ފަންނުވެރިކަމުގެ ދާއިރާއަށް އަގުހުރި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ސަރުދާރު ދޮންމަނިކު (ސަރުދާރު ދޮންބެ) އަވަހާރަ ވެއްޖެއެވެ.
ސަރުދާރު ދޮންމަނިކަކީ އުމުރުން 25 އަހަރުން ފެށިގެން ކުރެހުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެެވެ. މިގޮތުން ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ބޮޑެތި ތަޞްވީރުތައް ކުރެއްސެވުމާއި، ގިޑިގެ ޑިޒައިން ކުރެއްވުންފަދަ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުން، ބޮއްޔާއި، މަހުގެ ކަށްޓާއި، މަހުގެ ހަމުން އެއްޗިހި ހެއްދެވުންވެސް ހިމެނެއެވެ.
އަދި ސްޓެންސިލްގައި ކުރަހައިގެން ނޫސްމަޖައްލާ ނެރުނު ދިގު މުއްދަތުގެ ތެރޭގައި ކުރައްސަވާފައިވާ ގިނަ އަދަދެއްގެ ކުރެހުންތައްވެސް ހިމެނެއެވެ. ފަހަކަށް އައިސް ރާއްޖޭގައި ކުރެހުންތެރިން އުފެދިގެން، އެ ކުރެހުންތެރިންގެ މަސައްކަތްތައް ޢާންމުވުމުގެ ކުރީގައި، ގިނަ އަހަރުތަކެއް ވަންދެން މުޅި ރާއްޖޭގައި ހުރި އެންމެ ކުޅަދާނަ އަދި އެންމެ މަޝްހޫރު ކުރެހުންތެރިޔަކީ ސަރުދާރު ދޮންމަނިކެވެ.
ސަރުދާރު ދޮންމަނިކު ވަނީ1996 ވަނަ އަހަރު ކުރެހުމުގެ ރޮނގުން ޢާއްމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު ހޯއްދަވާފައެވެ.
ކޮވިޑްގެ ބަލިމަޑުކަމުގައި، ކޮވިޑަށް ފަރުވާ ހޯދުމަށްފަހު ސަރުދާރު ދޮންމަނިކު ގެއަށް ދޫކޮށްލާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
ރާއްޖެއިން ކޮވިޑް 19 އަށް ފައްސިވި އެންމެ އުމުރުން ދޮށީ ފަރާތަކީ އުމުރުފުޅުން92 އަހަރުފުޅުގެ ސަރުދާރު ދޮންމަނިކެވެ.2020 މެއި29 ވަނަ ދުވަހު ކޮވިޑަށް ފައްސިވެ ފަރުވާ ހޯއްދެވުމަށްފަހު، 2020 ޖޫން 17 ގައި އެމަނިކުފާނު ވަނީ ބަލިން ފަސޭހަވ ގެއަށް ބަދަލުވެފައެވެ.
ސަރުދާރު ދޮންމަނިކަކީ ރާއްޖޭގައި އުފެއްދި އެންމެ ފުރަތަމަ ކަރުދާސް ރުފިޔާގެ ޑިޒައިންތަކުގެ ކުރެހުންތެރިޔާ އެވެ.
ފަންނުވެރިކަމުގެ ދާއިރާއަށް އަގުހުރި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ސަރުދާރު ދޮންބެ ގެ ފުރާނައަށް މާތް ﷲ ރަޙުމަތް ލައްވައި އެ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކޮށްދެއްވާށި. އާމީން.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް