އެންމެ ފަހުން ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށް ހިއްސާ ވިއްކަން ފެށީ އުރީދޫ މޯލްޑިވްސް އެވެ.
އަލަށް ހިއްސާ ވިއްކަން ފަށާ ކުންފުންޏަކަށްވާތީ ބައެއް މީހުން ގެންދަނީ އުރީދޫ ހިއްސާ ގަނެގެން ލިބޭނެ ފައިދާއާއި ބެހޭގޮތުން ސުވާލު އުފައްދާފައި އެވެ. އޭގެ ޖަވާބުގައި އުރީދޫ މޯލްޑިވްސްގެ ސީއިއޯ ނަޖީބު ހާން ވިދާޅުވެފައިވަނީ އުރީދޫއިން ހިއްސާ ގަންނަ މީހަކު މާޔޫސްވާން ނުޖެހޭނެ ކަމަށެވެ.
އުރީދޫ މޯލްޑިވްސް އަކީ ގަތަރުގެ އުރީދޫ ގްރޫޕުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ގޮފިތަކުގެ ތެރެއިން އެންމެ ފާއިދާވާ ކުންފުންޏެވެ. މިދިޔަ އަހަރު އުރީދޫ މޯލްޑިވްސްއަށް ފައިދާގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. 2013 ވަނަ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 702 މިލިއަން ރުފިޔާ އެވެ.
ހިއްސާ ގަތުމާއި މެދު އާންމުން ގެންގުޅޭ ފިކުރު ބަދަލު ކުރަން ޖެހެ އެވެ. ބައެއް މީހުން ގަބޫލު ކުރާގޮތުގައި ހިއްސާ އަކީ މުއްސަނދިން ގަންނަން ޖެހޭ އެއްޗެކެވެ. އެ ވިސްނުން ބަދަލުކޮށް އެންމެ މަދުން ގަނެވޭ މިންވަރަށް ހިއްސާ ގަތުމަކީ އޭގެ ފައިދާ މުސްތަގުބަލުގައި ކުރާނެ ކަމެކެވެ. ތަޖުރިބާކާރުން ގަބޫލު ކުރާ ގޮތުގައި ފަހަށް ފައިސާ ރައްކާކުރުމުގެ ގޮތުން ބޭންކް އެކައުންޓެއްގައި ބެހެއްޓުމަށް ވުރެ ހިއްސާ ގަތުމުން ލިބޭ ފައިދާ އެތައް ގުނައެއް ބޮޑުވާނެ ކަމަށެވެ.
އުރީދޫގެ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ ތިން އަހަރު އެ ކުންފުނީގެ އާމްދަނީ ވަނީ 30 ޕަސެންޓަށް އިތުރުވެފައި އެވެ. އަދި ކުރިޔަށް އޮތް ތިން އަހަރު ތެރޭގައި ކުންފުނީގެ ފައިދާ 50 ޕަސެންޓު އިތުރުވާނެ އެވެ. އުރީދޫގެ ސީއީއޯ ނަޖީބް ހާން ގަބޫލު ކުރައްވާގޮތުގައި އެއީ އުރީދޫގެ ހިއްސާ ގަތުމަށް ރައްޔިތުން ފަހަތަށް ނުޖެހެންވީ އެންމެ ބޮޑު ސަބަބެވެ. ކުންފުނީގެ އާމްދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދިއުމުގެ ނަތީޖާއަކަށް ވާނީ ހިއްސާދާރުންނަށް ބަހަން ނިންމާ މިންވަރު އިތުރުވުމެވެ.
އުރީދޫގެ ހިއްސާދާރަކަށް ވުމަށް 30 ރުފިޔާގެ މަގުން މަދުވެގެން 50 ހިއްސާ ގަންނަން ޖެހެ އެވެ. އުރީދޫއިން އެ ބުނާ ވަރުގެ އާމްދަނިއެއް ކުރިޔަށް އޮތް ތިން އަހަރުތެރޭގައި ލިބެން ފަށައިފި ނަމަ އެންމެ މަދުން ހިއްސާ ގަނެފައިފާ ފަރާތަކަށްވެސް އެކަށީގެންވާ އާމްދަނީއެއް ލިބޭނެ އެވެ.
އުރީދޫއިން ފުރަތަމަ ވިއްކަން ނިންމާފައިވަނީ އެ ކުންފުނީގެ 15 ޕަސެންޓަށްވާ 22 މިލިއަން ހިއްސާ އެވެ. ހިއްސާ ގަތުމަށް ހުޅުވާލާފައިވާ މުއްދަތުގައި އެއަށްވުރެ ގިނައިން ހިއްސާ ގަތުމަށް ހުށަހަޅާނަމަ 40 ޕަސެންޓަށްވާ 59 މިލިއަން ހިއްސާ ވިއްކާނެ އެވެ.
އުރީދޫގެ ހިއްސާދާރަކަށް ވުމުގެ ފުރުސަތު ހަމަވާނީ މިމަހުގެ 29 ގެ ނިޔަލަށެވެ. މިއީ ރަނުގެ ފުރުސަތެކެވެ. ކޮންމެ މީހަކުވެސް މުސްތަގުބަލަށް ވިސްނައި އުރީފަދަ ކުންފުންޏަކުން ހިއްސާ ގަތުމަކީ ފައިދާވެ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް