އޮޑިޓާ ޖެނެރަލްގެ މަގާމުން ހަޒަން ޒިޔަތު އިސްތިއުފާ ދެއްވީ ކުއްލިއަކަށް ރޭގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވުމަށް ފަހު ވަރަށް ރީތިކޮށެވެ.
އިއްޔެ ރައްޔިތުންގެ މަޖިލީހުން އާންމު ކުރި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ލިސްޓުގައި އޭނާގެ ނަން ހިމެނިފަ އޮތެވެ. އެ ލިސްޓުގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ފަދަ ބޭފުޅުން ހިމެނޭއިރު ތުހުމަތަށް އެބޭފުޅުން އިންކާރު ކުރެއްވި ނަމަވެސް އިސްތިއުފާދެއްވާފައެއް ނުވެ އެވެ.
މަޖިލީހުގެ ރައީސަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ޒިޔަތު ވިދާޅުވެފައިވަނީ އެ ލިސްޓުގައި ނަން ހިމެނިފައި އޮތުމުން އޮޑިޓާ ޖެނެރަލްގެ މަގާމުގައި ދެމިހުރުމަކީ ދައުލަތާއި އޮޑިޓަ ޖެނެރަލް އޮފީހުގެ ކަރާމާތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ މަގާމުން އިސްތިއުފާ ދޭން ނިންމީ ތަހުޒީބީ މުޖުތަމައުތަކުގައި އަމަލުކުރާ އުސޫލުން ކަމަށެވެ.
މިއީ ރާއްޖޭގެ ތާރީހުގައިވެސް މިފަދަ ތުހުމަތެއް ކުރެވުމުން ދައުލަތުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު އަމިއްލަފުޅަށް އިސްތިއުފާދެއްވި ފުރަތަމަ ފަހަރެވެ. ޒިޔަތު އިސްތިއުފާދެއްވީ އޭނާއަށް އެ ލިސްޓުގައި ބުނެފައިވާ ފައިސާ ލިބުނުގޮތް މީޑިއާގައި ސާފުކޮށްދެއްވާފަ އެވެ.
ޒިޔަތު ވިދާޅުވީ އޭނާއަށް ލިބުނީ އެމްއެމްޕީއާރުސީގެ ފައިސާކަން ކުރިން ނޭނގޭ ކަމަށެވެ. 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޓިކެޓުގައި ހުުޅުހެންވޭރު ދާއިރާއަށް ވާދަ ކުރިއިރު ކެމްޕެއިން ފައިސާ ދިނީ ޕީޕީއެމް އޮފީހަށް ގެންގޮސް ލިޔެކިޔުންތަކުގައި ސޮއިކޮށް ހަދާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި ފައިސާ ހަރަދު ކުރި ގޮތުގެ ތަފްސީލް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާނެ ކަމަށާއި އޭރު އެމްއެމްޕީއާރުސީގެ މައްސަލަ ފެންމަތިވެފައި ނުވާތީ އެ ފައިސާ އަކީ ޕީޕީއެމްއިން ދިން ފައިސާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އަމިއްލައަށް ކުށުން ބަރީއަވެ އޭނާގެ ނަން ލިސްޓުގައި އޮތުމުން ހިތްހަމަ ނުޖެހުން ފާޅު ކުރުމުގެ ގޮތުން އެއްވެސް އެއްޗެއް ވިދާޅުނުވެ ޒިޔަތު ނިންމެވީ އިސްތިއުފާ ދެއްވާށެވެ. މިކަންވީ އާންމުންނާއި އެކި ފަންތީގައި މަސައްކަތް ކުރާ ގިނަ ބައެއްގެ ތައުރީފު ޒިޔަތަށް ލިބުނު ކަމަކަށެވެ.
އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ޒިޔަތު، އޮޑިޓް އޮފީހުގެ ނަޒާހަތްތެރިކަން ހިފެހެއްޓުމަށް މަގާމުން ވަކިވެވަޑައިގެން ނަމޫނާ ދައްކަވާފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ނަން އޮތީ މައުލޫމާތު އެއްކުރާ މަރުހަލާގައި ކަމަށާއި ޒިޔަތާ ދެކޮޅަށް އަދި އެއްވެސް ކަމެއް ސާބިތުނުުވާ ކަމަށް ވިދާޅުވި އެވެ.
https://twitter.com/scharaph/status/1392615370805055489
https://twitter.com/zam_mv/status/1392611847879094276
https://twitter.com/sanahARaheem/status/1392537082581569536
ސޯޝަލް މީޑިއާގައި ޒިޔަތުގެ ނިންމެވުމަށް ތައުރީފުކޮށް މީހަކު ބުނެފައިވަނީ ރައްޔިތުންނަށް ހިދުމަތް ކުރަން ތިބި ބޭފުޅުންގެ ފަރާތުން ފެންނަން ބޭނުންވާ އެއް ސިފައަކީ މިއީ ކަމަށެވެ. އަދި އެއީ ތަހުޒީބު މުޖުތަމައުގަ އަމަލު ކުރަން ޖެހޭ އެންމެ ރަނގަޅު ގޮތް ކަމަށް ބުނެ ގިނބަަ ޔަކު ސޯޝަލް މީޑިއާގައި ހިޔާލުފާޅުކޮށްފަވެ އެވެ.
ހިޔާލުފާޅު ކުރި އެހެން މީހަކު ބުނެފައިވަނީ ޒިޔަތު ކަންތައް ކުރެއްވީ ރާއްޖޭގައި އާންމުކޮށް ކަންހިނގާ ގޮތަކަށް ނޫންނެވެ. ގަދަފައި ވިއްދާފައި ވެސް މަސައްކަތްކުރާނީ އެހެން މީހެއްގެ ބޮލުގައި އަޅުވާފަ ނަމަވެސް ތިމާ މީހާގެ ވަޒީފާގައި ބަގުޑިބެއްދޭތޯކަމަށް މީހަކު ބުންޏެވެ.
އިތުރު މީހަކު ބުނެފައިވަނީ ޒިޔަތު އެ ދެއްކެވީ ވަރަށް ރީތި ނަމޫނާ އެއް ކަމަށެވެ. އެއީ ވަރަށް އިހުލާސްތެރި، ތެދުވެރި އަދި ތައުލީމީ ބޭފުޅެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރައްވާނެ ކަމަށް ވެސް އެ ކޮމެންޓުގައި ބުންޏެވެ. އަނެއް ބަޔަކު ބުނިގޮތަށް ޒިޔަތެކޭ އެއްގޮތަށް އެހެން މަގާމުތަކުގައި ތިބި މީހުންވެސް އިސްތިއުފާ ދެއްވުމަކީ އެެންމެ ރީތިގޮތް ކަމަށެވެ. އަދި އެއީ ރައްޔިތުންނަށް ދެވޭ ހަދިޔާއަކަށް ވާނެ ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް