މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގާ ފަތިހު 04:30 ހާއިރުން ފެށިގެން ގާތްގަނޑަކަށް ހެނދުނު 06:30 ވާންދެން މާލެއަށް ބޯކޮށް ވާރޭ ވެހުނެވެ. މި ވެހުނު ވާރޭގާއި މާލޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވި ނަމަވެސް، ކަނބާއައިސަރަނި ހިނގުމުގެ، މި ފަހުން ހަދާފައިވާ ސަރަހައްދުގައި އެއްވެސް ވަރަކަށް ފެންބޮޑުވެފައެއް ނުވެއެވެ.
ކަނބާއައިސަރަނި ހިނގުމުގެ އެއް ފަޅި އާރްޑީސީން ހެދި ފަހުން ފެންބޮޑުވިކަމަށްބުނެ ސޯޝަލް މީޑިއާގައި އެ ވާހަކަ ވަރަށް ބޮޑަށް ސިޔާސީ ބަހުސަކަށް ވެގެންދިޔައެވެ.
ހަމައެކަނި އެ މަގެއް ނޫނެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މާލެ ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓްގެ ދަށުން މިހާރު ހަދާފައިވާ އެއްވެސް މަގެއްގައި ފެންބޮޑުވެފައެއް ނުވެއެވެ.
ކަނބާ އައިސަރަނި ހިނގުމުގެ އުތުރު ފަޅީގައި އެއްވެސް ވަރަކަށް ފެން ނެތް ނަމަވެސް، އަދި މި ޕްރޮޖެކްޓްގެ ދަށުން ހަދާފައިނުވާ ފަޅި (އައިޖީއެމް ހޮސްޕިޓަލް ފަޅި)ގައި ފެންބޮޑުވެފައިވެއެވެ.
އާންމުކޮށް ފެންބޮޑުވާ އަމީނީ މަގާއި ބުރުޒުމަގުގައިވެސް ފެންބޮޑުވެފައިވެއެވެ. ނަމަވެސް ވެހުނު ވާރެއާއި، ވެހުނު ބޯމިނާއި ވަގުތަށް ބަލާނަމަ ކުރިއާ ގާތްކޮށްލެވޭ ވަރަށްވެސް ފެން ބޮޑުވެފައެއް ނުވެއެވެ.
އިތުރަށް ފާހަގަވިކަމަކީ ކާނުތައް ސާފުކޮށްފައިހުރުމުން އަމީނީ މަގު އަދި ބުރުޒުމަގާއި އެހެނިހެން ސަރަހައްދުތަކުގައިވެސް ބަރާބަރަށް ޑްރައިނޭޖްތައް މަސައްކަތްކުރަމުންދިޔަކަމެވެ. ބާރު ސްޕީޑްގައި ފެން ހިނދެމުން ދިޔަކަމެވެ.
ކާނުތައް ސާފުކޮށް ބެލެހެއްޓުމަކީ މާލެ ސިޓީ ކައުންސިލުން މި ފަހަކަށް އައިސް ވަރަށް ބަރާބަރަށް ކުރަމުން އަންނަ ކަމެއް ކަމުގައި ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް