ރާއްޖެ މި ހިމެނޭ ސަރަހައްދަށް މޫސުން ގޯސްވެ، ރާއްޖެއަށް ވިއްސާރަ ކުރަމުން އަންނަތާ ތިން ދުވަސް ވެފައިވާއިރު، މި ސަރަހައްދުގައި އުފެދިފައިމިވާ ވިލާތަށް ކޮޅިގަނޑަކަށް އަދި އެއަށްފަހު ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމުގައި ރީޖަނަލް ސްޕެޝަލައިޒްޑް މީޓިއޮރޮލޮޖިކަލް ސެންޓަރ (އާރުއެސްއެމްސީ) އިން ބުނެފިއެވެ.
އެގޮތުން އެ ސެންޓަރުން ބުނެފައިވަނީ އަރަބިކަނޑުގައި، އިންޑިއާ ކަނޑު، ރާއްޖެ ސަރަހައްދު އަދި ދެކުނު އަރަބިކަނޑު ގުޅޭހެން އުފެދި ވިއްސި ވިހާލިވެފައިވާ އެހެން ނަމަވެސް މިހާރުވެސް ބޯކޮށް އޮތް ވިއްސާރަވިލާތަށް އިތުރަށް ވަރުގަދަވެ ކޮޅިގަނޑެއް އުފެދުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
އެގޮތުން އެ ސެންޓަރުން ނިމުތުކުރާގޮތުގައި ކޮޅިގަނޑެއް އުފެދޭނެ ކަމަށް ބެލެވެނީ 14 މެއި ވާ ހުކުރު ދުވަހުގައެވެ.
ކޮޅިގަނޑަކަށް ބަދަލުވާއިރު އޮންނާނީ ލަކްޝަދްވީޕް ސަރަހައްދުގައި ކަމަށްބުނެފައިވާއިރު 15 މެއި ގައި އިތުރަށް ވަރުގަދަވެ ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވާނެކަމަށްވެސް ނިމުތުކޮށްފައިވެއެވެ.
އެއަށްފަހު 16 މެއިގައި ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު އެބައޮތްކަމުގައިވެސް ބުނެފައިވެއެވެ. ތޫފާނަކަށް ބަދަލުވާއިރު އޮންނާނީ އިންޑިއާ ކައިރީގައި ކަމަށް ބެލެވެއެވެ. އެހެންކަމުން އެއީ ރާއްޖެއަށް އެހާ ބޮޑަށް އަސަރެއް ކޮށްފާނެ ސަރަހައްދެއްކަމަށް ނުބެލެވެއެވެ.
ތޫފާނަކަށް ބަދަލުވެއްޖެ ނަމަ ނަމަކަށް ކިޔާތީ ތޫފާން "ތޯކްޓޭ" އެވެ. މިއީ މިޔަންމާއިން ދީފައިވާ ނަމެކެވެ. ބަރްމީޒް ބަހުން ނަމަ ތޯކްޓޭ ނުވަތަ ތޯއްޓޭގެ މާނައަކީ ހޯނެވެ. މި ތޫފާން އުފެދިއްޖެ ނަމަ މި ތޫފާން ވެގެންދާނީ މި އަހަރު މި ސަރަހައްދުގައި އުފެދޭ އެންމެ ފުރަތަމަ ތޫފާނަށެވެ.
މި ވިއްސާރައިގެ އަސަރު ކުރިއަށް އޮތް ދެތިންދުވަހަކު ރާއްޖެއަށް ކުރަމުންދާނެކަމަށް ރާއްޖޭގެ މޫސުމާއިބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ. އެ އިދާރާއިން މިހާރުވެސް ވަނީ ރީނދޫ ސަމާލު ނެރެފައެވެ.
ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.
ފަތިހު 04:00 އާއި ހެނދުނު 08:00 އާއި ދެމެދުގެ ވަގުތުތަކަށް ނެރެފައިވާ މި ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހި ގުގުރުން އަދި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވުން އެކަށީގެންވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް