ކުޑަކުދިންތަކެއް އަނިޔާ ކުރި ކުއްޖާއަށް ފަރުވާ ދިނުމަށް ފަހު އެ މައްސަލަ ބަލަން ފަށައިފި އެވެ.
ރަށެއްގައި ސްކޫލު ކުދިންތަކެއް، ކުއްޖެއްގެ ގައިގައި ތަޅައި އަނިޔާކުރުމުގެ އިތުރުން އެ ކުއްޖާއަށް ބުލީކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. މި ހާދިސާ ހިނގާފައިވަނީ އުތުރުގެ ރަށެއްގައި އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ އެ ހާދިސާއާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަަމަށެވެ. މިނިސްޓްރީން ބުނީ މައްސަލައަކީ ކުޑަކުދިންތަކަކާއި ގުޅުން ހުރި މައްސަލައަކަށް ވާތީ އެ މައްސަލަ ބަލަނީ ކަމާއި ގުޅޭ އިދާރާތަކާއި ގުޅިގެން ކަމަށެވެ.
އެގޮތުން ސްކޫލް މެނޭޖްމެންޓުވެސް މައްސަލައިގަ ހިމެނޭ ކުދިންގެ އާއިލާތަކާއި ގުޅިގެން މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓްރީން ބުނީ ހާދިސާ ހިނގި ރަށުގައި ސްކޫލު ކުދިންނަށް އަމާޒުކޮށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އާއި ފެމިލީ އެންޑް ޗައިލްޑް ސާވިސް ސެންޓަރު ގުޅިގެން ސެޝަންތަކެއް ވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އަނިޔާ ލިބުނު ކުއްޖާ އާއި އެ ކުއްޖާގެ އާއިލާއަށް ދޭން ޖެހޭ ނަފްސާނީ އެހީތެރިކަން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެޝަން ސާވިސަސް އިން ދޭނެ ކަމަށެވެ.
އާންމުވި ވީޑިއޯ އިން ފެންނަނީ ކުއްޖާގެ ގަމީހުގައި ހިފައިގެން ގަދަކަމުން ވަލުތެރެއަށް ގެންގޮސް އެ ކުއްޖާ ބިންމައްޗަށް ވައްޓާލައި އަނިޔާކުރަނިކޮށެވެ. އެ ކުއްޖާގެ ގައިގައި ދަނޑިބުރިއެއް ކަހަލަ އެއްޗަކުން ވަރަށް ބާރަށް ތަޅައި ހެދި އިރުވެސް ރުއިން ފިޔަވައި، ކުއްޖާ ރައްދުގައި އެއްވެސް ކަމެއް ނުކުރެ އެވެ.
އޭގެ ފަހުން ކުއްޖާއަށް ވަރަށް ބޮޑަށް އެ ކުދިން ބުލީކުރެ އެވެ.
މި ވީޑިއޯ އާންމު ކުރުމުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އިން ކުރި ޓްވީޓެއްގައި ބުނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ރަށު ކައުންސިލްގެ އިތުރުން ރަށުގެ އިޖުތީމާއީ ބަދަހި މަދަދުވެރިން (އިބަމަ) މެމްބަރުންނާއި ފުލުހުން ގުޅިގެން މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ކުއްޖާއަށް އަނިޔާކުރާ ވީޑިއޯ ދައުރުވަމުންދާތީ އެ ސާވިސް އިން ވަނީ އެ ވީޑިއޯގެ ސަބަބުން ކުއްޖާއަށް ފަހުން ވެސް ނަފްސާނީ އަސަރުކުރާނެ ކަމަށާއި އެހެންވެ ކުއްޖާގެ ކަރާމާތަށް ގެއްލުންވާ އެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުނުކުރުމަށް އެދިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް