ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް އައްޝައިޚު ޚަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވުމުން އެކަމުގެ ހިތާމައިގައި ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ ޔޫ.އޭ.އީގެ ރައީސް އައްޝައިޚު ޚަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވުމުގެ ހިތާމައިގައި، ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ނިންމަވާފައި ވަނީ މާދަމާއިން ފެށިގެން މިމަހުގެ 16 ވާ ހޯމަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
ޔޫ.އޭ.އީގެ ރައީސް އައްޝައިޚު ޚަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވީ މިއަދު މެންދުފަހުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރު ފުޅަކީ 73 އަހަރެވެ.
ޝެއިޚް ޚަލީފާ ބިން ޒައިދް އަލް ނަޙްޔާނަކީ ޔޫއޭއީގެ ފުރަތަމަ ރައީސް، ޝެއިޚް ޒައިދް ބިން އަލް ސުލްތާން އަލް ނަޙްޔާންގެ ދޮށީ ދަރިކަލުންނެވެ.
ބައްޕާފުޅު އަވަހާރަވުމާއިއެކު ޝެއިޚް ޚަލީފާ ޔޫއޭއީގެ ރައީސް ކަމުގެ މަޤާމާއި ހަވާލުވެވަޑައިގެންފައިވަނީ 2004 ވަނަ އަހަރުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް