އީޔޫގެ ކޯޓަކުން އިސްރާއީލުގެ އުފެއްދުންތައް އެތެރެ ކުރުން މަނާ ކުރުމަށް ހުށަހަޅާފައިވާ ގުރޫޕަކާއި އެއްކޮޅަށް

އިސްރާއީލުގެ އުފެއްދުންތައް އެތެރެ ކުރުން މަނާ ކުރަން ޕްރޮޕޯސަލްއެއް ހުށައަޅާފައިވާ ގްރޫޕަކާއި އެއްކޮޅަށް ތާއީދު ކުރަން ޔޫރަޕިއަން ޔޫނިއަންގެ ދެވަނައަށް އެންމެ ބޮޑު ކޯޓުން ނިންމައިފިއެވެ. ބުދަ ދުވަހު ...

13 May 2021 | 16:55

އިސްރާއީލުގެ އުފެއްދުންތައް އެތެރެ ކުރުން މަނާ ކުރަން ޕްރޮޕޯސަލްއެއް ހުށައަޅާފައިވާ ގްރޫޕަކާއި އެއްކޮޅަށް ތާއީދު ކުރަން ޔޫރަޕިއަން ޔޫނިއަންގެ ދެވަނައަށް އެންމެ ބޮޑު ކޯޓުން ނިންމައިފިއެވެ.

ބުދަ ދުވަހު މި ކޯޓުން ދައުވާ ކުރި މީހުންނާއި އެއްކޮޅަށް މައްސަލަ ނިންމުމާއި ގުޅިގެން، 2019 ވަނަ އަަހަރު އީޔޫގެ ބްލޮކްސް އެގްޒެކެޓިވުން އެ މީހުންގެ މައްސަލަ ރަޖިސްޓަރ ނުކޮށްދޭން ނިންމި ނިންމުން ވަނީ ބާޠިލް ވެފައެވެ.އެ ގުރޫޕުން މައްސަލަ ހުށަހަޅާފައި ވަނީ ޔޫރަޕިއަން ކޮމިޝަންގެ ނިންމުމަކާއި ދެކޮޅަށެވެ.

ލަގްޒަމްބާރގުގައި ހުންނަ އެކުވެރި އިއްތިހާދުގެ ޖެނެރަލް ކޯޓުން ބުނެފައިވަނީ، އެ މީހުންގެ ހުށަހެޅުން ރެޖިސްޓަރ ކޮށްދީފައި ނުވާ ސަބަބު ހާމަ ކޮށްދޭން ޔޫރަޕިއަން ކޮމިޝަނުން ފެއިލްވެފައިވާ ކަމަށެވެ. އަދި ޔޫރަޕިއަން ސިޓިޒަންސް އިނީޝިއޭޓިވް (އީސީއައި) ތަކުގެ ތެރެއިން އެއް މިލިއަން އީޔޫ ރައްޔިތުންގެ ތާއީދާއިއެކު ހުށަހަޅާ ހުށަހެޅުންތައް ބަލައިގަތުމަކީ ޔޫރަޕިއަން ކޮމިޝަންގެ މައްސޫލިއްޔަތެއް ކަމަށްވެސް ކޯޓުން ބުނެފައިވެއެވެ.

ޔޫރަޕިއަން ކޮމިޝަނުން މި ހުށަހެޅުން ކުރިން ބަލައިގަނެފައި ނުވަނީ، ތިންވަނަ ޤައުމަކާއި ދެމެދު އިޤްތިޞާދީ ގުޅުން ހީނަރު ވެދާނެ ކަމުގެ ބިރަށްޓަކައި ކަމަށް ޔޫރަޕިއަން ކޮމިޝަނުންވަނީ ބުނެފައެވެ. ނަމަވެސް، ކޯޓުން ބުނެފައިވަނީ، ހުށަހެޅުން ހުށަހެޅި ފަރާތްތަކަށް ކޮމިޝަންގެ ނިންމުން ބިނާ ކޮށްފައިވާ ސަބަބުތައް ފުރިހަމައަށް ފޯރުކޮށް ދެވެން ޖެހޭނެ ކަމަށެވެ.

މި މައްސަލަ ލަގްޒަމްބާރގު ގެ ކޯޓަށް ވައްދާފައިވަނީ ކޮލޮމްބިއާ ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޓޮމް މުއަރެންހޫޓުގެ އިސްނެގުމާއިއެކު އިތުރު 6 އީޔޫ ރައްޔިތަކު ގުޅިގެންނެވެ.ޓޮމް މުއަރެންހޫޓަކީ ފާޅުގައި އިސްރާއީލުގެ އުފެއްދުންތައް އެކުވެރި އިއްތިޙާދުގެ ޤައުމުތަކަށް އެތެރެ ކުރުމާއި ދެކޮޅަށް އަޑު އުފުލަމުންދާ ފަރާތެކެވެ.

މި މީހުންވަނީ ޔޫރަޕިއަން ކޮމިޝަންގެ ކުރީގެ ނިންމުމާއި ގުޅިގެން އެ ކޮމިޝަންއާއި ދެކޮޅަށް ދައުވާކޮށް މައްސަލަ ހުށަހަޅާފައެވެ. ޔޫރަޕިއަން ކޮމިޝަނުން ބަލައި ނުގަނެ ރައްދު ކޮށްފައިވަނީ، 2019ވަނަ އަހަރު، އިސްރާއީލުން ގަދަކަމުން ހިފާފައިވާ ފަލަސްޠީނުގެ ސަރަޙައްދުތަކުގައި ތިބި އިސްރާއީލުގެ ފަރާތްތަކާއި އެކު އެކުވެރި އިއްތިޙާދުން ވިޔަފާރީގެ މުޢާމަލާތްތައް ކުރުން މަނާ ކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމެކެެވެ.

މި އީސީއައި ޕްރޮޕޯޒަލް ހުށަހެޅުމުގެ މަޤްޞަދަކީ އެކުވެރި އިއްތިޙާދުގެ ކުންފުނިތަކުން ބައިނަލްްއަޤްވާމީ ޤާނޫނުގައިވާ އުސޫލުތަކުގެ މަތިން، ގަދަ ކަމުން ފޭރިގަނެފައިވާ ބިންތަކުގައި، އެ ބިން ފޭރިގަތް ފަރާތުން ތައްްޔާރު ކުރާ އުފެއްދުންތައް އެކުވެރި އިއްތިޙާދުގެ ޤައުމުތަކަށް އެތެރެ ކުރުން ހުއްޓުވުމެެވެ. މިފަދަ އުފެއްދުންތައް ހުއްޓުވުމަކީ ބައިނަލްްއަޤްވާމީ ޤާނޫންގެ ދަށުން ޤަނޫނާއި ޚިލާފު ވިޔަފާރީގެ މުއާމަލާތެއް ކަމަށް ވާއިރު، މިފަދަ ވިޔަފާރީގެ މުއާމަލާތްތައް ކުރުމަކީ އެ ޤާނޫންގެ ދަށުން މަނާ ކަމަކެެވެ.

މި ހުށަހެޅުމާއި ގުޅޭ ގޮތުން 2019ވަނަ އަހަރު ޓޮމް ބުނެފައިވަނީ،މި ހުށަހެޅުމުގައި ސީދާ އިސްރާއީލް  ފާހަގަ ކޮށްފައި ނުވީ ކަމުގައި ވީނަމަވެސް، މި ހުށަހެޅުމުގައި އެފަދަ ހުރިހާ މައްސަލަތަކެއް ހިމެނޭނެއެވެ.އަދި ފޭރިގަނެފައިވާ ބިންތަކުގެ ރައްޔިތުންގެ މަސްލަޙަތު ހިމާޔަތްކުރާ ނުކުތާތަށް ދިފާއު ކޮށްފައިވާނެ ކަމަށެވެ. މި އުސޫލުތަކަކީ އިސްރާއީލުގެ އިތުރުން، މޮރޮކޯއިން ހިފާފައިވާ ހުޅަނގު އެފްރިކާގެ ބިންތަކަށާއި، މިފަދަ އެހެނިހެން ބިންތަކަށްވެސް ފެތޭ އުސޫލުތަކެއް ކަން ޓޯމް ފާހަގަ ކުރައްވާފައި ވެއެވެ.

އިސްރާއީލުން ތަކުރާރުކޮށް އަންނަނީ އެ ޤައުމުން ފަލަސްޠީނުގެ ބިންތަކަށް އަތްގަދަ ކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނާއި ޚިލާފު ކަމެއް ނޫން ކަމަށް ބުނެ، އެ އަމަލުތައް ދިފާއު ކުރަމުންނެވެ.މި ބިންތަކަކީ 1967ގެ ޢަރަބި އިސްރާއީލުގެ ހަނގުރާމައަށްފަހު އިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކެވެ. އަދި ފަލަސްޠީނުން ގެންދަނީ، މެދު ކެނޑުމެެއްނެތި ފަލަސްޠީނުގެ ދައުލަތް މި ބިންތަކުގައި ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.އިސްރާއީލުން ހިފާފައިވާ ބިންތަކުގައި ޤާނޫނާއި ޚިލާފަށް އިސްރާއީލުގެ ރައްޔިތުން ވަޒަންވެރި ކުރަމުން ގެންދިއުމަކީ ޖެނީވާ އެއްބަސްވުމުގެ އިތުރުން، އަދ ގެ ގިނަ ޤަރާރުތަކާއި ޚިލާފުކަމެއް ކަމަށްވެސް ފަލަސްޠީނުން އަންނަނީ ފާހަގަ ކުރަމުންނެވެ.

މި ނިންމުމަކީ އެކުވެރި އިއްތިޙާދުގެ ދެވަނައަށް އެންމެ މަތީ ކޯޓުން ނިންމާފައިވާ ނިންމުމެއް ކަމުން، މި ނިންމުން ދެން ބަދަލު ކުރެވޭނީ ހަމައެކަނި ޔޫރަޕިއަން ޔޫނިއަން ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅައިގެންެނެވެ. މި ނިންމުން އައިސްފައި މިވަނީ އިސްރާއީލާއި ފަލަސްޠީނާއި ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ކުރިއަށްދާ ދަނޑިވަޅެއް ގައެވެ. އިސްރާއީލުން މެދުކެނޑުމެއްނެތި ފަލަސްޠީނަށް ދެމުން ގެންދާ ލާއިންސާނީ ޙަަމަލާތަކުގައި ފަލަސްޠީނުގެ ގިނަ ރައްޔިތުން މަރުވެ، އެތައް ސަތޭކަ ބައަކަށް ވަނީ އަނިޔާވެފައެވެ. ފިޠުރު ޢީދު ދުވަހު ދިން ހަމަލާތަކުގައި އެކަނިވެސް 17 ކުޑަކުދިން ހިމެނޭހެން ފަލަސްޠީނުގެ 69 ރައްޔިތަކުވަނީ އިސްރާއީލުން މަރާލާފަައެވެ.

މި ހަމަލާތަކާއި ގުޅިގެން ދުނިޔޭގެ ގިނަ ޤައުމުތަކުން އިސްރާއީލު ކުށްވެރި ކޮށްފައިވާއިރު، މިއީ މިފަދަ ފާހަަގަ ކޮށްލެވޭ ނިންމުމެއް ބައިނަލްއަޤްވާމީ ކޯޓަކުން ނިންމި ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް