ވަރުގަދަ ސެކިއުރިޓީއާއި އެކު ޕްރައިވެޓް ޖެޓެއްގައި ނަޝީދު ފަރުވާއަށް ޖަރުމަނަށް ފުރާވަޑައިގެންފި

އިތުރު ފަރުވާއަށް ރައީސް މުހައްމަދު ނަޝީދު ޖަރުމަނުވިލާތަށް ފުރާވަޑައިގެންފި އެވެ. ނަޝީދު ޖަރުމަނަށް ފުރާ ވަޑައިގެންނެވީ އަމިއްލަ ޖެޓެއްގައި މިއަދު ހެނދުނު 11:05 ހާއިރު އެވެ. ފުރުމަށް ނަޝީދު އެއާޕޯޓަށ...

13 May 2021 | 06:38

އިތުރު ފަރުވާއަށް ރައީސް މުހައްމަދު ނަޝީދު ޖަރުމަނުވިލާތަށް ފުރާވަޑައިގެންފި އެވެ.

ނަޝީދު ޖަރުމަނަށް ފުރާ ވަޑައިގެންނެވީ އަމިއްލަ ޖެޓެއްގައި މިއަދު ހެނދުނު 11:05 ހާއިރު އެވެ.

ފުރުމަށް ނަޝީދު އެއާޕޯޓަށް ވަޑައިގެންނެވީ ވަރަށް ހައި ސެކިއުރިޓީގައި އެވެ. އެމަނިކުފާނު ހޮސްޕިޓަލުން އެއާޕޯޓަށް ވަޑައިގެންނެވި އިރު ފުލުހުންނާއި ހަތިޔާރާއި އެކު ތިބި ސިފައިން ދިޔައީ މަގުތަކުގެ ސެކިއުރިޓީ ބަލަހައްޓަމުންނެވެ.

ބްރިޖު ސަރަހައްދުގެ ކަނޑުގެ ސަރަހައްދުވެސް ނަޝީދު އެއާޕޯޓަށް ވަޑައިގެންނެވި ގަޑީގައި ކޯސްޓު ގާޑުން ދިޔައީ ބަލަހައްޓަމުންނެވެ.

https://twitter.com/evattey/status/1392725533486551042

ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލައިގެން ޓެރަރިސްޓު ހަމަލާ ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެމަނިކުފާނުގެ ގެކޮޅުން ނުކުމެ ހިންގާފަ ވަޑައިގެން މަޖީދީމަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގެންނަވަން އުޅުއްވަނިކޮށެވެ. މި ހަމަލާގައި ނަޝީދަށް ސީރިއަސް އަނިޔާތަކެއް ލިބިގެން ގިނަ އޮޕަރޭޝަންތަކެއް އޭޑީކޭ ހޮސްޕިޓަލުން ވަނީ ކޮށްފަ އެވެ.

ނަޝީދުގެ އާއިލާ އިން މީޑިއާގައި ބުނިގޮތުގައި، އިތުރު ފަރުވާއަށް ބޭރަށް ވަޑައިގަންނަވަނީ ވީހާވެސް އަވަހަކަށް ޒަހަމްތަކުން ފަސޭހަވުމަށެވެ. މިކޮޅުގައި ނަޝީދަށް ފަރުވާ ކުރެއްވި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމަށް ފުރިހަމަ އިތުބާރު އޮތް ކަމަށް ބުނެ އާއިލާއިން ވަނީ އޭޑީކޭ ހޮސްޕިޓަލްގެ ޓީމަށް ޝުކުރު އަދާކޮށްފަ އެވެ.

ނަޝީދަށް ހަމަލާދިން ކަމުގެ ތުހުމަތަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ވ. ތިނަދޫ ހިޔާ އުމުރުން 25 އަހަރުގެ އަހުމަދު އަދުހަމް އާއި، މއ. ފޭރުގެ، އުމުރުން 21 އަހަރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ، ފޮޅޭމާ، އުމުރުން 32 އަހަރުގެ ތަހުމީނު އަހުމަދު އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ނަޝީދަށް ހަމަލަ ދިނުމަށް ބޭނުންކުރި އައިއީޑީ ހަރުކޮށްފައިވާ ސައިކަލަކީ މީގެ ތެރެއިން ތަހުމީނުގެ ސައިކަލެވެ.

ހަމަލަދިނުމުގެ ބޭނުމުގައި އޭނާގެ ސައިކަލްގެ ނަމްބަރު ބަދަލުކޮށް، އިންޖީނުގެ ނަމްބަރު ހުރީ ފޮހެލައިފަ އެވެ. އެކަމަކު ފުލުހުންގެ ފޮރެންސިކް ޓީމުގެ މަސައްކަތުން އިންޖީނުގެ ނަމްބަރު ދެނެގަނެ ސައިކަލްގެ ވެރިމީހާ އަކީ ވެސް ތަހުމީނުކަން ވަނީ ހޯދައިފަ އެވެ.

އައި ބޮން ގޮއްވާލީ އަދުހަމް އަތުގައި އޮތް ރިމޯޓަކުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް