ސިލްސިލާ ވާހަކަ: ޒާރާ – ނުވަދިހަ ހަތްވަނަބައި

އައިސް ޕެކް ޖައްސަމުން ދިޔައީ އަތުގައި ކަމަށް ވިޔަސް ފިނިކަން ލިބި ހަމަޖެހުން ލިބުނީ އޭނާގެ ހިތަށެވެ. ޝުކުރުވެރި ކަމާއެކު މައިދައިތަގެ މޫނަށް ޒާރާ ބަލާލިއެވެ. އެއީ ޒާރާގެ މައިތައިތައެވެ. މަންމަ އަކަށް...

13 May 2021 | 07:53

އައިސް ޕެކް ޖައްސަމުން ދިޔައީ އަތުގައި ކަމަށް ވިޔަސް ފިނިކަން ލިބި ހަމަޖެހުން ލިބުނީ އޭނާގެ ހިތަށެވެ. ޝުކުރުވެރި ކަމާއެކު މައިދައިތަގެ މޫނަށް ޒާރާ ބަލާލިއެވެ. އެއީ ޒާރާގެ މައިތައިތައެވެ. މަންމަ އަކަށް ވުރެވެސް ހެޔޮ މައިދައިތަ އެކެވެ. ޒާރާއަށް ނުލިބުނު މަންމަގެ ލޯބި އެ މައިދައިތަގެ ފަރާތުން އެންމެ ފުރިހަމައަށް ޒާރާއަށް ލިބިއްޖެއެވެ.

އިސްއުފުލާ ޒާރާއަށް ބަލާލެވުނީ އިމްރާނުގެ މޫނަށެވެ. ލޯބިން ފުރިފައިވާ ބެލުމަކުންނެވެ. އޭރު އިމްރާނުވެސް ހުރީ ޒާރާގެ މޫނަށެވެ. އިމްރާނުގެ ލޮލާ ލޯ ސީދާވުމުން ހިއްސުތަކަށް ދިރުން ގެނުވައިފިއެވެ. ހީވީ އެތައް ދުވަހަކަށްފަހު ދެ ލޯބިވެރިނަށް އެކަކު އަނެކަކު ފެނުނު ހެންނެވެ. ދެމީހުންގެ ލޮލުން އެތައް ވާހަކައެއް ބުނެދެމުން ދިޔަ އެވެ.  ލަދުވެތި ހިނިތުން ވުމެއް ޒާރާގެ ތުންފަތްމައްޗަށް ވެރިވިއެވެ. އެ މަންޒަރު ބަލަންހުރި ފަހުދުގެ ހިތުގައި އުފެދި ބޮޑުވަމުން ދިޔަ ހަސަދަވެރިކަމުގެ އަލިފާންގަނޑު ހުޅުފަޅާ އަދައިގަތެވެ.

ކުއްލިއްކަށް އިވުނު ބާރު އަޑާއެކު އެންމެންގެ ސަމާލުކަން ފަހުދަށް ހުއްޓުނެވެ. އެއީ ފަހުދު ބޭނުންވި ގޮތެވެ. އިމްރާނާ ޒާރާ ބެހެމުން ދިޔަ ލޯބީގެ ދުނިޔެއިން ނެރެލަން އޭނާއަށް އެގަޑީގައި ކުރެވެން އޮތީ އެކަހަލަ ކަމެކެވެ.

''އަސްތާ...... ފަހުދު.......ދަރިފުޅާ ....... ތިތަނުން އަވަހަށް ދުރަށް ޖެހިލާ.........'' ތަޅުންމައްޗަށް ވެއްޓި ތަޅައިގެން ގޮސްފައިވާ ފުޅީގެ ބިއްލޫރި ކޮޅުތައް ތަކަށް ބަލާލަމުން ސަރީފާ ކޮޅަށް ތެދުވިއެވެ.

''އެޔޮއް ރީތި ފުޅިވެސް އަތުން ދޫވީ.............. ދޫވީމަ ވީގޮތް ފެނިއްޖެ އެއްނު.........'' ފަހުދު ދުރަށް ޖެހިލަމުން ހީލިއެވެ. ސަރީފާއަށް އޭނާ އެބުނި އެއްޗެއްގެ މާނަ ނޭނގުނު ކަމުގައިވިޔަސް، އިމްރާނަށް، އަދި ޒާރާއަށްވެސް އޭނާ އެ ބުނީ ކީކޭކަން އެނގުނެވެ. އެބަސްތައް އަމާޒުވަނީ ޒާރާއަށްކަން ޔަގީނެވެ.

ދެން އުޅޭ ސައިބޯން......... މިހާރު ބައްޕަ ބޭސްކާ ގަޑިވެސް ފާއިތުވެއްޖެ..............'' އައިސްޕެކް ގެންގޮސް އަލަމާރިއަށް ލުމަށްފަހު ކާމޭޒާ ދިމާއަށް ހިނގައިގަންނަމުން ސަރީފާ އެކި މީހުނަށް ވަކިވަކިން ބަލާލިއެވެ. އޭރު ތެޅިފައިވާ ބިއްލޫރިކޮޅުތައް ހޮވާ، އެތަން ސާފުކުރުމުގެ މަސައްކަތުގައި ޖީނާ އުޅެއެވެ.

ސައިމޭޒު ދަށުގައި އިންއިރުވެސް ގިނަވަގުތު ފަހުދުގެ ނަޒަރު ހުއްޓިފައި ހުރީ ޒާރާއަށެވެ. އެކަން އިމްރާނަށް ފާހަގަ ކުރެވުނު ނަމަވެސް އެކަމާ އަޅައެއް ނުލައެވެ. އާއްމުކޮށް އޭނާގެ އުޅުން ހުންނަގޮތާ އެއްވެސް ތަފާތެއް ނުބަހައްޓައެވެ. ވާހަކަދައްކާ ސަމާސަ ވެސް ކުރިއެވެ. އެހެން ނަމަވެސް ޒާރާ އިނީ ހަމަހިމޭން ވެފައެވެ. ޒާރާ ބެލީ އަވަސް އަވަހަށް އެއްޗެއް ކާލައިގެން އެތަނުން ތެދުވެގެން ދުރަށް ދެވޭތޯއެވެ.

ޒާރާ ތެދުވެގެން ސޯފާއަށް ދިއުމަށްފަހުވެސް އެކި އެކި ވާހކައިގައި އެމީހުން އެތައް އިރަކު ތިއްބެވެ. އިމްރާން އޭނާގެ މަންމަގެ މޫނަށް ފުންކޮށް ބަލާލިއެވެ. އެ މޫނުން ފެންނަމުންދަނީ އިންތިހާ އުފާވެރިކަމެވެ. ފަހުދުގެ ސަމާސާ ވާހަކަ ތަކުގައި އެ ސަރީފާވެސް ބައިވެރިވަމުން ދިޔައީ ހިނިތުން ވަމުންނެވެ.

ސަރީފާއާއި އަލިބެގެ މޫނުމަތިން އެތައް ދުވަހަކަށްފަހު އުފާވެރިކަން ފެންނަން ފެށިއެވެ. ގެއްލިފައިވާ ހިނިތުންވުން އެ ދެމަފިރިންގެ މޫނުމަތިން ފެންނަންފެށިއެވެ. ފަހުދުގެ ސަކަ މިޒާޖުގެ ސަބަބުން އެ އުފާވެރިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާ ކަހަލައެވެ.

އިމްރާނު ވިސްނާލިއެވެ. ފަހުދާ ބެހޭގޮތުން ވާހަކައެއް ދެއްކުމުގެ ކުރިން ހާސްފަހަރު އޭނާ ވިސްނަން ޖެހޭ ސަބަބަކީ އެއީއެވެ. އިމްރާނުގެ މަންމައާ ބައްޕަ ފަހުދު ދެކެ ވާ ލޯތްބާ، ފަހުދު އެމީހުނާ  ބާއްވާ ގާތްކަމެވެ. އާއިލީ ގުޅުމަށް ލިބޭނެ ހީނަރުކަމެވެ. ފަހުދުގެ މަންމަގެ ހިތަށް ކުރާނެ އަސަރެވެ. އިމްރާނުގެ އުފަން ބައްޕަ ފަދަ ދޮން ބައްޕައަށް ކުރާނެ އަސަރެވެ. މިއީ ހައްތަހާވެސް އިމްރާނު ވިސްނަން ޖެހޭ ކަންތައްތަކެވެ.

*******

ދެ ދުވަސް ފަހެވެ. ރީތި ހިތްގައިމު ހަވީރެއްގެ ނިމުން ގެނުވީ ވިއްސާރަ ވިލާތަކުން ވާރޭގެ އިންޒާރު ދެމުންނެވެ. އުޑުމަތީގައި ފަތުރަމުން، ބޯވަމުންދާ ވިލާތަކަށް ބަލާލުމަށްފަހު ބޭރަށް ބޯދިއްކޮއްލަމުން މީހުން ފުރި ބާރުވެފައިވާ މަގަށް ޒާރާ ކަޅި ހިންގާލިއެވެ.

''އިމްރާނު ހާދަ ލަސްވެއްޖެ އޭ..........'' ޓެރެސްގައި ހިއްކަން އަޅާފައިވާ އެއްޗިހި ނަގަން ނިކުތް ޒާރާ އޭނާ ކުރަން އައި ކަންތައް ހަނދާން ހުރި ހެނެއް ހިޔެއް ނުވެއެވެ.

ދެވަނަ ފަހަރަށް އުޑުމައްޗަށް ޒާރާއަށް ބަލާލެވުނެވެ. ވައި ރޯޅި ބާރު ވެއްޖެއެވެ. އަވަސް އަވަހާ ޖީބުގައި އޮތް ފޯނު ދަމައިގަތެވެ. އަދި އިމްރާނުގެ ނަމްބަރަށް ގުޅާލީ ކެތްތެރިކަން ކުޑަވެފައިވާ ހިތަކައިގެންނެވެ.

''ހަލޯ............. ކުޑަކޮއް ލަސްވެދާނެ އިނގޭ.......... ރައްޓެއްސަކާއެކު ކޮފީއެއްގަ............ ދާނަން ހަމަ ނިމުނުހާ އަވަހަކާ.......ވާނެ ގަޑިއެއްހާއިރު ...........'' ޒާރާ އެއްޗެއް ބުނާނެ ފުރުސަތެއް ނުލިބުނެވެ. ފޯނު ކެނޑިއްޖެއެވެ. ނޫނެކެވެ. ކޯލް ކަނޑާލީ އެކޮޅުންނެވެ.

ޒާރާގެ އަޑު އަހާނުލާ ފޯނު ކަނޑާލާވަރަށް ކޮފީގައި އިންނައިރު ބިޒީ ވޭހެއްޔެވެ؟ އެވީ ތާއެވެ. އެހާ މުހިންމު ރައްޓެއްސެއް އެއީ އަނެއްކާ ކާކުބާވައެވެ.؟...... ޒާރާއަށް ވަގުތު ނުދީ ވަގުތު ދޭން ޖެހޭ ރައްޓެއްސެއް އިމްރާނު ހޯދީތާއެވެ...... އެހާ ހާއްސަ ރައްޓެއްސަކީ ކާކު ބާވައެވެ....... އަނެއްކާ ޒާރާ މަތިން އިމްރާން ފޫހިވެގެން އެހެން ކުއްޖަކު ހޯދީ ނޫންބާއެވެ....... ޒާރާގެ ހިތަށް ތޫނު ތަދެއް އިހްސާސް ވިއެވެ.

''ނޫން....... އެހެނެއް ނުވާނެ.......... ޔާﷲ އެފަދަ ދުވަހެއް ނުދައްކަވާށި!......'' މަޑުމަޑުން ޒާރާއަށް ކިޔާލެވުނެވެ. ވާރޭ ކަނި ޖަހަން ފެށިއެވެ. ކުއްލިއަކަށް ޒާރާ ކުރަން އައި ކަންތައް އޭނާ ހަނދާން ވިއެވެ. އަވަސް އަވަހަށް ހަރުގަނޑުގައި އަޅުވާފައިހުރި ހެދުންތައް ނަގަން ފެށިއެވެ. ހުރިހާ އެއްޗިހި ނަގާ ނިމުނު އިރު ވާރޭ ބޯކޮއްލައިފިއެވެ. އެއްޗިހިތައް ބޮނޑިކޮއްލައިގެން އަވަސް އަވަހާ އެނބުރި ދުއްވައިގަތް ވަގުތު ޒާރާ ގޮސް ތަތްވީ ފަހުދުގެ މޭމަތީގައެވެ.

ދެއަތް ފުޅާކޮއްލައިގެން ވާރޭގައި ފަހުދު އެހުންނަނީ އެ ދަނޑިވަޅަށް ބަލަބަލާ ހެން ހީވެއެވެ. އޭނާއަށް ލިބުނު ފުރުސަތު ނަގާލާކަށް ފަހުދު ބޭނުމެއް ނުވިއެވެ. ނިކަން ހުޝިޔާރުކަމާއެކު އޭނާގެ ބާރުގަދަ ދެއަތުގެ ތެރޭގައި ޒާރާގެ ހަށިގަނޑު ގައިދުކޮއްލިއެވެ.

''މިވަގުތު މިބައިގަ ނެތް އެކަކުވެސް............ އިމްރާނުވެސް ނެތެއްނު ގެޔަކު.........ބޯއްތަ ވެސް ވުޟޫކޮއްގެން ނަމާދުކުރާ ބަޔަށް ވަދެއްޖެ ބޭބެ ގޮވައިގެން................ އެހުރިހާ ވަރަކަށް ބަލާފަ މިގޮތަށް މި ހިފެހެއްޓީ........ ދެން މިއަށްވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނެ........'' ޒާރާގެ މޫނާ ފަހުދުގެ މޫނު ގާތް ކޮއްލަމުން ނޭވާ އެތެރެއަށް ދަމާލިއެވެ.

''ހާދަ މީރުވަހެކޭ......... ހިއްސުތަކަށް ކެތް ވާވަރެއް ނޫން.......... ހިނގާބަލަ............'' ކަންފަތް ދަށަށް ބޯކޮއްޕާލަމުން ފަހުދު ލޯމަރާލިއެވެ.

''ކިހާ ހިތްގައިމު ވަގުތެއް........... ތި ރީތި ރީތި ސޫރައިން ހިތްހަމަޖެހުމެއް މަށަށް ދޭން މިއަށްވުރެ ރަނގަޅު އެހެން ވަގުތެއް ނާންނާނެ ........ޕްލީސް ޒާރާ............ ހެޔޮނުވާނެ.......... '' ފަހުދު ޒާރާގެ މޫނުގައި މޫނު ޖައްސާލިއެވެ. ސަލާމަތް ވާންވެގެން ތެޅިފޮޅެމުން ދިޔަ ޒާރާގެ އަތުގައި ހުރި ހެދުންތައް ބިންމައްޗަށް އެޅި ތެމެމުން ދިޔައެވެ. ފައިން އެރި، ގުޅަވެ ބިންމަތީގައި ތަތް ވަމުން ދިޔައެވެ. ފަހުދު އެއިން ކަމަކަށް ފަރުވާލެއް ނުބަހައްޓައެވެ. ވާރޭގެ ކެރިތައް ބޯވަމުން، ޒާރާގެ ތުނި ކުރުތާ ތެންމަމުން ދިޔަވަރަކަށް ފަހުދުގެ ޝައިތާނީ ސިކުނޑި އިތުރަށް ތަޣައްޔަރުވެ ހަލަބޮލި ވަމުން ދިޔައެވެ. މުޑުދާރު ޚިޔާލުތަކާ ވަހުޝީ އެދުންވެރިކަމުގެ ތެރެއަށް ގެބެމުން ދިޔައީ އޭނާގެ އެއްވެސް އިޚްތިޔާރެއް ނެތިއެވެ.  ވާނީވެސް އެހެންނެވެ. ޒާރާގެ ޒުވާން ކަމުން ކަރުހިއްކުން ފިލުވާލި ރޭމަތިން ދުވަހަކުވެސް ފަހުދު ހަނދާން ނުނެތޭނެއެވެ. އެފަދައިން ކަރުހިއްކުން ފިލުވާލަން އޭނާ ބޭނުންވެގެން އެކަމަށް އިންތިޒާރުގަ ހުންނަތާ އެތައް ދުވަހެއް ވީއެވެ.

ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހެމުން ދިޔަ ނަމަވެސް ފަހުދު ހުރީ އެކަން އިހްސާސް ވާވަރަށްވުރެ މަސްތު ވެފައެވެ. ޒާރާގެ ރީތިކަމަށް ފެންބޮވައިގެންފައިވަނީ އެހެން ކަމެއް އިހްސާސް ކުރެވޭ ވަރަކަށް ނޫނެވެ.

ފަހުދުގެ އަތް ދަށުން ސަލާމަތް ވާން ޒާރާއަށް ކުރެވެން އޮތް ހަމަ އެކަނި ކަމަކީ ހަޅޭއްލެވުން ކަމުގައި އޭނާގެ ސިކުނޑި ވިސްނައިދިނީ ގޮތް ހުސްވެ އިންތިހާއަށް ހާސްވެފައި ވަނިކޮށެވެ.

''މަންމާ............ އިމް...............'' ފަހުދުގެ ވަރުގަދަ އަތުން ޒާރާގެ އަނގަމަތީ އަތް އެޅިއެވެ. އަނެއް އަތުން ޒާރާގެ ތުނި ތުނި ހަށިގަނޑު ފަހުދުގެ ގަޔާލާ ބާރަށް ބައްދާލިއެވެ. އަނގަމަތީގައި އަޅާފައިވާ އަތުން ބާރު ކުރަމުން ދިޔައީ ޒާރާ ހަޅޭއް ލެވުމަށް މަސައްކަތް ކުރަމުން ދާތީއެވެ.

ބިރުގަނެފައިވާ ޒާރާ ނޭވާ ހާސްވެ ދެލޯ ބޮޑުވި އިރުވެސް ފަހުދު ދުލެއް ނުދިނެވެ. އެންމެފަހުން ޒާރާގެ މޫނުމައްޗަށް އަދިރިވާގޮތްވެ ގައިން ވަރު ދޫވާކަމުގެ އިހްސާސް ކުރެވުނެވެ. އެންމެފަހުން ފަހުދުގެ އަތްދަނޑި މައްޗަށް ޒާރާގެ ހަށިގަނޑު ދެމުނެވެ. އާނއެކެވެ. ޒާރާ ހޭނެތުނީއެވެ. އެއީ ފަހުދު ބޭނުންވި ގޮތެވެ. އޭނާއަށް ލިބިފައިވާ ޑޮކްޓަރީ އިލްމުގެ ބޭނުންވެސް އޭނާ އެކުރަނީ ނުހައްގު ގޮތުގައެވެ.

ލުއި ހިނިތުންވުމެއް ފަހުދުގެ މޫނުމަތިން ފެނިގެން ދިޔައެވެ. ޒާރާ އަތްދަނޑިމަތީގައި އުފުލާލައިގެން ޓެރަސްގެ އެއްފަރާތެއްގައި ހަދާފައިވާ ހަޓްތެރެއަށް ފަހުދު ވަނެވެ. އެތަނުގެ އެއްކޮޅުގައި ބަހައްޓާފައިވާ ދިގު ބެންޗުގައި ޒާރާ ބާއްވާލުމަށްފަހު ހިންދެމިލީ ލިބިފައިވާ ވަރުބަލިކަން ފިލުވާލުމަށެވެ. ޖީބުން ނެގި ރުމާ ޒާރާގެ ނޭފަތް މަތީގައި ޖައްސާ، ދެފަހަރަކަށް ނޭވާ އެތެރެއަށް ދަމާލަންދެން ހިފަހައްޓާލިއެވެ. ދެން ރުމާ ޖީބަށް ލުމަށްފަހު އަތުކުރީގައި އޮތް ގަޑިއަށް ބަލާލިއެވެ.

''ދެން ކިހިނެތް ހަދާނީ.......... މިހާރު ދެން ބާރެއް ނުދެއްކޭނު........... ދެން ބަސް އަހައިގެން އޮވޭ.......... ކުރިން ބަސް ނޭހީމަ މިހެން ހަދަން މިޖެހުނީ.......... ކިހާ ވަރަކަށް ފާރަލައިގެންކަން އެނގޭތަ މިދަނޑިވަޅު މަށަށް މި ލިބުނީ؟..........މިފަހަރު މީ މަގޭ ފަހަރު..........'' ޒާރާގެ މޫނުގައި ފަހުދު ފިރުމާލަމުން ޒާރާގެ ބުރުގާ ނަގާ އެއްފަރާތަށް އެއްލާލިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 18 މެއި ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ......

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް