އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވެ ހިންގި ޖަރީމާއަކީ ފަހުގެ ތާރީޚެއްގައި ދިވެހިރާއްޖޭގައި ހިންގި އެންމެ ބޮޑު ޚިޔާނާތެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވީ ދައުލަތުގެ އިސްފަޑީގައި ތިބި މީހުންނެވެ. އެ ފައިސާ ބޭނުން ކުރީ ސިޔާސީ ގޮތުން ވަކި ބަޔަކު ބޭނުންވާ ގޮތަކަށް ކަންކަން ރާވައި ހިންގާށެވެ. ކޯޓުތަކު ޢާޒީން ގަނެލައި ޖަރީމާތަކުގައި ފަސްއަޅައި ފޮރުވަމަށް ޚަަރަދު ކުރީ އެ ފައިސާއެވެ. ވަކި ބަޔަކު ބޭނުންވާ ގޮތަށް ގާނޫނު ހަދާ މަޖިލިސް ހިންގައި ބިލުތައް ފާސްކުރަން މެމްބަރުންނަށް ރިޝްވަތު ދިނުމަށް ބޭނުންކުރީ އެ ފައިސާއެވެ. ކޮރަޕްޝާނާއި ފަސާދައިގެ ހާއްޔަކަށް ދަޢުލަތުގެ ބާރުތައް ހަދާލީ ވެސް ހަމަ އެ ފައިސާއިންނެވެ. އަދި މި މުއާމަލާތްތަކުގެ ތަހުގީގު އަނބުރާ ލުމަށް މުއައްސަސާތަކުގެ ވެރިންނާ ހަމައިން ސަލާމަތީ ޚިދުމަތްތަކުގެ ތެރެއަށް ވެސް މި ފައިސާ ފޮނުވިއެވެ.
ޖަރީމާގެ މުލުގައި ހުރީ އެންމެންގެ "ބުރޯ"
އާދޭހެވެ. ހިޔާނާތުގެ މުގުލުގައި ހުރި "ބޮޑު ސިކުނޑީގެ" ވެރިޔަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ފަތުރުވެރިކަމުގެ ވުޒާރާގެ ވަޒީރަކަށް ހުންނަވައި، ފަހުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ހުންނެވި މިހާރު އެމްޓީޑީގެ ރައީސްކަން ކުރައްވަމުން ގެންދަވާ އަހުމަދު އަދީބު (ބުރޯ) ކަމީ އެންމެނަށް ވެސް އެނގޭ ކަމެކެވެ. ހިތުހުރި މީހަކަށް ހިތުހުރި ވަރަކަށް ދައުލަތުގެ ފައިސާ ބަހާލީ "ދޮންކަޅު" ވެސް އަންގާ ނުލައި ސީދާ ސިޔާސީ ބޭނުމަކަށެވެ. ނޫނީ އަމިއްލަ މަންފާތަކެއް ހާސިލުކުރުމަށެވެ. މި ކަން "ލީޑު ކުރީ" އަހުމަދު އަދީބު ނަމަވެސް "ޑައިރެކްޓް ކުރަމުން ދިޔައީ ސީދާ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކަމަށް އަދީބު ވިދާޅުވެއެވެ.
ފައިސާ ލިބުނު ކަމަށް ބެލެވޭ މީހުންގެ ނަންތައް ރައްޔިތުންނާ ހަމަައަށް!
ކޮންމެއަކަސް، އަދީބާއި ޔާމިންގެ ނަމުން މިކަން ނުނިމޭނެތާއެވެ. އެ ފައިސާގައި ޖެހުނީ ނުވަތަ އެ ފައިސާ ލިބުނީ ކޮން ބަޔަކަށްތޯ ވެސް ދިވެހި ރައްޔިތުން ބަލަން ބޭނުންވާނެއެވެ. ރައްޔިތުންގެ ފައިސާ "ފޭރުނު" މީހުން އެނގެން ބޭނުންވެފައި ތިބި ރައްޔިތުން އިއްޔެއާ ހަމައަށް ވެސް ގޮވަމުން ދިޔައީ އެ ފައިސާގައި ޖެހުނު މީހުންގެ "ލިސްޓެއް އޮތް ނަމަ ހާމަކުރާށޭ"އެވެ. އާދެ، ރައްޔިތުންގެ ގޮވާލުމަށް އިޖާބަދީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ މީހުންގެ ލިސްޓް ރައްޔިތުންގެ މަޖިލީހުން އިއްޔެ އެ ވަނީ ހާމަކޮށްފަ އެވެ. ހިޔާނާތް ބަލައި އެކަން ދިރާސާ ކުރަމުންދާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން ވަނީ ރިޕޯޓާއެކު މުޅި ލިސްޓު ރައްޔިތުންނަށް ފެންނާނެހެން ހާމަކޮށްފަ އެވެ. މިއީ މި ލިިިސްްޓު ރަސްމީ ފަރާތަކުން އާންމުކުރި ފުރަތަމަ ފަހަރެވެ.
https://twitter.com/dhuvasmv/status/1392437114957180934
ލިސްޓުގައިވާ ގޮތުން މިހާރު ދައުލަތުގެ އެކިއެކި މަގާމުގައި ތިބި 119 މީހެއްގެ ނަން އެބަ އޮތެވެ. އޭގެ ތެރެއިން އައްޔަންކޮށްފައިވާ މަގާމުތަކުގައި ތިބި މީހުން މަގާމުތަކުން ވަކިކުރަން މަސައްކަތް ފެށުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ. އަދި، އިންތިހާބީ މަގާމުތަކުގައި ތިބި މީހުންނަކީ އަމިއްލައަށް އިސްތިއުފާ ދިނުމުން ނޫނީ ހުކުމެއް ސާބިތުވެގެން ނޫން ގޮތަކަށް ވަކިވާނެ ބަޔަކަށް ނުވާތީ، އެފަދަ މީހުންގެ މައްސަލަތައް އަވަސް ކުރުމަށް ކަމާބެހޭ އިދާރާތަކަށް ދެންނެވުމަށް ވެސް ކޮމިޓީން ވަނީ ނިންމާފަ އެވެ. ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިން އާއްމުކޮށްފައިވާ ގޮތުގައި ލިސްޓުގައި 267 ނަންފުޅު އޮތް ނަމަވެސް، މަޖިލީހާ މިހާރު ހިއްސާކޮށްފައިވާ ލިސްޓުގައި އަދަދު ވަނީ 280 އަށް އަރައިފަ އެވެ. މައްސަލަ ދިރާސާ ކޮމިޓީގެ ސަބް ކޮމިޓީން ރޭ މަޝްވަރާކުރުމަށްފަހު އަށް ހުށަހެޅުމަކާއެކު އެކުވާލި ރިޕޯޓު ވަނީ އިއްތިފާގުން ފާސްކޮށްފަ އެވެ. އޭގެ ތެރޭގައި ލިސްޓް އާންމުކުރުން ހިމަނާފައިވާއިރު، އެކަން ހާމަކޮށްފައިވަނީ މިއަދު ކުރިއަށްދިޔަ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ އާއީ ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ އެވެ.
ސަބް ކޮމިޓީގެ ރިޕޯޓާ ގުޅޭ ގޮތުން ޖޮއިންޓް ކޮމިޓީގައި މެންބަރުން ބަހުސް ކުރެއްވުމަށްފަހު، އެ ރިޕޯޓް އޮތް ގޮތަށް ފާސްކުރަން ނިންމެވީ މެންބަރުންގެ އިއްތިފާގުންނެވެ. އެކަން ފާސްވުމާއެކު، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ މޭޒުގައި އަތްޕުޅު ޖައްސަވައި، އުފާ ފާޅު ކުރައްވާފަ އެވެ. ކޮމިޓީގައި އެމްޑީޕީއަށް ނިސްބަތްވާ ހުރިހާ މެންބަރުން ވެސް ފާހަގަ ކުރެއްވި ގޮތުގައި މި މައްސަލަ ބެލުމަކީ އެމްޑީޕީން ވަރަށް އިސްކަންދޭ މައްސަލައެއް ކަމާއި އެކަމަށް ގިނަ މަސައްކަތްތަކެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ ކަމަށެވެ. ކޮމިޓީގެ ބައްދަލުވުން ފެށުމާއެކު، އާލާސްކަންފުޅާ އުޅުއްވާ މަޖިލީހުގެ ރައީސް ނަޝީދު ވަނީ އީވާއަށް ވީޑިއޯ ކޯލެއް ކުރައްވައި، ކޮމިޓީގެ އެހެން މަސައްކަތްތައް އޮޅުން ފިއްލައްވައި، އެހެން މެންބަރުންނާ ވެސް ވާހަކަފުޅު ދައްކަވާފަ އެވެ.
ލިސްޓްގައި ކުރީގެ 12 މިނިސްޓަރުންނާއި މި ސަރުކާރުގެ ތިން މިނިސްޓަރުން!
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ މީހުންގެ ލިސްޓަށް ނަޒަރު ހިންގާލި އިރު، ފުރަތަމަ ވެސް ފެނުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ 12 މިނިސްޓަރުންނާއި މި ސަރުކާރުގެ ތިން މިނިސްޓަރުގެ ނަންފުޅެވެ. ހިޔާނާތް ބަލައި އެކަން ދިރާސާ ކުރަމުންދާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން ނެރުނު ރިޕޯޓްގައި ހިޔާނާތުގެ ލިސްޓުގައި ހިމެނޭ މީހުންގެ ނަންތަކާއި އެ މައްސަލަތައް މިހާރު ގޮސްފައިވާ ހިސާބުގެ މައުލޫމާތު ވަނީ ހިމަނައިފަ އެވެ. އެ ލިސްޓުގައި، ކުރީގެ ނައިބު ރައީސް އަދި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި ކުރީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމްގެ ނަންފުޅު އޮތް އިރު އޭރުގެ ޔޫތު މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމްގެ އިތުރުން ފޮރިން މިނިސްޓަރު ދުންޔާ މައުމޫނުގެ ނަންފުޅު ވެސް އެބަ އޮތެވެ.
މީގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ބަންޑާރަ ނައިބު މުހައްމަދު އަނިލަށް ވެސް ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ލިސްޓުގައި ފާހަގަކޮށްފައި ވެއެވެ. ހަމައެހެންމެ އޭރުގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ނަންފުޅު ވެސް ލިސްތުގައި ވެއެވެ.
މި ސަރުކާރުގެ 3 މިނިސްޓަރެއްގެ ނަންފުޅު ވެސް ލިސްޓުގައި ހިމެނޭއިރު އޭގެތެރެއިން ދެ މިނިސްޓަރުން މިހާރު ތިބީ މަގާމުގައެއް ނޫނެވެ. ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވަކިކޮށްފައިވާ އިރު، ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހް ޖަމާލް މަގާމުން ވަކިކުރީ އިތުބާރު ނެތް ކަމުގެ ވޯޓަކުންނެވެ. އެހެންކަމުން މިހާރު ވަޒީރެއްގެ ގޮތުގައި ލިސްޓުގައި ނަން އޮތީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އެކަންޏެވެ. ލިސްޓަށް ކަޅިއެއް އެއްލާއިރު، މި ސަރުކާރުގެ ފިޝަރީޒް މިނިސްޓަރުކަން ކުރެއްވި ޒަހާ ވަހީދު އަދި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހް ޖަމާލާއި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ ނަންފުޅު ފެންނާން އެބަ އޮތެވެ.
ލިސްޓުގައި ކުރީގެ ހަތަރު ފަނޑިޔާރެއް!
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރެވޭ މީހުންގެ ލިސްޓްގައި ކުރީގެ ހަތަރު ފަނޑިޔާރެއްގެ ނަން ހިމެނެއެވެ. އެ ހަތަރު ފަނޑިޔާރުންގެ މައްސަލަ ވެސް އެސެޓް ރިކަވަރީ ކޮމިޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ. ލިސްޓުގައި ހިމެނިފައިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން ކަމަށްވާ އަލީ ހަމީދާއި އަބްދުﷲ ދީދީ އަދި، ކުރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަބްދުލްބާރީ ޔޫސުފެވެ. މި ހަތަރު ފަނޑިޔާރުންނަކީ ވެސް މިހާރު މަގާމުން ވަކިކޮށްފައިވާ ހަތަރު ބޭފުޅުންނެވެ. އެމްއެމްޕީއާރްސީގެ ކޮރަޕްޝަން ހިނގިއިރު، އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަބްދުﷲ ސައީދުގެ މައްސަލަ މިހާރު އޮތީ ޕްރިމިނަރީ އިންވެސްޓިގޭޝަން މަރުހަލާގަ އެވެ. އޭނާއަށް ތުހުމަތުވާ މައްސަލައަކީ، ކަންފަތުގެ އޮޕަރޭޝަނެއް ކުރުމަށް 20،000 ޑޮލަރު އެމްއެމްޕީއާރްސީ ފައިސާގެ ތެރެއިން ދީފައިވާ މައްސަލައެކެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަލީ ހަމީދުގެ މައްސަލާގައި އޮތީ ލިސްޓްގައިވާ ގޮތުން މައުލޫމާތު ނެގުމުގެ މަރުހަލާގަ އެވެ. އަލީ ހަމީދަށް ތުހުމަތުވާ މައްސަލައަކީ އެމްއެމްޕީއާރްސީގެ ފައިސާގެ ތެރެއިން 20،000 ޑޮލަރު އޭނާ އުޅޭ އެޕާޓްމެންޓުގެ ކައިރިން ހަވާލުކުރި ކަމަށް ބުނާ މައްސަލައެކެވެ. ކޮރަޕްޝަން ހިނގައިގެން ދިޔައިރު، ކުރިމިނަލް ކޯޓު އަދި ހައިކޯޓުގެ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަބްދުﷲ ދީދީގެ މައްސަލަ މިހާރު އޮތީ ލިސްޓްގައި އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެ މައްސަލާގެ ތަހުގީގު ދަނީ ކުރިއަށެވެ. ބޮޑެތި ތުހުމަތުތަކަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ފަނޑިޔާރު ކަމުން ވަކިކުރި އަބްދުﷲ ދީދީއަށް ތުހުމަތު ވަނީ އެމްއެމްޕީއާރްސީގެ ފައިސާގެ ތެރެއިން ދެ ފަހަރެއްގެ މަތިން 30،000 ޑޮލަރު އޭނާއަށް ދިން ކަމަށް ބުނާ މައްސަަލައެކެވެ. ކޮރަޕްޝަން ހިނގައިދިޔައިރު، ކުރިމިނަލް ކޯޓުގެ ގާޒީގެ މަގާމުގައި ހުންނެވި އަބްދުލްބާރީ ޔޫސުފްގެ މައްސަލަ އޮތީ ޑިއުޓީ ޕްރޮސިކިއުޝަންގެ މަރުހަލާގަ އެވެ. އޭނާއަށް ތުހުމަތު ވަނީ 2014 ވަނަ އަހަރު ބުރުޒުމަގު ކައިރިން ފަސް ލައްކަ ރުފިޔާއާ ހަވާލުކުރި ކަމުގެ ތުހުމަތެވެ.
ކުރީގެ ނައިބު ރައީސް، އޭޖީ އަދި ޕީޖީގެ ނަންފުޅު ވެސް ލިސްޓަށް!
(އެމްއެމްޕީއާރްސީ) އިން ވަގަށް ނެގި 1.3 ބިލިއަން ރުފިޔާގެ ތެރެއިން ބައެއް ފައިސާ ލިބިވަޑައިގަތް ކަމަށް ބުނާ ލިސްޓުގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ޕްރޮސެކިއުޓާ ޖެނެރަލް މުހްތާޒް މުހްސިންގެ ނަންފުޅު ވެސް އެބަ އޮތެވެ. އެ ލިސްޓުގައި އޮތް ގޮތުން ނަމަ ކުރީގެ ނައިބު ރައީސް އަދި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދުގެ މައްސަލައިގެ ތަހުގީގު މައުލޫމާތު އެއްކުރުމުގެ މަރުހަލާގައި އުޅޭއިރު ތުހުމަތު ކުރަނީ 200،000 ރުފިޔާ ލިބިވަޑައިގަތް ކަމަށެވެ. ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ނަން ލިސްޓުގައި އޮތްއިރު، ތުހުމަތު ކުރަނީ 608،400 ރުފިޔާ ލިބިވަޑައިގަތް ކަމަށެވެ. މުހްތާޒަށް ތުހުމަތުކުރާ ފައިސާގެ އަދަދެއް ނެތެވެ.
މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި މަޖިލީހުގެ ކުރީގެ 44 މެމްބަރުންގެ ނަން!
ކުރީގެ ސަރުކާރުގައި ހިންގި ހިޔާނާތުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރަކަށް މަންފާވި ކަމަށް ހިޔާނާތުގެ ލިސްޓަށް އަރާފައި ވެއެވެ. އްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރުން ހިމެނޭއިރު ގިނައީ އޭރު ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ މެމްބަރުންނެވެ. ރައްޔިތުންގެ މަޖިލީހުގެ އެ ޕާޓީގެ ހުރިހާ މެމްބަރުން ކަހަލަ ގޮތަކަށް ލިސްޓުގައި ނަން އޮތެވެ. ބައެއް މެމްބަރުންނަށް ތުހުމަތުކުރާ މައްސަލައިގައި ތަހުގީގު މަރުހަލާ ވަނީ ފަށައިފަ އެވެ. މަޖިލީހުން އާއްމުކުރި ލިސްޓުގައި ކުރީގެ 44 މެމްބަރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި އެކި ދާއިރާތައް މިހާރު ވެސް ތަމްސީލްކުރައްވާ 16 މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.
ނަން އޮތް ނަމަ ވެސް ގިނަ ބަޔަކު ދަނީ އެކަމަށް އިންކާރު ކުރައްވަމުން!
ލިސްޓު އާންމުކުރި ނަމަވެސް، އިއްޔެ އާންމުކުރި އެ ލިސްޓުގައި ހިމެނޭ ގިނަ ބަޔަކު ދަނީ އެކަަމަށް އިންކާރު ކުރަމުންނެވެ. ބައެއް ބޭފުޅުންނަށް ފައިސާ ނުލިބޭ ކަމަށް ވިދާޅުވާ އިރު، އަނެއްބައި ބޭފުޅުން ތުހުހުމަތު ކުރަނީ އެ ލިސްޓު ނެރުނީ އެ ބޭފުޅުންގެ އަގު ވަށްޓާލައި ފަޟީޙަތް ކުރުމުގެ ބޭނުމުގައި ކަމަށެވެ. ކަން މިހެން ހުރުމުން "މިތަނުގައި ވާ މީހެއް އެކަމަކު ނުވާ މީހަކީ އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު މީހެއް" ކަމަށް ވެ "މަންޒަރު ފުސްވެދާނެ" ކަމަށް ސިޔާސީ މަޝްރަޙު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް