ދެކުނު ޗައިނާގައި އޮންނަ ރަށެއް އަސްކަރީ ހަބަކަށް ބަދަލު ކުރަން ފިލިޕީންސްއިން ނިންމައިފިއެވެ. ފިލިޕީންސް މިގޮތަށް ނިންމާފައި ވަނީ، އެ ޤައުމާއި ޗައިނާއާއި ދެމެދުގެ މަސްރަޙުވަނީ ހޫނުވާން ފަށާފައިވާ ދަނޑިވަޅެއްގައެވެ.
މި އަސްކަރީ ހަބް އެޅުމަށް ހަަމަޖެހިފައިވަނީ ތީޓޫ ނަމަކަށް ކިޔާ ރަށުގައެވެ.އަދި ފިލިޕީންސްގެ އަސްކަރިއްޔާއިން އެ ޤައުމުގެ ރައީސް ރޮޑްރިގޯ ޑުއާރޓޭގެ އަރިހު މިން ހަބް އެޅުމަށް ބޭނުންވާ ލޮޖިސްޓިކްސްއާއި ބަޖެޓަށް އެދެން ނިންމާފައިވާ ކަމަށް އަސްކަރިއްޔާގެ އެންމެ އިސް ޖެނެރަލް ސިރިލީޓޯ ސޮބެޖާނާ ވަނީ ވިދާޅު ވެފައެެވެ.މި ހަބް އެޅުމުގެ މަޤްސަދަކީ ޗައިނާގެ ކަނޑުގެ އަސްކަރީ ޙަރަކާތްތައް ފިލިޕީންސްގެ ކަނޑުގެ ސަރަޙައްދުގައި ކުރިއަށް ގެންދިއުން ހުއްޓުވުމެވެ.މި ހަބް މެދުވެރިކޮށް ދެކުނު ޗައިނާ ކަނޑުގައި ޕެޓްރޯލު ކުރުން ފިލިޕީންސްއިން ވަރުގަދަ ކުރާނެއެވެ.އެގޮތުން، ރޭގަނޑުގެ ފަނޑު އަލީގައި ބޭނުން ކުރެވޭ ފަދަ ހައި-ރެސޮލިއުޝަން ކެމެރާތަކެއްވެސް ކަނޑުގެ ސަރަޙައްދުގައި ހިންގާ ޙަރަކާތްތައް މޮނީޓަރު ކުރުމަށް ބޭނުން ކުރާނެ ކަމަށް ސޮބެޖާނާ ވިދާޅުވެއެވެ.
ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސް ކަމާއި ގުޅޭ ގޮތުން ފިލިޕީންސްގެ ފޮރީންގ މިނިސްޓްރީގެ ތަރުޖަމާނު، ހުއާ ޗުންޔިންގ ވިދާޅުވީ،ޞުލްޙަވެ އެއްބަސްވުމަކަށް އައުމަށްޓަކައި ދެ ޤައުމުގެ ދެމެދުގައި އަދިވެސް ވާހަކަތައް ކުރިއަށް ގެންދެވި ދާނެ ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން އެ މައްސަލަ އިތުރަށް ހޫނު ކުރުމަށް މަސައްކަތް ކުރާކަންވެސް ޗުންޔިންގވަނީ ފާހަގަ ކުރައްވާފައެވެ.
ފިލިޕީންސްއާއި ޗައިނާއައި ދެމެދުގައި އޮންނަ ކަނޑުގެ ސަރަޙައްދާއި ގުޅޭ ގޮތުން ގިނަ މައްސަލަތަކެއް ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާތާ ގިނަ ދުވަސްތަކެއް ވީ ނަމަވެސް، ވެއެތުވެ ދިޔަ ހަފްތާ ތަކުގައި މަސްރަޙުވަނީ އިތުރަށް ހޫނުވާން ފަށާފައެވެ. ފިލިޕީންސްގެ ވެރިރަށް މެނީލާގައި ކުރިއަށްދާ އިޖްތިހާދުތަކުގައި، ޗައިނާއިން އެ ޤައުމުގެ ކަނޑުގެ ސަރަޙައްދު ދޫކޮށް ދިއުމަށް އަންނަނީ ގޮވާލަމުންނެވެ.ނަމަވެސް ރައީސް ޑުއާރޓޭ ގެންދަަވަނީ ޗައިނާއާއި އެކުވެރި ކަމާއިއެކު މުއާމަލާތް ކުރައްވަމުންނެވެ. އަދި ފިލިޕީންސްއަށް ކޮރޯނާ ވައިރަސްގެ ވެކްސިން ޗައިނާއިން ފޯރުކޮށްދެމުން ގެންދާތީ، ޗައިނާއަކީ ފިލިޕީންސްގެ އެހީތެރިއެއްގެ ގޮތުގައި ޑުއާރޓޭވަނީ ސިފަ ކުރައްވާފައެވެ.
ފިލިޕީންސްއާއި ޗައިނާއާއި ދެމެދުގައި މައްސަލަ ޖެހިފައިވަނީ ފިލިޕީންސްގެ ކަނޑުގެ ސަރަޙައްދުގައި ހިމެނޭ ބައެއް ތަންތަން ޗައިނާއަށް ނިޞްބަތްވާ ސަރަޙައްދުތަކުގެ ގޮތުގައި ޗައިނާއިން ދެކެމުން އަންނާތީއެވެ. އަދި މި ސަރަޙައްދުތަކަށް ގިނަ ފަހަރެއްގެ މަތިން ޗައިނާގެ ކަނޑުގެ އުޅަނދުތައްވަދެ، މަސް ބޭނުމާއި އަސްކަރީ ޙަރަކާތްތަކަށް ބޭނުން ކުރަމުން އަންނަ ކަމަށްވެސް ފިލިޕީންސްއިން އަންނަނީ އަހަރުތަކެއް ކުރިން ފެށިގެން ތުހުމުތު ކުރަމުންނެވެ. އަދި 2012ވަނަ އަހަރުގެ "ސްކަރބަރޯ ޝޯލްގެ" މައްސަލަތަކާއި ގުޅިގެން މިހާތަނާއި ހަމައަށް އައިއިރުވެސް، މި މައްސަލަ އަންނަނީ އިތުރަށް ގޯސްވަމުންނެވެ.ބޮޑެތި ފަރުތަކެއްގެ މައްޗަށް އެކުލެވޭ މި ޝޯލްއަކީ ދެ ޤައުމުންވެސް އެމީހުންގެ ސަރަޙައްދެއް ކަމަށް ދައުވާ ކުރަމުން އަންނަ ސަރަޙައްދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް