އަލްބަމްގެ ހުރިހާ ނާނާއެއްވެސް ވަރަށް ހިތްގައިމު: މެޑަމް ފަޒްނާ

"އުދުހިލާ" އަލްބަމްގެ ހުރިހާ ނާނާއެއްވެސް ވަރަށް ހިތްގައިމުކަމަށް  ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ. ފަޒްނާ މިހެން ވިދާޅުވީ، މަރިޔަމް އުނޫޝާއާއި ޢަބްދުލް ބާސިތު ...

12 May 2021 | 23:46

"އުދުހިލާ" އަލްބަމްގެ ހުރިހާ ނާނާއެއްވެސް ވަރަށް ހިތްގައިމުކަމަށް  ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

ފަޒްނާ މިހެން ވިދާޅުވީ، މަރިޔަމް އުނޫޝާއާއި ޢަބްދުލް ބާސިތު ޢަބްދުﷲ ސަޢީދުގެ ފުރަތަމަ ނާނާ އަލްބަލް "އުދުހިލާ" ނެރެދެއްވުމަށް ފަހުގައެވެ. އަމިއްލަ ރާގުގެ ނާނާގެ 6 ލަވަ ހިމެނޭހެން މި އަލްބަމްގައި ޖުމްލަ ނާނާގެ 8 ލަވަ ހިމެނެއެވެ.

އަލްބަމް ނެރެދެއްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިފަދަ ނާނާތައް ސުކޫލުތަކުގައިވެސް ބޭނުން ކުރެވޭނެކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، މެޑިޓޭޝަންއަށްވެސް މި އަލްބަމްގެ އެންމެ ފަހު ރާގު ކަމުގައިވާ "ދުވަހުގެ ނިމުން" ބޭނުންކުރެވިދާނެ ކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

ދިވެހި އުފެއްދުންތަކަށް ހިތްވަރު ދެއްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މި އަލްބަލް އުފެއްދުމުގައި މަސައްކަތްކުރައްވާފައިވަނީ ހަމައެކަނި ދިވެހިންކަން ފާހަގަކުރައްވައި އެކަމަށް ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމަނާ ވަނީ މި އަލްބަމްގައި ހިމެނޭ އެކަމަނާއަށް އެންމެ މަޤުބޫލުފުޅު ނާނާތައްވެސް ފާހަގަކުރައްވައިފައެވެ.

އަލްބަމް ނެރެދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުހޫރިއްޔާގެ އަނބިކަނބަލުންވަނީ އަލަށް މަންމައަކަށްވާ ފަރާތްތަކަށް ވަރަށް މުހިންމު މެސެޖެއް ދެއްވާފައެވެ. އެގޮތުން ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމަށާއި، ގިނައިން ދިޔާއެއްޗެހި ބުއިމަށާއި، ލުއި ކަސްރަތުކުރުމަށާއި، އަދި ވަކިން ޚާއްޞަކޮށް ވީ ވަރަކުން އަރާމުކުރުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން އެކަމަނާ ވަނީ ދަރިން ތަރުބިއްޔަތުކުރުމުގައި މަންމައާއި ބައްޕަ ވީވަރަކުން އެކަކު އަނެކަކަށް އެހީތެރިވެ އެކުގައި މަސައްކަތްކުރުމަށްވެސް ބާރުއަޅުއްވާފައެވެ. އަދި ހަމަ އެއާއެކު ދަރިން ބަލާ ބޮޑުކުރުމުގައި މައިންބަފައިންގެ ޙިއްޞާ ތާއަބަދު އޮތުމަކީ ދުޅަހެޔޮ އުފާވެރި ޢާއިލާއެއް ބިނާކުރުމަށް ވަރަށް މުހިންމު ކަމެއްކަމުގައި އެކަމަނާ ފާހަގަކުރެއްވެވިއެވެ.

އަދި ހަމަ މި މޭރުމުން އެކަމަނާ ވިދާޅުވީ މައިން ބަފައިންނާއި މާމަ އާއި ކާފަގެ ފަރާތުން ދަރިންނަށް ދެވޭ މެސެޖަކީ އެއް މެސެޖަކަށް ވާންޖެހޭނެކަމަށާއި، އޭރުން ކުދިން އެ ކަމެއް ކުރާލެއް އަވަސްވާނެ ކަމަށެވެ. . މީގެ އިތުރުން އެކަމަނާ ވަނީ މިހާރުން ފެށިގެން މުޖުތަމަޢުގައި އޮންނަ ދުވަސްވީ ގޯސް އާދައެއްކަމުގައިވާ ކުދިންގެ ކުލައަށާއި، ބަރުދަނަށާއި، ސިފައަށް ފާޑުކިއުން ހުއްޓާލުމަށް ހުރިހާ އެންމެންގެ ފަރާތުން އެދިވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް