ކުރުވާހަަކަ: މާޝާ

ލިޔުނީ ފާތިމަތު މީޒާ / މާޒް ހދ.ނެއްލައިދޫ - ކޮޓަރީގެ ހިމޭންކަން ނަގާލާފައިވަނީ މާޝާގެ ރުއިމުގެ އަޑުންނެވެ. އެނދުގައި ބަންޑުން އޮށޯވެގެން އޮތް މާޝާގެ ދެފަރާތުގައި އޭނާގެ މަންމައާއި ބައްޕަ އިށީނދެގެން ތ...

13 May 2021 | 05:15

ލިޔުނީ ފާތިމަތު މީޒާ / މާޒް ހދ.ނެއްލައިދޫ -

ކޮޓަރީގެ ހިމޭންކަން ނަގާލާފައިވަނީ މާޝާގެ ރުއިމުގެ އަޑުންނެވެ. އެނދުގައި ބަންޑުން އޮށޯވެގެން އޮތް މާޝާގެ ދެފަރާތުގައި އޭނާގެ މަންމައާއި ބައްޕަ އިށީނދެގެން ތިއްބެވެ. މާޝާގެ ކަރުނަތައް ދެކެން ކެތްނުވެގެން މާޝާގެ މަންމަ ރަޒީނާ، ކަރުނަތައް ފޮހެމުން ކޮޓަރިން ނިކުތެވެ. "ކިތަންމެ ވަރަކަށް ރުޔަސް ދެން ކުރެވޭނެ ކަމެއް ނެތް. ދުނިޔޭގައި އުޅޭއިރު މިކަހަލަ ކިތަންމެ އިމްތިހާނެއް ކުރިމަތިވާނެ. ކެތްކުރަން ޖެހޭނެ ދަރިފުޅާ" މާޝާގެ ބޮލުގައި ފިރުމާލަމުން މާޝާގެ ބައްޕަ ފަރީދުބުނެލިއެވެ.

ބައްޕަގެ ނަސޭހަތްތަކުން މާޝާގެ ލޮލުން އޮހޮރެމުންދިޔަ ކަރުނަތައްވީ އިތުރެވެ. މާޝާގެ އުމުރުން 23 އަހަރު ވެފައިވާއިރު މާޝާގެ މުޅި ހަޔާތުގައިވެސް، އޭނާ ހަމައެކަނި ލޯބިވި، ނަވީން މާޝާއާ ލޯބީގެގޮތުން ގުޅިގެން އުޅޭތާ ތިން އަހަރަށްފަހު ކައިވެނިކުރަން ހުރިހާކަމެއް ހަމަޖައްސާފައި އޮށްވާ، ކުއްލިގޮތަކަށް މާޝާއާ ވަކިވީއެވެ. އެވެސް، މާޝާގެ އަމިއްލަ އިހުމާލެއް ނެތް ކަމަކާހެދިއެވެ. މާޝާއަކީ އުފެދުމުގައި ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން ދަރިންލިބުމުން މަހުރޫމްވެފައިވާ އަންހެން ކުއްޖެކެވެ. ނަވީންއަށް އެކަން އަންގާކަށް މާޝާ ބޭނުމެއްނުވިއެވެ. ނަމަވެސް މާޝާގެ ބައްޕަ ފަރީދުގެ އެދުމުގެމަތީން، ކައިވެނީގެ ކުރިން ނަވީންއަށް އެކަން އެންގީއެވެ. ނަވީންއަށް އެ ހަގީގަތް އެނގުނު ހިސާބުން މާޝާއާއި ކައިވެނިކުރާކަށް ބޭނުމެއްނުވިއެވެ. މާޝާގެ އެނުކުޅެދުންތެރިކަމުގެ ސަބަބުން، މާޝާއާއެކީ އުފާވެރި ހަޔާތެއް ނުލިބޭނެކަމަށްބުނެ، މާޝާ ދޫކޮށްލީއެވެ.

"ބައްޕާ! އަހަންނަށް ދަރީން ނުލިބުމަކީ އަހަރެންގެ ކުށެއްތަ؟" ރޮއެރޮއެގޮސް މާޝާގެ އަޑުވެސް ބޭރުވަނީ  ކިރިޔާއެވެ. ފަރީދު ފުންނޭވާއެއް ދޫކޮށްލާފައި އިސްޖަހާލިއެވެ. "މާޝާގެ ކުށެއް ނޫން މާޝާއަށް ދަރިން ނުލިބުމަކީ.ދަރިފުޅުގެ އެ ނުކުޅެދުންތެރި ކަމާއެކުވެސް ދަރިފުޅާއެކު އުޅެން ހުރި، ދަރިފުޅުދެކެ ހަގީގީ ލޯބިވި އަޔާއުއަށް ފުރަގަސްދިނުން ދަރިފުޅަށް ކުރެވުނު ކުށަކީ"  ފަރީދު މިހެންބުނެ، މާޝާއަށް ވާހަކަދެއްކުމުގެ ފުރުސަތުނުދީ ކޮޓަރިން ނިކުމެގެން ދިޔައީއެވެ. ބައްޕަގެ ވާހަކަތަކާމެދު މަޝާއަށް ވިސްނާލެވުނެވެ. އަޔާއުއަކީ ސުކޫލު ދައުރުންސުރެ މާޝާދެކެ ލޯބިވި ކުއްޖެކެވެ. އަޔާއު އެތަށް ފަހަރަކު މާޝާއަށް ލޯބިހުށައެޅިއެވެ. ނަމަވެސް މާޝާގެ ލޯތްބަށް ފުރަގަސްދިނީ، އަޔާއުއަކީ މާޝާ ހިތްއެދޭފަދަ ބުރުސޫރަ ރީތި ޒުވާނަކަށް ނުވާތީއެވެ. މާޝާގެ ހިތްލެނބުނީ ނަވީންގެ ރީތިކަމަށެވެ.އަޔާއުގެ ލޯތްބާއި އޯގާތެރިކަމާއި ހިތްހެޔޮކަން، މާޝާގެ ހިތް ލަންބުވާނުލީ ނަވީންގެ ބޭރުފުށުގެ ރީތިކަމުގެ ދަޅައަށް ހެއްލެވުނުވަރުންނެވެ.އެތަށްފަހަރަކު މާޝާ ދެކޮޅުހެދުމުންވެސް މާޝާގެ ލޯތްބަށްއެދި ސަލާންޖެހުން އަޔާއު ހުއްޓާނުލުންވީ މާޝާގެ ބޮލަށް އުނދަގޫވާކަމަކަށްށެވެ. އެންމެފަހުން މާޝާގެ ހުރި ނުކުޅެދުންތެރިކަން އަޔާއުއަށް ކިޔައިދިނީ، އެކަމުގެސަބަބުން އަޔާއު މާޝާދެކެ ފޫހިވޭތޯއެވެ.ނަމަވެސް އަޔާއު މާޝާދެކެވީ ހަގީގީލޯބިކަމުން މާޝާގެ އެ ނުކުޅެދުންތެރިކަމަކީ އަޔާއު،މާޝާދެކެވާ މަތިވެރި ލޯތްބަށް އުނިކަމެއްއަންނާނެ ކަމެއް ނޫންކަމަށް ބުންޏެވެ.

އަށްއަހަރުވަންދެން މާޝާއަށް އިންތިޒާރުކޮށްގެން އަޔާއު ހުއްޓެވެ.ނަމަވެސް މާޝާއާއި ނަވީންގެ ކައިވެނީގެ ހުރިހާކަމެއް ހަމަޖެހުމުން، މާޝާ ލިބޭނެކަމުގެ އުންމީދު ކަނޑާލާފައި، އެހެންރަށެއްގެ ދީންވެރި،އަޙުލާގު ރަނގަޅު ކުއްޖެއް ކަމުގައިވާ މިޝްޔާއާ އަޔާއު ކައިވެނި ކުރިއެވެ. ލިބެން ނެތް ލޯތްބަކަށް އިންތިޒާރު ކުރުމުގައި މުޅިއުމުރު ނަގާލުމަށްވުރެ، ދިރިއުޅުމެއް ފެށުން މުހިތްމުކަން އަޔާއުއަށް ވިސްނުނީއެވެ. މިޝްޔާގެ އާއިލާ ދިރިއުޅެނީ އިންޑިޔާގައެވެ. ކައިވެންޏަށްފަހު، އަޔާއު ދިރިއުޅުން ބަދަލުކުރީ އިންޑިޔާއަށް ކަމަށްވުމުން، އޭގެފަހުން އަޔާއުއާ މާޝާ ބައްދަލެއް ނުވެއެވެ.

" ދަރިފުޅާ! ބަތްކާން އާދޭ." އަޔާއުގެ ޙިޔާލުތަކަށް ގެއްލިހުސްވެފައި އޮތް މާޝާ ސިހިގެން ދިޔައީ، މަންމަ ރަޒީނާގެ އަޑަށްށެވެ. މާޝާ ތެދުވެގެން ކާގެއަށް ދިޔައެވެ. މާޝާ ކާން އިންއިރުވެސް ވިސްނެނީ އަޔާއުއާ މެދުގައެވެ. މާޝާދެކެ އަޔާއު ވީ ލޯތްބާމެދުގައެވެ. މާޝާ ހައިރާންވީ، މީގެ ކުރިން ދުވަހަކުވެސް މިގޮތަށް އަޔާއުއާ ދޭތެރޭ ވިސްނިފައި ނުވާތީއެވެ. މިއަދު މިވަނީ ކިހިނެތްބާއެވެ؟ ނަވީންގެ ޙިޔާލުތަކުން ދުރުވެ، އަބަދާއި އަބަދު މާޝާއަށް އަޔާއުމަތިން ހަނދާން ކުރެވެމުން ދިޔައެވެ. މާޝާއަށް އަޔާއުދެކެ ވެވެނީ ލޯބިކަން އިހުސާސްވީ ދުވަހު، މާޝާއަށް އެތަށްއިރެއް ވާންދެން ރޯންއޮވެވުނެވެ. މާޝާއަށް އަޔާއުދެކެ ލޯބިވެވުނުއިރު މިވަނީ ވަގުތު ފާއިތުވެފައެވެ. އެހެން ކުއްޖެއްގެ ފިރިއަކަށް އަޔާއު ވެފައެވެ.

އަމާން އޮމާން ކަމާއިއެކު ދެއަހަރު ދުވަސް ފާއިތުވެގެން ދިޔައެވެ. ނަވީން ދިން ހިތި ތަޖުރިބާގެ ސަބަބުން، އެހެން ކައިވެންޏެއް ކުރުމުގެ ޙިޔާލެއް މާޝާ ނުގެންގުޅެއެވެ. މާޝާގެ ހިތުގެ ހާލަތު އިނގޭތީ މާޝާގެ މައިންބަފައިންވެސް، އެވާހަކައެއް ނުދައްކައެވެ. އަޔާއުދެކެ ލޯބިވެވުނީއްސުރެ މާޝާ، އަޔާއު މަތިން ހަނދާންނުވާ އެންމެ ދުވަހެއްވެސް ނުދެއެވެ. މާޝާގެ ހިތް ބޭގަރާރު ވެފައިވަނީ އަޔާއުގެ ސޫރަ ދެކިލުމަށް އެދިއެވެ. އެންމެ ފަހަރަކުނަމަވެސް އަޔާއުއާ ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބޭނެނަމައޭ  މާޝާ ހިތަށް އަރައެވެ. ނަމަވެސް މިހާރު، އަޔާއުއަކީ މީހެއްގެ ފިރިއެއްކަން ހަނދާންކޮށް މާޝާ ކެތްތެރިވެއެވެ. އަޔާއުއަށް ކާމިޔާބު، އުފާވެރި ދިރިއުޅުމެއް ލިބޭތޯ މާޝާ ދުޢާ ކުރެއެވެ. މާޝާއަށް، އަޔާއު ނުލިބުނަސް، އަޔާއު އުފަލުގަ ހުރުމަށް މާޝާ އެދެއެވެ. ހަޤީޤީ ލޯތްބަކީ އެއީއެވެ.

އިންޑިޔާގެ މުމްބާއީގައި ހުންނަ މުސްލިމުން ވަޅުލާ ގަބުރުސްތާނެއްގެ މަހާނައެއް ކައިރީ އަޔާއު އިށީނދެލައިގެން އިނެވެ. ހުއްޓުމެއްނެތި އަޔާއުގެ ދެލޮލުން ކަރުނަތަށް ފައިބަމުން ދިޔައެވެ. އަޔާއުގެ ކަނާއަތުން މަހާނައިގެ ވެލިގަނޑުމަތީ ފިރުމާލިއިރު، އެ އަތްތިލަ ތުރުތުރު އަޅަމުން ދިޔައެވެ. ފަހަރަކަށްވުރެ ފަހަރެއް އަޔާއުގެ ގިސްލުމުގެ އަޑު ބާރުވަމުންގޮސް ރުއިމަކަށް ބަދަލުވިއެވެ. އެ މަހާނައަކީ މީގެ ދެދުވަސްކުރިން، ވިހެއުމުގެތެރޭގައި މަރުވި، އޭނާގެ ލޯބިވާ އަންހެނުން މިޝްޔާގެ މަހާނައެވެ. މިޝްޔާގެ ވަކިވުން، އަޔާއުގެ މުޅި ދުނިޔެ އަނދިރި ކޮށްލައިފިއެވެ. އަޔާއުގެ ކޮންމެ ހިތާމައަކާއި ކޮންމެ އުފަލެއްގައި ބައިވެރިވި، އަޔާއުގެ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައިވި އޭނާގެ ލޯބިވާ އަނބިމީހާއާ ވަކިން ދިރިއުޅުން ކުރިއަށް ގެންދާނެގޮތެއް އަޔާއުގެ ވިސްނުމަކަށް ނާދެއެވެ. މިޝްޔާގެ ހަނދާންތަށް އާވަމުން ދިޔަވަރަކަށް އަޔާއުގެ، ރުއިމުގެ އަޑު ބާރުވަމުން ދިޔައެވެ.

މިޝްޔާއަކީ ހާދަ ރަނގަޅު އަތްބެކެވެ. މާޝާ އާއި ނަވީންގެ ގުޅުމުގެ ސަބަބުން، އަޔާއުއަށް ލިބުނު ހިތްދަތިކަމުން ސަލާމަތްވެ ދިރިއުޅުން ކުރިއަށްގެންދަން އަޔާއުއަށް އެހީވެދިނެވެ. އަޔާއު ލޯބިވަނީ މާޝާދެކެކަން އެނގިހުރެވެސް، މިޝްޔާ އަޔާއުއަށް ލޯބިދިނެވެ. މިޝްޔާގެ ލޯތްބާއި އޯގާތެރިކަމުގެ ސަބަބުން، ކައިވެނިކޮށްގެން ކުޑަދުވަސްކޮޅެއް ވީއިރު އަޔާއުގެ ހިތް މިޝްޔާގެ މަށްޗަށް ލެނބުނެވެ. އަޔާއުގެ ހިތުން،މާޝާދެކެވީ ލޯބި ފޮހެވިގެން ނުދިޔަނަމަވެސް، މިޝްޔާދެކެ އަޔާއު ލޯބިވިއެވެ.

ކައިވެނީގެފަހުން އަޔާއު ވޭތުކުރީ އުފާވެރި ދުވަސްތަކެކެވެ. އެ އުފާވެރިކަން އެތަށް ގުނައަކަށް އިތުރުވެގެންދިޔައީ ދަރިއަކު ލިބެންއުޅޭކަމުގެ އުފާވެރި ޙަބަރުންނެވެ. ފުރަތަމަ ދަރިފުޅު އުފަންވާނެ ދުވަހެއްގެ އިންތިޒާރުގައި ދެމަފިރިން ދުވަސްތަށް ގުނަމުންދިޔައީ ކެތްތެރިކަމެއް ނެތިއެވެ.އެ ދަރިފުޅުގެ މުސްތަގުބަލާދޭތެރޭ އެދެމަފިރިން އެތަކެއް އުންމީދުތަކެއް ކުރިއެވެ. ނަމަވެސް ކަންތަށްވެގެން ދިޔައީ އަޔާއު ހީކުރި ގޮތަކަށްނޫނެވެ. އަމާނާތެއްގެ ގޮތުގައި ދަރިފުޅު އަޔާއުއާއި ހަވާލުކޮށްފައި އަބަދުގެ އަބަދަށް މިޝްޔާ ވަކިވެގެން ދިޔައީ އަޔާއުގެ ހިތް ކުދިކުދި ކޮށްލާފައެވެ.

ސިއްސައިގެންގޮސް އަޔާއުއަށް ހިޔާލުތަކުން ބޭރުވެވުނީ ފޯނު ރިންގުވި އަޑަށްށެވެ. އަވަސް އަވަހަށް އަތުން ވެލިފޮޅާލުމަށްފަހު ކަރުނަތަށް ފޮހެލާފައި ފޯނުޖީބުން ނަގާފައި ކަންފަތުގައި ޖައްސާލިއެވެ. ގުޅީ މިޝްޔާގެ ބައްޕައެވެ. ފުރާގަޑި ޖެހެނީކަމަށްބުނެ، އަވަހަށް ގެއަށްއައުމަށް އެދިފައި މިޝްޔާގެ ބައްޕަ ޕޯނު ބޭއްވީއެވެ. އަޔާއު އަނެއްކާވެސް މަހާނައިގެ ވެލިގަނޑުގައި ފިރުމާލިއެވެ. މިއަދު އަޔާއު ގަބުރުސްތާނަށް އައީ މިޝްޔާއާ ވަދާއީ ސަލާމްކުރުމަށެވެ. މިޝްޔާމަތިން މާބޮޑަށް ހަދާންވެ ހިތްދަތިވާތީ އަޔާއު ގަސްތުކުރީ ރާއްޖެއަށް ދިރިއުޅުން ބަދަލުކުރާށެވެ. މިޝްޔާގެ މައިންބަފައިންވެސް އެ ނިންމުމަކާ ދެކޮޅެއް ނުހަދައެވެ. ކުޑަދަރިފުޅު ގޮވައިގެން ދުވަސްދުވަސްކޮޅުން އިންޑިޔާއަށް އަންނާނެ ކަމަށް އަޔާއު ވައުދުވިއެވެ.

ހޫނުގަދަ ދުވަހެއްގެ ހަވީރުގެ ވަގުތެވެ. ސިޓިންރޫމް ސޯފާގައި އިށީންދެލައިގެން މާޝާއިންދާ، ގޭގެދޮރުން ވަދެގެން އައި ރަޒީނާ ގޮވާލަމުން މާޝާ ބަލާލިއެވެ. "ދަރިފުޅަށް އިނގޭތަ މިޝްޔާ މަރުވިކަން؟" މަންމަގެ އެ ސުވާލުން މާޝާ ސިއްސައިގެންގޮސް ދެލޯ ބޮޑުވިއެވެ. ވަގުތުން ނޫނެކޭ ބުނެވުނެވެ." ވިހެވުމުގެ ތެރޭގައި މިޝްޔާ މަރުވެއްޖެ މީގެ ދެދުވަސް ކުރިން. އަޔާއު ކުޑަދަރިފުޅު ގޮވައިގެން އައިއްސި މިރަށަށް. އަޔާއުގެ މަންމަ ބުނީމަ މަންމައަށް މިއެނގުނީ" ރަޒީނާގެ ވާހަކަ ނިމުނުއިރު މާޝާއަށް އިނީ ރޮވިފައެވެ. އަޔާއު ހާދަ ދެރަވާނެއެވެ.އަޔާއުއަށް އެއްވެސް ހިތާމައެއް ލިބޭކަށް މާޝާ ނޭދެއެވެ.

"ދަރިފުޅާ!" ރަޒީނާ ދެފަހަރަށް މާޝާއަށް ގޮވާލުމުންވެސް މާޝާގެ ސަމާލުކަން ނުލިބުނީމައި ތަންކޮޅެއް ބާރަށް ގޮވާލިއެވެ. އެވަގުތު މާޝާ ފެންކަޅިވެފައިވާ ދެލޮލުން މަންމައަށް ބަލާލިއެވެ. "ދަރިފުޅު ވީއެންނުން އަޔާއުގެ ދެބަފައިންނަށް އެހީވާން" ރަޒީނާގެ އެ ޖުމްލައާމެދު މާޝާ ފުންކޮށް ވިސްނިއެވެ. މި ފުރުސަތުގައި އަޔާއުގެ، ހަޔާތުގެ ބައިވެރިޔާއަށް މާޝާއަށް ވެވިދާނެހެއްޔެވެ؟ "ބައްޕަ ކައިރީ ބުނަންތަ އަޔާއުއާ އެވާހަކަ ދަށްކާށޭ. ނޫނީ ދަރިފުޅުތަ އަޔާއުއާ ބައްދަލު ކުރާނީ؟"ރަޒީނާ އަހައިލިއެވެ."އަހަރެން ދާނީ އަޔާއުއާ ބައްދަލުކުރަން" މާޝާ އަވަސްއަވަހަށް ބުނެލުމުން ރަޒީނާ ކުޑަކޮށް ހިނިއައެވެ." އެކަމަކު އެހާ އަވަހަކަށް ނޫން އިނގޭ ދާނީ.އަޔާއު ހަމައަކަށް އެޅިލާހާދުވަސް ކޮށްފަ ދާނީ. މިޝްޔާ މަރުވީމަ ވަރަށް ދެރަވެފަ އޭނަ ހުންނާނީ" ރަޒީނާގެ ވާހަކަތަށް ގަބޫލުކުރިކަން އަންގާލުމަށް މާޝާ ބޯ ޖަހާލިއެވެ.

ހަފްތާއެއް ވޭތުވެގެން ދިޔައިރު އެންމެފަހަރަކުވެސް މާޝާ ގެއަކުން ނުނިކުމެއެވެ. އަބަދާއި އަބަދު މާޝާއަށް ވިސްނެނީ އަޔާއުއާ ބައްދަލުކުރަން ގޮސް، ދައްކާނެ ވާހަކައަކާ މެދުއެވެ. މާޝާ ބިރުގަންނަނީ އަޔާއުދޭނެ ޖަވާބެއް ނޭނގޭތީއެވެ. އަޔާއުގެ ކުޑަދަރިފުޅު ދެކިލާހިތުންވެސް މާޝާ ކެތްމަދުވެފައިވެއެވެ. މާޝާގެ މައިންބަފައިން މާޝާއަށް ނަސޭހަތްދިނެވެ. ﷲ އިރާދުކުރެއްވިއްޔާ ދެރަގޮތެއް ނުވާނެކަމަށްބުނެ ހިތްވަރުދިނެވެ.

ރޭގަނޑުގެ ހިތްފަސޭހަ ވަގުތެވެ. އިޝާ ނަމާދުކޮއްލައިގެން، މާޝާ ތައްޔާރުވަމުން ދިޔައީ އަޔާއުމެންގެ ގެއަށް ދާށެވެ. ފަޔާއި ހިސާބަށްއަރާ ކަޅުކުލައިގެ ވަށްތިރިހެދުމާއެކު ކަޅު ޝޯލްއެއްގައި މާޝާ ފެންނަނީ ނުހަނު ރީތިކޮންނެވެ. އިސްޓާކީނަށް އަރާނިމުމުން، މާޝާ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލިއެވެ. ހިތްހަމަޖެހޭވަރުމުން މާޝާ ކޮޓަރިންނުކުމެ ބޭރަށް ހިނގައިގަތެވެ.އެހާ ގިނަދުވަސްފަހުން އަޔާއު ފެންނަން އުޅޭތީ މާޝާގެ ހިތް އަވަސްވެ އަތްފައި ފިނިވެފައިވެއެވެ. މަޑުމަޑުން ހިނގާލާފައި މާޝާ ގޮސް އެގޭ ދޮރުމަށްޗަށް ހުއްޓި ސަލާމް ގޮވާލިއެވެ.

ކުޑަދަރިފުޅު އުނގަށްލައިގެން، ސިޓިންރޫމް ސޯފާގައި އިން އަޔާއުއަށް މީހަކު ސަލާމްގޮވާއަޑު އިވުމުން ސަލާމް ބަލައިގަންނަމުން ދޮރާދިމާލަށް ބަލައިލިއެވެ. މާޝާ ފެނުމުން އަޔާއު ހުއްޓުން އަރާގޮތް ވިއެވެ. މާޝާ އަޔާއުގެ ގެއަށް އައިސްދާނެކަމަކަށް އަޔާއު ހީވެސް ނުކުރެއެވެ. އަޔާއުއަށް ކަޅިޖަހައިވެސްނުލާ މާޝާގެ މޫނަށް ބަލަހައްޓައިގެން ހުރެވުނުއިރު ބާރުބާރަށް ހިތްތެޅެމުން ދިޔައެވެ. އެހާ ގިނަދުވަހަށްފަހު މާޝާފެނުމުންވެސް އެހިތަށް ކުރާއަސަރަކަށް ބަދަލެއްނައެވެ. މާޝާއަކީ އަޔާއުގެ ފުރަތަމަ ލޯތްބެވެ.އެތަށްދުވަސްތަކެއް ވަންދެން ލިބޭތޯ އިންތިޒާރުކުރި އަންހެންކުއްޖާއެވެ.ކުއްލިއަކަށް އަޔާއުއަށް އިސްޖަހާލެވުނީ، މިހާރު މާޝާއަކީ މީހެއްގެ ހައްގެއްކަން ހަނދާންވެފައެވެ.

މާޝާގެ ހާލަކީތޯއެވެ؟ހިތާމައިން ފޯވެފައިވާ އަޔާއުގެ މޫނު ފެނުމުން މާޝާގެ ހިތްރޮނީއެވެ. ރަތްވެ ދުޅަވެފައިވާ ދެލޮލާއި ދިރުމެތްނެތް އެމޫނުން މިޝްޔާ ވަކިވުމުގެ ހިތާމަ އަޔާއުކުރާވަރު ހާމަވެއެވެ. މާޝާ މަޑުމަޑުން ހިނގާލާފައިގޮސް އަޔާއުގެ ގާތުގައި ސޯފާގައި އިށީނެވެ. އަޔާއުގެ ކުޑަދަރިފުޅުގެ ލޯބި މޫނުކޮޅު ފެނުމުން މާޝާ ވަގުތުން އެކުއްޖާ އުރާލާފައި މޫނުގައި ބޮސްދިނެވެ.އެވަގުތު ކުޑަދަރިފުޅު ލޯ ހުޅުވާލާފައި ތުއްތުތުއްތު ހިނިތުންވުމެއް ހަދިޔާކޮއްލިއެވެ.ހީވީ އެދަރިފުޅަށް މާޝާގެ ލޯބި އިހުސާސްވީހެންނެވެ.އެދަރިފުޅުގެ ހިނިތުންވުން ފެނި މާޝާއާއި އަޔާއު އަށްވެސް ހިނިތުންވެލެވުނެވެ.

" މާޝާﷲ ލޯބިކުއްޖެއް. ބޯއީއެއްދޯ. ކޮންނަމެއް ކިޔަނީ؟" ދެއަހަރުދުވަހަށްފަހު ދިމާވުމުން އެދެމެދުގައި އުފެދިފައިވާ ދުރުކަން ނައްތާލަން މާޝާ މަސައްކަތް ކުރިއެވެ. އަހުމަދު ޝަޔާލް އަޔާއު ކަމަށްބުނެ، އަޔާއު ހިނިތުންވެލިއެވެ. މާޝާ ކުޑަދަރިފުޅަށް ބަލަހައްޓައިގެން އިނެވެ." އަޔާއަކާ އެހާ ވަށްތަރެއް ނޫންދޯ." މާޝާ އެހެންއެހީ  އަޔާއު އެހާ ހިތްދަތިވާނެކަމަކަށް ނޫނެވެ. މާޝާގެ އެސުވާލާއެކު އަޔާއު ފެންކަޅިވީތަން ފެނުމުން މާޝާ ހައިރާންވިއެވެ. "އާނ. ގިނަމީހުން ބުނަނީ މަށަކާ ޝަޔާލް ވައްތަރެއްނޫނޭ. ޝަޔާލް ވައްތަރީ މިޝީއާއޭ.މިޝީގެ ބްރައުން ކަޅިއާ ހަމުގެ ކުލަހަމަ." މިޝްޔާގެ ވާހަކަ ދައްކަންވުމުން އަޔާއުގެ އަޑުކުރެހޭގޮތްވިއެވެ. މާޝާއަށް ބުނެވުނު އެއްޗެއްގެ ސަބަބުން އަޔާއުއަށް މިޝްޔާގެ ހަނދާންތަށްއާވެ ހިތްދަތިވުމުން، މާޝާއަށް، އޭނާގެ އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ.

"މާޝާ އެކަނިދޯ ތިއައީ.ކޮބާ ނަވީން؟" ވާހަކަ ބަދަލު ކޮށްލުމުގެ ނިޔަތުގައި އަޔާއު ސުވާލުކޮށްލިއެވެ.އެހެން އެހިއިރު އަޔާއުގެ މޫނަށް ވެރިވި މާޔޫސްކަން މާޝާއަށް ފާހަގަ ކުރެވުނެވެ. މާޝާ އާއި ނަވީންގެ ކައިވެނި ނުކުރެވޭކަމެއް އަޔާއުއަކަށް ނޭނގޭކަން މާޝާއަށް އެނގުނީ އެވަގުތުއެވެ. ނަވީން މާޝާއާ ވަކިވި ސަބަބު މާޝާ ކިޔައިދިންއިރު، އަޔާއުއަށް މާޝާއާ ދިމާލަށް ބަލަހައްޓައިގެން އިނދެވުނީ ހަމްދަރްދީގެ ނަޒަރަކުންނެވެ.  "އަޔާ އަދިވެސް އަހަރެންދެކެ ލޯބިވޭތަ؟" ވަރަށް ހިތްވަރު ކޮށްފައި މާޝާ އަހައިލިއެވެ. މާޝާގެ އެސުވާލާއިއެކު، އަޔާއު ފުން ނޭވާއެއް ދޫކޮށްލިއެވެ.

"ކައިވެންޏަށް ފަހު މިޝީ ދެކެވެސް އަހަރެން ލޯބިވި.އެކަމަކު މިހިތުން މާޝާއަށް ދެވުނު މަގާމް ދުވަހަކުވެސް އެހެން މީހަކަށް ނުދެވެ. އަހަރެން މާޝާދެކެ ވަރަށް ލޯބިވޭ މިހާރުވެސް" އަޔާއުގެ ވާހަކަ އަޑުއިވިފައި އުފަލުންގޮސް މާޝާގެ ދެލޯ ފެންކަޅިވިއެވެ. މާޝާ ސޯފާއިންތެދުވެ،އަޔާއުއާ ކުރިމަތިވާގޮތަށް އަޔާއުގެ ފައިކައިރީ މުށިގަނޑުމަތީ އިށީނެވެ.އޭރުވެސް ކުޑަދަރިފުޅު މާޝާގެ އަތުގައި އޮތެވެ."އަހަންނާ ކައިވެނި ކޮށްފާނަންތަ؟" މާޝާގެ އެސުވާލުން އަޔާއުއަށް ސިހުމެއް ލިބުނެވެ.ކުޑަ ވަގުތުކޮޅެއް ފަހުން އަޔާއު ވާހަކަ ދެއްކިއެވެ."ވަރަށް ވަރަށް ބޭނުން މާޝާ އަހަރެންގެ އަތްބަކަށް ހަދަން. އެކަމަކު މިޝީ އަހަންނާ ހަވާލުކޮށްފަ ދިޔަ އަމާނާތެއް ޝަޔާލް އަކީ. އަހަރެން ބޭނުމެއް ނޫން ޝަޔާލްއަށް ދޮންމަންމައެއް" އަޔާއުގެ ވާހަކަ މެދުކަނޑާލަންޖެހުނީ ކުއްލިއަކަށް މާޝާ ވާހަކަ ދެއްކުމުންނެވެ.

" ދޮންމަންމަ އެއް ނޫން. މި ކުޑަދަރިފުޅުގެ މަންމަ ކަމުގައި އަހަރެން ވާނަން. އަމިއްލަ ދަރިއަކު ފަދައިން ބަލާ ބޮޑުކުރާނީ. އަހަރެންފަދަ، ދަރިންލިބުމުން މަހުރޫމް ވެފައިވާ މީހަކަށް ﷲ ދެއްވި ހަދިޔާއެއް ކަމުގައި މި ދަރިފުޅު ދެކޭނީ. އަޔާދެކެ އަހަރެން ވާ ލޯބި ޝަޔާލް ދެކެވެސް ވާނަން" މާޝާ ގެ އަޑުގައި ވަނީ ޔަގީންކަމާއި ސާބިތުކަމެވެ. މާޝާގެ އެވާހަކައިން،އަޔާއުގެ ހިތް އުފަލުން ފުރުނެވެ. ދެލޯފެންކަޅިވިއެވެ. ހިތް އެދުނީ އަދި އެއްފަހަރު އެ ޖުމްލަ އަޑުއަހާލާށެވެ. " މާޝާ އަހަރެން ދެކެ ލޯބިވޭތަ؟"އަޔާއުގެ އެ ސުވާލުން މާޝާ ކުޑަކޮށް ލަދުގަތެވެ." ވަރަށް ވަރަށް ލޯބިވޭ. ވަރަށް ބޭނުން އަޔާ އާ ކައިވެނިކުރަން" އަޔާއުގެ ދެލޮލަށް ބަލަހަށްޓައިގެން އިނދެ މާޝާ ބުނެލިއެވެ.

"އިރާދުކުރެއްވިއްޔާ ވަރަށް އަވަހަށް އަހަރެން މާޝާއާ ކައިވެނި ކުރާނަން" އަޔާއުގެ އެ ޖުމްލައިން މާޝާއަށް ހީވީ މުޅިދުނިޔޭގެ ހުރިހާ އުފަލެއް މާޝާއަށް ލިބުނުހެންނެވެ.އެވަގުތު އަޔާއު ކޮޅަށް ތެދުވުމުން މާޝާވެސް ކޮޅަށް ތެދުވިއެވެ. އަޔާއު މާޝާއާ ކައިވެރިވީ މާޝާ އާއި ޝަޔާލްގެ ގައިގާ ލޯބިން ބައްދާލުމަށެވެ. ނަމަވެސް ހިނިތުންވެލަމުން މާޝާ ޖެހިލީ އަޔާއުއާ ދުރަށެވެ. "ކެތްތެރިވެބަލަ ކައިވެނި ކުރެވެންދެން" މާޝާ އެހެން ބުނެލުމާއި އެކު އަޔާއު ރަކިވެގެން ބޯ ކަހާލިއެވެ. ދެމީހުންގެ ހަތަރުކަޅިހަމަވި ވަގުތު، ދެމީހުންނަށް ހޭންފެށުނު އަޑު ސިޓިން ރޫމުގައި ގުގުމައިގެންދިޔައެވެ.

ނިމުނީ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް