ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިނާއީ ސަރަހައްދުގެ ދުވާރުމަތީގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހުއްދަ ނެތި ބަހައްޓާފައިތަކެތި 30 ދުވަސް ތެރޭގައި ނެގުމަށާއި، ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހީގެ ހުސް ބިންތަކުގައި ގަވައިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ނަގަން އެ ކޯޕަރޭޝަނުން މިއަދު އަންގައިފިއެވެ.
އެގޮތުން އެޗްޑީސީއިން މިއަދު ބުނެފައިވަނީ ސިނާއީ ސަރަހައްދުގައި ގަވައިދާ ހިލާފަށް ދިގު މުއްދަތަކަށް ތަކެތި ބަހައްޓަމުން ދިއުމުގެ ސަބަބުން އެ ސަރަހައްދުގައި މަސައްކަތްކުރާ ފަރާތްތަކަށާއި އަދި ހިދުމަތް ހޯދާ ފަރާތްތަކަށް ގިނަ ދަތިތައް ކުރިމަތިވާކަމުގެ ޝަކުވާ މި ކޯޕަރޭޝަނަށް ލިބެމުން އަންނަ ކަމަށެވެ. އަދި އެގޮތަށް ތަކެތި ބަހައްޓާފައިވާ ތަންތަނުގައި މަދިރި އާލާވާގޮތަށް ހުރުމުން ނުރައްކާތެރި ބަލިތައް ފެތުރުމަށް މަގުފަހިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިފަދަ ތަންތަން ސާފުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުން އަންނަކަމަށެވެ.
"އެހެންކަމުން ސިނާއީ ސަރަހައްދުގެ ދުވާރުމަތީގައި ބަހައްޓާފައިވާ ތަކެތި ވީހާވެސް އަވަހަކަށް ނަގައި ސާފުކޮށްދިނުމަކީ މި ކޯޕަރޭޝަންގެ ވަރަށް ބޮޑު އެދުމެއް، އަދި ކަނޑައެޅިފައި ވާ މުއްދަތުގައި ނުނަގާ ހުންނަ ތަކެއްޗަކީ ވެރި ފަރާތުން ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތިކަމުގައި ބަލައި، އެ ތަކެތި ނަގައި ސާފުކުރުމުގެ މަސައްކަތް މި ކޯޕަރޭޝަނުން ކުރާނެ ކަމުގައި ދަންނަވަން، އަދި މި މަސައްކަތުގައި ތަކެއްޗަށް ނުވަތަ ތަކެތީގެ ވެރިފަރާތަށް ލިބޭ ގެއްލުމަށް މި ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަން ވެސް ދަންނަވަން" އެޗްޑީސީއިން މިއަދު ބުނެފައިވެއެވެ.
މީގެ އިތުރުން ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހީގައި އެ ކޯޕަރޭޝަނުން ކުރިއަށް ގެންދަން ކަނޑައަޅާފައިވާ ޕްރޮޖެކްޓްތައް ފެށުމަށްޓަކައި، ބިން ހުސްކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށާއި އެހެންކަމުން ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ހުސް ބިންތަކުގައި ގަވައިދާ ހިލާފަށް ތަކެތި ބަހައްޓައިގެން ބޭނުން ކުރުމަކީ މަނާކަމެއް ކަމާއި، މިގޮތަށް ބިންތައް ބޭނުން ކުރާ ފަރާތްތަކުން 7 ޖޫން 2024 ގެކުރިން އެފަދަ ތަކެތި ނަގައި ބިން ސާފުކޮށްދިނުމަށް އެދޭކަމަށް އެޗްޑީސީއިން ބުނެފައިވެއެވެ.
ހުޅުމާލެ ތަރައްގީކޮށް ރައްޔިތުންނަށް ބޭނުންވާ ގިނަ ވަސީލަތްތައް ގާއިމްކޮށް، ހުޅުމާލެއަކީ ދިރިއުޅެން ފަސޭހަ ރައްކާތެރި ތަނަކަށް ހެދުމަށް އެޗްޑީސީއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް