުމުގެ ހުނަރު ސަރފިންގެ އެތުލީޓުންގެ ފަރާތުން ފެންނަކަމާއި މީގެ ކުރިންވެސް އެތުލީޓުން ވަނީ އެކަން ހާމަކޮށްދީފައިކަން އޭނާ ފާހަގަކުރެއްވިއެވެ.

އެމްއެސްއޭގެ ރައީސް، މުހައްމަދު ސަބާހު ވިދާޅުވީ ބީއެމްއެލް އިސްލާމިކްއާ ގުޅިގެން މި ޕާރޓްނާޝިޕް ދެމެހެއްޓޭކަމީ އެ އެސޯސިއޭޝަނަށް ލިބޭ އުފަލެއް ކަމަށާއި އެ އެސޯސިއޭޝަންގެ ގައުމީ ޓީމުތަކަށް ދެއްވާ އެހީއާއި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށާއި އެ އެސޯސިއޭޝަންގެ ޒުވާން އެތުލީޓުން ކުރިއަރުވަން ބޭންކުން ކުރާ މަސައްކަތް އުފަލާއެކު ފާހަގަކުރާކަމަށެވެ.

ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކާއި ޕާރޓްނާޝިޕްތަކުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ މުހިންމު ދަރުރެއް އަދާކުރަމުންނެވެ. މީގެ އިތުރުން ބޭންކުން ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި އެތުލީޓުން ކުރިއެރުވުމަށް ސްޕޯޓްސް ސްކޮލަރޝިޕްވެސް ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް