ބެލާ ހަދީދްގެ އިތުރުން ގިނަ އަދަދެއްގެ މަޝްހޫރު ފަންނާނުން ފަލަސްޠީނުގެ ދިފާއުގައި ނިކުމެ، އެމީހުންގެ ޝުއޫރުތައް ބަންޑުން ކޮށްލައިފިއެވެ.
ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ މި ފަންނާނުން އަންނަނީ މީސްމީޑިއާގެ ތަފާތު މަންސަތަކުގައި ފަލަސްޠީނާއި އެއްކޮޅަށް ވާހަކަ ދައްކާ އަޑު އުފުލަމުންނެވެ.އިސްރާއީލުން ގަދަ ކަމުން ގެދޮރުތައް ފޭރި ގަނެފައިވާ ފަލަސްޠީނުގެ އާއިލާތަކުގެ ދިފާއުގައި ނިކުތް ފަންނާނުންގެ ތެރޭގައި މަޝްހޫރު މޮޑެލް، ބެލާ ހަދީދާއި އިނގިރޭސީ ލަވަކިޔުންތެރިޔާ ޑުއާ ލިޕާގެ އިތުރުންވެސް މަޝްހޫރު ގިނަ ފަންނާނުން ތަކެއް ހިމެނެއެވެ.
ފަލަސްޠީނުގެ މައްސަލައަކީ ބެލާ ހަދީދުގެ ހިތުގައި ޚާއްސަ ކަމެއް އަބަދުވެސް ދެވިފައި އޮންނަ މައްސަލައެކެެވެ. މިފަހަރު އިސްރާއީލުން ފަަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް ދެމުން ގެންދާ ލާ އިންސާނީ ހަމަލާތަކާއި ގުޅިގެން ބެލޭ ހަދީދްވަނީ ވަރުގަދަ ސްޓޭޓަސްއެއް އޭނާގެ އިންސްޓަގްރާމްގައި ހިމަނާފައެވެ.މި ސްޓޭޓަސްގައި، ބެލާގެ ކާބައިފައިންގެ ދަތު އިޙްސާސްވާ ކަމަށާއި،ފަލަސްޠީނުގައި ތިބި އަޚުންނާއި އުޚްތުންނަށްޓަަކައި ކަރުނަ އަޅާ ރޮވޭ ކަމަށް ބެލާ ބުނެފައި ވެއެވެ. އަދި އެ މީހުންގެ އަމާންކަން ގެއްލުވާލާ، ކުރިމަތި ކޮށްފައިވާ ބޮޑު ބިރުވެރި ކަމަށްޓަކައި ދެރަވާ ކަމަށްވެސް ބޭލާވަނީ އޭނާގެ ސްޓޭޓަސްގައި ބުނެފައެވެ.ބެލާ ހަދީދާއި ޖީޖީ ހަދީދްގެ ކޮއްކޮ، އަދި އެމެރިކާގެ ކާމިޔާބު މޮޑެލް، އަންވަރު ހަދީދުވެސް ގެންދަނީ މެދު ކެނޑުމެއް ނެތި ފަލަސްޠީނުގެ ޚަބަރުތައް އޭނާގެ މީސްމިޑިއާ މަންސަތަކުގައި ހިއްސާ ކުރަމުންނެވެ.
ޑުއާ ލޫޕާވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީ މެދުވެރި ކޮށް، ފަލަސްޠީންގެ ރައްޔިތުންނަށް ދެމުން ގެންދާ އަނިޔާ ހުއްޓާލުމަށް މަސައްކަތް ކުރުމަށް މުޅި ދުނިޔެއަށް ގޮވާލާފައެވެ.މީގެ އިތުރުން، އިނގިރޭސީ ރޮކް ސްޓާރެއް ކަމަށްވާ ރޮޖާ ވޯޓަރސްވެސް ވަނީ އޭނާގެ މީސްމިޑިއާގައި، ފާޅުގައި އިސްރާއީލުގެ އަމަލުތައް ކުށްވެރި ކޮށް، އިސްރާއީލަކީ މިހާރު ހަމަ އަސްލަށްވެސް 'އަޕާތީޑް' ތައުލަތެެއް ކަމަށް ބުނެ، އިސްރާއީލުގެ އަމަލުތަކާއި މެދު އޭނާގެ ނުރުހުން ފާޅު ކޮށްފައެވެ.
އަދި މިހާރު މޮޑެލިންގ ދާއިރާއިން ދުރަށް ގޮސްފައިވީ ނަމަވެސް، ދުނިޔޭގެ އެންމެ ފުރަތަމަ ބުރުގާ އެޅި ސުޕަރ މޮޑެލްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ހަލީމާ އޭޑެންވެސް ވަނީ ފަލަސްޠީނު ރައްޔިތުންގެ ދިފާއުގައި އަޑު އުފުލާފައެވެ.އެގޮތުން އޭނާވަނީ ފަލަސްޠީނުގެ ކުޑަ ކުއްޖަކު އެ ޤައުމުގެ ދިދަ ވިހުރަން ހުއްޓާ ނަގާފައިވާ ފޮޓޯއެއް މީސްމީޑިއާގައި ހިއްސާ ކޮށްފައެވެ. އަދި މި ފޮޓޯގެ ކެޕްޝަންގެ ގޮތުގައި، އޭނާގެ ހިތްވަނީ ފަލަސްޠީނުގައި ތިބި އޭނާގެ އަޚުންނާއި އުޚުތުންނާއި އެކުގައި ކަމަށް ހަލީމާ ބުނެފައި ވެއެވެ.
ފަލަސްޠީނަށް ނިސްބަތްވާ މަޝްހޫރު ޑީޖޭއިން ކަމަށްވާ ޚަދްރާ ދެބެއިންވެސް ވަނީ އިސްރާއީލުގެ ހަރުކަށި އަމަލު ތަކާއި ދެކޮޅަށް އަޑު އުފުލާފައެވެ. އެގޮތުން، އެ ދެބެއިން ބުނެފައި ވަނީ، ފަލަސްޠީނުގެ ހާލަތާއި މެދު ވަކި ފަރާތަކަށް ނުޖެހި ތިބުމަކީވެސް އިސްރާއީލުގެ ހަރުކަށި، އަޕާތީޑު ސަރުކާރަށް ތާއީދު ކުރުން ކަމުގައެވެ. މި ދެބެންގެ ކޮއްކޮ، އަދި ކެންޑެލް ޖަރނަރއާއި ގާތް ރަޙްމަތްތެރި ކަމެއް އޮންނަ ފައި ޚަދްެރާވެސް އަންނަނީ މީސްމީޑިއާގައި ފަލަސްޠީނާއި ގުޅުން ހުރި ޚަބަރު ތައް ފަތުރާ، އާންމުންނާއި ހަމަައަށް ފަލަސްޠީނުގެ ޙާލަތު ގެނެސް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިއިން ކޮންމެ ފަންނާނަކީވެސް އެތަކެއް ހާހުން ފޮލޮވަރުން އެ މީހުންގެ މީސްމީޑިއާގައި ތިބި ބައެއް ކަމުން،ފަލަސްޠީނުގެ ޙާލަތު މިފަދަ ޕޯސްޓުތަކުގެ ސަބަބުން އަންނަނީ ދުނިޔޭގެ އެތައް މިލިއަން ބަޔަކާއި ހަަމައަށް އަންނަމުންނެވެ. އަދި ފަލަސްޠީނުގެ ދިފާއުގައި ގިނަ ބަޔަކު މިވަނީ މިހާރު މީސްމީޑިއާގައިވެސް އަޑު އުފުލަން ފަށާފަައެވެ.
ފާއިތުވެ ދިޔަ ހަފްތާގައި، ރާއްޖެ ހިމެނޭހެން ގިނަ ޤައުމު ތަކަކުން އިސްރާއީލުގެ އަމަލުތައް ކުށް ވެރި ކޮށްފައިވާ އިރު، މިހާތަނަށް ބައިނަލްްއަޤްވާމީ ގޮތުން އިސްރާއީލުގެ އަމަލުތައް ހުއްޓުވާލަން އިތުރު އެއްވެސް ފިޔަވަޅެއް އެޅިފައި ނުވާ ކަން ފާހަގަ ކޮށްލެވެއެވެ.
މިއަދު އެކަނިވެސް، އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްޠީނުގެ 32 ރައްޔިތުން މަރުވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯރޓު ކޮށްފައެވެ. އަދި މިއަދަދުތައް އިތުރުވަމުން ދާނެ ކަމަށްވެސް ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް