އުރީދޫގެ ހިއްސާ ވިއްކަން ފަށާފައިވާއިރު ގައުމުގައި އެކި ސިނާއަތްތަކުގެ ޒުވާނުން މަސައްކަތް ކުރަމުން އަންނައިރު އުރީދޫގެ ހިއްސާ ވިއްކަން ހުޅުވާލާފައިވަނީ ޒުވާނުންނަށްވެސް ގަނެލެވޭ ވަރަށް ކަމަށާއި އުރީދޫގެ އުންމީދަކީ ރާއްޖޭގެ ކޮންމެ ގެއެއްގައި ވެސް އުރީދޫގެ ހިއްސާދާރަކު ހުރުން ކަމުގައި އުރީދޫގެ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒް ވިދާޅުވެއްޖެ އެވެ.
އުރީދޫގެ އައިޕީއޯ (އިނީޝިއަލް ޕަބްލިކް އޮފަރިންގ) އާއި ބެހޭގޮތުން ދުވަހަށް މައުލޫމާތު ދެއްވަމުން ނިޔާޒް ވިދާޅުވީ ފާއިތު 12 އަހަރުގެ ތެރޭގައި އުރީދޫ ވަނީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާއަށް ގިނަ ކާމިޔާބީތަކެއް ގެނެސްދީފައި ކަމަށެވެ.
"ކުންފުނި މިއޮތީ 12 އަހަރު ތެރޭގައި ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްފައި، ދިވެހި ރާއްޖެއަށް ބޮޑު އިންގިލާބެއް ގެނެސްފައި މިއޮތީ ޓެލެކޮމިއުނިކޭޝަން ދާއިރާއިން، ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީސް ރާއްޖޭގައި މި ދަނީ ބޭނުން ކުރަމުން" ނިޔާޒް ވިދާޅުވި އެވެ.
ނިޔާޒް ވިދާޅުވީ މޮބައިލް ޓެކްނޮލޮޖީގައި، ޓެކްނޮލޮޖީގެ ގޮތުން ރާއްޖެއަށްވުރެ ވަކި ތަރައްގީ ގައުމެއް ދުނިޔޭގަވެސް ނޯންނާނެ ކަމަށެވެ. އެގޮތުން އުރީދޫ ގްރޫޕްގެ ދޯހާގައި މޯބައިލް ޓެކްނޮނޮލޮޖީ "5ޖީ" ޓެސްޓް ކުރަމުން އަންނައިރު އެކަން ކާމިޔާބު ވެއްޖެނަމަ ލަސްތަކެއް ނުވެ އެ ޓެކްނޮލޮޖީވެސް އުރީދޫއިން ރާއްޖެއަށް ތައާރަފް ކުރާނެ ކަމަށެވެ. މި ކުރިއެރުންތަކާއެކު އުރީދޫ ކުރިއަށްދާއިރު މިހާރު ހިއްސާ ބައްލަވައިގެންފިއްޔާ އެއީ މުސްތަގްބަލަށް ކުރެވޭ އިންވެސްޓްމެންޓަކަށް ވެގެންދާނޭކަމުގައި ނިޔާޒް ވިދާޅުވި އެވެ.
"ޑިވިޑެންޓްގެ ގޮތުގައި 2017 ގައި މިހާރުވެސް އެބަޖެހޭ 10.9 ޕަސެންޓް، ގާތްގަނޑަކަށް 11 ޕަސެންޓް 2017ގަވެސް ލިބޭނެ. 2021 ވަނަ އަހަރަށް އެ އަދަދު 16 ޕަސެންޓަށް އެބަ އަރާ، މިހާރު ހަދާފަ އިން ހިސާބަކީ ރާއްޖޭގަ އުރީދޫ ކުރިއަށް ގޮސްފައި އިން މިންވަރަށް ބަލާފައި ހަދާފައި އިން ހިސާބެއް، ނަމަވެސް އުރީދޫ މި ދަނީ ކުރިއަށް އެހެންކަމުން އެ އަދަދު އިތުރުވެގެންދާނެ ކަމުގެ ޔަގީންކަން އެބަ އޮވޭ" ނިޔާޒް ވިދާޅުވި އެވެ.
ނިޔާޒް އިތުރަށް ވިދާޅުވީ އުރީދޫގެ އިންޓަނެޓްގެ ހިދުމަތަށްވެސް އަދި މިވީ ދޮޅު އަހަރު ކަމަށާއި ރިސޯޓްތަކަށްވެސް އެ ހިދުމަތް އިތުރަށް ފުޅާކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެހެންކަމުން އެ ހިދުމަތާއެކުވެސް އުރީދޫ އިތުރަށް ކުރިއަރައިގެން ދާނޭ ކަމަށެވެ. އަދި ހިއްސާ ބައްލަވައިގަނެގެން ކުރާ އިންވެސްޓްމަންޓް މިހާރަށް ބަލާލިޔަސް އަށް އަހަރު ތެރޭގައި ޑަބަލް ވެގެންދާނޭ ކަމަށާއި އަދި އެއައްވުރެ ކުރިންވެސް މިކަމުގެ ފައިދާ ލިބެން ފަށާނޭ ކަމުގައިވެސް ނިޔާޒް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް