ތިން ރަށެއްގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
އެމްޓީސީސީން ބުނީ އދ. ދިގުރަށާއި، އއ. އުކުޅަހާއި، ށ. މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެ ކުންފުންޏާއި އިއްޔެ ހަވާލު ކޮށްފައިވާ ކަމަށެވެ.
ދިގުރަށު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން 64,416 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 6,770 މީޓަރުގެ ނެރު ފުންކުރުމާއި، 294 މީޓަރު އެއްގަމު ތޮށި އަދި 287 މީޓަރުގެ ބޭރުތޮށި ލުމާއި، 98 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ އިތުރުން، މޫރިންގ ބޮއެ ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެކުންފުނިން ހާމަކުރެއެވެ.
އަދި 2,324 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
މީގެ އިތުރުން ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ރޭމްޕެއް ހެދުމުގެ މަސައްކަތްވެސް ކުރެވިގެންދާނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.
މި މަސައްކަތާއެކު ދިގުރަށުގެ ބަނދަރުގެ މިހާރު އޮތް ޖާގަ ދެގުނައަށް ބޮޑުވެގެން ދާނެ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
އެމްޓީސީސީން ބުނީ މި ކޮންކްރީޓް ޖެޓީގެ ސަބަބުން ޑިންގީތަކާއި ކުދި ލޯންޗްފަހަރު އެޅުމުގައި އިތުރު ޖާގައިގެ ތަނަވަސްކަން ލިބި އަދި ރޭމްޕަށް މުދާ ހިފައިގެން އަންނަ ކޮޅުވެއްޓި ފަދަ އުޅަނދުތަކަށް ކައިރިކޮށް މުދާ ބޭލުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.
މިއީ 53 މިލިއަން ރުފިޔާ ހަރަދުކޮށްގެން ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން 570 ދުވަސް ތެރޭގައި ނިންމުމަށް ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.
އެމްޓީސީސީން ބުނީ އުކުޅަހު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، 4,954 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، ބަނދަރު ބޮޑުކުރުމަށް 264 މީޓަރު އެއްގަމު ތޮށި އަދި 5 މީޓަރުގެ ބޭރުތޮށި ލުމުގެ އިތުރުން 553 މީޓަރު ރިވެޓްމެންޓް ޖަހަން ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން 1,640 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތާއި ކޮންކްރީޓް ޖެޓީއެއް ހެދުމާއެކު ކަނެކްޓިވިޓީ ބްރިޖެއްގެ މަސައްކަތްވެސް ކުރެވިގެންދާނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.
މި ކޮންކްރީޓް ޖެޓީ ގާއިމު ކުރުމުގެ ސަބަބުން ޑިންގީތަކާއި ކުދި ލޯންޗްފަހަރު އެޅުމުގައި އިތުރު ޖާގައިގެ ތަނަވަސްކަން އުކުޅަހު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
މީގެ އިތުރުން އެމްޓީސީސީން ބުނީ އުކުޅަހު ބަނދަރުގައި އަލަށް ތަރައްޤީކުރެވިފައިވާ ސަރަހައްދުގެ ބަނދަރުގެ އެތެރެ ފުންކޮށް، ޖެޓީ، ޕޭވްމަންޓް، އެއްގަމު ތޮށި އަދި ބޭރު ތޮށިލުމުގެ މަސައްކަތްވެސް ކޮށްފައިވާނީ އެ ކުންފުނިން ކަމަށެވެ.
މި މަޝްރޫޢުއަކީ 37.2 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.
އެމްޓީސީސީން ބުނީ މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، 59,013 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 3,245 މީޓަރުގެ ނެރު ފުންކުރުމާއި، 312 މީޓަރު އެއްގަމު ތޮށި އަދި 362 މީޓަރުގެ ބޭރުތޮށި ލުމާއި، 105 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
އަދި 1,509 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، މޫރިންގ ބޮއެ ހަރުކުރުމުގެ އިތުރުން ނެރުބައްތި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މީގެ އިތުރުން ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ރޭމްޕެއް ހެދުމުގެ މަސައްކަތްވެސް ކުރެވިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނީ މި މަސައްކަތް ނިމުމާއެކު، މާއުނގޫދޫގެ ބަނދަރުގެ ޖާގަ ދެގުނައަށް ބޮޑުވެގެން ދާނެ ކަމަށެވެ.
މި މަޝްރޫޢުއަކީ 59.7 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން 475 ދުވަހުގެ ތެރޭގައި ނިންމުމަށް ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.
މި މަޝްރޫޢުތައް ޙަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ
އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙުމަދު ޙަމީދެވެ.
ވޭތުވެދިޔަ ތިން އަހަރުތެރޭ އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން ބިން ހިއްކުމުގެ ގިނަ
މަޝްރޫޢުތަކެއް ފުރިހަމަ ކޮށްފައެވެ.
1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް