މާލެއިން ގެއްލިގެން ހޯދަން އިއުލާނު ކުރި މީހާ ފެނިއްޖެ އެވެ.
ފުލުހުން އިއްޔެ އާންމުންގެ އެހީތެރިކަމަށް އެދުނީ ފުވައްމުލަކު ސިޓީ ދޫޑިގަން އުމުރުން30 އަހަރުގެ ހަސަން ޖަމީލް ހޯދާށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ އޭނާ ފެނުނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. ފެނުނު އިރު ޖަމީލްގެ ހާލު ރަނގަޅު ކަމަށް ވިދާޅުވި އެވެ.
އޭނާ ފެނުނު ތަނެއް އަދި ގެއްލެން ޖެހުނު ސަބަބެއް އަދި ނޭނގެ އެވެ.
އާއިލާ އާއި ހަވާލާދީ ފުލުހުން އިއްޔެ ބުނެފައިވާ ގޮތުގައި ޖަމީލްގެ ހަބަރެއް އެންމެ ފަހުންވީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު އެވެ. އޭނާ ހުރީ މާލޭގައި ކަމަށް އެ ދުވަހު ފޯނުން އާއިލާއަށް މައުލޫމާތުދިން ކަމަށް ބުނެފައިވެ އެވެ.
އޭނާ ގެއްލިގެން ފުލުހުންނަށް އާއިލާއިން ރިޕޯޓު ކުރީ އަންގާރަ ދުވަހު އެވެ.
މި ފަހުން ޒުވާނުންނާއި ފުރާވަރު ކުޑަކުދިން ގެއްލުމުގެ މައްސަލަތައް އިތުރެވެ. އޭގެން ގިނަ މީހުންނާއި ކުދިން ފެނިފައިވަނީ ފުލުހުންނަށް މައްސަލަ ހުށަހެޅުމުން އާންމުންގެ އެހީތެރިކަމަށް އެދޭ ހިސާބުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް