ރާއްޖެ މަތީ ބޯ ވިއްސާރަ ވިލާ މިހާރުވެސް ދަނީ އުފެދެމުން ކަމަށާއި ކުރިއަށް އޮތް ތިން ދުވަހުވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމުގައި މެޓް އޮފީހުން ބުނެފިއެވެ.
މެޓު އޮފީހުން އާންމުކުރި މޫސުމާއިބެހޭ ޚަބަރުގައި ބުނެފައިވަނީ މިމަހުގެ 10 ވަނަދުވަހުން ފެށިގެން ރާއްޖެއަށް ކުރަންފެށި ވިއްސާރަޔާއެކު މި މަހުގެ 12 ވަނަ ދުވަހު ރާއްޖެއަށް މިވަނީ ހުޅަނގު މޫސުން ފެށިފައިކަމަށެވެ.
"އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ރަށްތަކަށް ބޯކޮށް ވާރޭ ވެހުނު، އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އައްޑޫ ސިޓީ ގަމަށް. އެއީ 164 މިލިމީޓަރގެ ވާރޭ، ރާއްޖޭގެ އެހެން ހިސާބުތަކަށްވެސް ބޯކޮށް ވާރޭވެހި ބައެއް ރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތައްވެސް ހިނގާފައިވޭ" މެޓު އޮފީހުން ބުނެފައިވެއެވެ.
މެޓުން ބުނެފައިވަނީ ރާއްޖޭގެ ހުޅަނގު އުތުރުން، އިރުދެކުނު އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެ އޭގެ ފަހުން ތޫފާނަކަށްވެސް ބަދަލުވުމުގެ ފުރުސަތު އެބައޮތްކަމަށެވެ.
"ލަފާކުރެވޭގޮތުގައި މި ކޮޅިގަނޑު ޖެހެމުންދާނީ އުތުރުހުޅަނގުއުތުރުނ ރާއްޖެއާއި ދުރަށް، މި ކޮޅިގަނޑާއި ގުޅިގެން ރާއްޖޭގެ އަތޮޅުތަކުގެ މަތީގައި ގިނައަދަދަކަށް ބޯ ވިއްސާރަވިލާ ދަނީ އުފެދެމުން" މެޓުން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ސަރަހައްދުގައި ހާއްސަކޮށް އުތުރާއި މެދުރާއްޖޭގައި ވައިގަދަވެ ކަނޑުތައް ވަރަސް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. އާންމު ގޮތެއްގައި ގަޑިއަކު 17 މޭލާއި 27މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭއިރު ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާ ދެމެދު ބާރުމިނަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި އުދައިގެ އަސަރު ކުރުންވެސް އެކަށިގެންވާކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން، އާންމުކޮށް ހުރިހާ ފަރާތްތަކުން ވަކިން ހާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް