ކުޑައިރު ރާޅާއަޅައިގެން ސޯޓު އޮޔާ ދިއުމުން ގެއަށް ދިޔައީ އަނދިރިވީމަ: ރީކޯ

ކުޑައިރު ރާޅާއަޅައިގެން ސޯޓު އޮޔާ ދިއުމުން ގެއަށް ދިޔައީ އަނދިރިވީމަ ކަމަށް، ކުރީގެ މަޝްހޫރު ފިލްމީ ތަރި މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ. 'ރީލް ޓު ރީލް' ގައި ވާހަކަ ދައްކަމުން މޫސަ ވިދާޅުވީ ކ...

13 May 2021 | 17:50

ކުޑައިރު ރާޅާއަޅައިގެން ސޯޓު އޮޔާ ދިއުމުން ގެއަށް ދިޔައީ އަނދިރިވީމަ ކަމަށް، ކުރީގެ މަޝްހޫރު ފިލްމީ ތަރި މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

'ރީލް ޓު ރީލް' ގައި ވާހަކަ ދައްކަމުން މޫސަ ވިދާޅުވީ ކުޑައިރުގެ ދެ ވައްތަރެއްގެ ހަނދާން ހުންނާނެ ކަމަށާއި، އޭގެ ތެރެއިން ރާނީ ވަޑައިގެންނެވި ހަނދާން ވެސް ހުންނަ ކަމަށެވެ. އަދި ބޮޑެތި ހަންދާންތައް ވެސް ހުންނަ ކަމަށެވެ.

އޭގެ އިތުރުން ކުޑައިރުގެ މަޖާ ހަނދާންތަކެއް ހުންނާނެ ކަމަށް ބުނަމުން މޫސަ ބުނީ، ކުޑައިރު ސްކޫލުން ގެއަށް ގޮސް، ފޮތްތައް ބަހައްޓާފައި ފިލާވަޅުވެސް ދަސްނުކޮށް މޫދަށް ދާ ކަމަށެވެ. ގެއާ ދިމާލުން މޫދަށް ދާއިރު، މޫސަގެ މަންމަ ބަލާ ދާ ކަމަށް ވެސް ބުނެއެވެ.

އެެހެން އުޅުމުގައި ވަރަށް އާދަޔާޚިލާފު ކަންކަން ކުރިމަތިވެފައިވާ ކަމަށް ބުނަމުން މޫސަ ކިޔައިދިނީ އޭނައަށް ދިމާވި މަޖާ ކަމެއްގެ ވާހަކައެވެ.

ރާޅާ އަޅަން ދާއިރު، ބޮޑެތި ރާޅު ހުންނަ ދުވަސްދުވަހު ގޭގެ ބޮޑުއަށިން މަޅު ފޮއްޗެއް ނަގައިގެން ދާ ކަމަށް ބުންޏެވެ. އެއްދުވަހަކު ރާޅާއަޅަން ގޮސްފައި، ތެދުވަން ބަލައިލިއިރު ސޯޓެއް ނެތް ކަމަށާއި، ސޯޓު އޮޔާ ގޮސްފައިވާކަން މޫސަ އަށް އެނގުނެވެ.

އެހެންކަމުން ތެދުވެގެން ނުދެވޭނެތީ އިރުއޮއްސެންދެން މޫދުގައި އުޅުނުކަމަށް މޫސަ ބުންޏެވެ.2:30 ހާއިރު މޫދަށް ދިޔަގޮތަށް، އެކަމާހުރެ މޫދުން އަރައިގެން ގެއަށް ދިޔައީ އަނދިރި ވި އިރު ކަމަށް މޫސަ ބުންޏެވެ.

ގެ މާ ދުރުނޫން ކަމަށާއި، އެވަރުން ދަނިކޮށްވެސް ގޭދޮށު އުޅޭ މީހަކަށް ފެނިގެން 'މޫސާ މަނިކު ހުސްގަޔާ ދާ ތަން ދުށީމޭ' އޭނާގެ މަންމަ ކައިރީ ބުނިކަމަށް މޫސަ ބުނެއެވެ.

ކުޑައިރުގެ މިފަދަ ހަނދާންތަކުން ފެށިގެން މޫސަވަނީ އޭނާގޭ ދިރިއުޅުމުގެ ބައެއް ވާހަކަތައް ވެސް މި ޝޯގައި ހިއްސާކޮށްފައެވެ. އުމުރުން60 ވިޔަސް އަދިވެސް ހިތް ޅަ ކަމަށް ބުނަމުން މޫސަ ވަނީ އޭނައަށް ސިޔާސީ ހަޔާތަށް އަލިއަޅުވާލައި ވެސް ވާހަކަ ދައްކާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް