މީގެ 12 އަހަރު ކުރިން 2005 ވަނަ އަހަރު ދިވެހިންނަށް ތައާރަފު ވި ވަތަނިއްޔާ ނުވަތަ މިހާރުގެ ނަމުން އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ މުއާސަލާތީ ދާއިރާއަށް އިންގިލަބެއް ގެނުވި ކުންފުންނެކެވެ.
ގަތަރުގައި އޮޕަރޭޓު ކުރާ އުރީދޫގެ 10 ކުންފުންޏެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެ އެވެ. 138 މިލިއަން އުރީދޫ ކަސްޓަމަރުން މުޅި ދުނިޔޭގައި ތިބި އިރު ރާއްޖެ އަކީ އެންމެ ފައިދާވާ ކުންފުނި ކަމަށް އުރީދޫއިން ވަނީ ބުނެފައިއެވެ.
ރާއްޖޭގައި އުރީދޫގެ ގޮތްޕެއް އުފެދުން ވެގެން ދިޔައީ އެ ދާއިރާގައި ވާދަވެރިކަން ބޮޑުވެ، މުއާސަލާތީ ހިދުމަތް ދޭ ދެ ކުންފުންޏެއް އުފެދުމުން ހިދުމަތުގެ ފެންވަރު ރަނގަޅުވެ، އަގުހެޔޮ ވާން ފެށި ކަމަކަށެވެ. އުރީދޫ ވަނީ މުއާސަލާތާއި ގުޅޭ ގިނަ ހިދުމަތްތަކެއް ރާއްޖެއަށް ތައާރަފު ކޮށްފައި އެވެ. އެސްއެމްއެސް، އެމްއެމްއެސް، ކޯލްއިން ފެށިގެން ގޮސް އިންޓަނެޓް މެދުވެރިކޮށް އުރީދޫގެ ހިދުމަތް ނުހޯދާ ދިވެއްސެއް މިހާރު މަދުވާނެ އެވެ.
ރާއްޖޭގެ ތައުލީމު ކުރި އެރުވުމުގެ ގޮތުން އުރީދޫއިން ވަނީ ސްމާޓް ކެމްޕަހުގެ ނަމުގައި އިންޓަނެޓް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ކިޔެވޭނެ ގޮތް ރާއްޖޭގެ ކޮލެޖުތަކާއި ގުޅިގެން ފަށާފައި އެވެ. މިކަން ބައިނަލްއަގުވާނީ ގޮތުން ފާހަގަކޮށްލެވޭ ކަމަށްވެ އުރީދޫ މޯލްޑިވްސް ވަނީ މޯބައިލް ފޯނުގެ ޝަރަފުވެރި ބައިނަލް އަގުވާމީ އެވޯޑެއް ކަމަށްވާ ގްލޯބަލް މޮބައިލްސް އެވޯޑު (ގްލޯމޯ އެވޯޑްސް) އަށް ނޮމިނޭޓުވެފައި އެވެ.
ތައުލީމީ ދާއިރާގެ އިތުރުން އުރީދޫ އަކީ ރާއްޖޭގެ ވިޔަފާރިވެރިންނާއި ޓޫރިޒަމްގެ އިތުރުން އިޖްތިމާއީ ޒިންމާ އަދާ ކުރުމުގެ ގޮތުން ބޮޑެތި އެހީތެރިކަމެއް ފޯރުކޮށްދޭ ކުންފުންޏެކެވެ. ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމުގެ ގޮތުން ގެސްޓުހައުސް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އުރީދޫއިން ގެންދަނީ ގެސްޓު ހައުސްތަކަށް މުއާސަލާތީ ގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އިޖްތިމާއީ ޒިންމާގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ތެރެއިން ބައެއް ކުދިންގެ ހަރަދު އުރީދޫއިން ބަލަހައްޓައެވެ. އަތޮޅުތެރޭގެ ރަށްރަށުގައި ހިންގާ އެކި އެކި ހަރަކާތްތަކަށް މާލީގޮތުންނާއި އެހެނިހެން ގޮތް ގޮތުން ފުޅާ ދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދެ އެވެ.
އުރީދޫއިން ރާއްޖެއަށް ތައާރަފު ކުރާ ޓެކްނޮލޮޖީތަކަކީ ދިވެހިން ބަލައިގެންނަ ހިދުމަތްތަކެކެވެ. އެގޮތުން އުރީދޫގެ 2ޖީ، 3ޖީ އަދި 4ޖީގެ ހިދުމަތް މުޅި ރާއްޖެއަށް ލިބުމަކީ ވަކި ރަށެއް އިސްތިސްނާ ނުކޮށް މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އުރީދޫއިން ބޭނުންވާކަން ހާމަކޮށްދޭ ހެތްކެކެވެ. އުރީދޫއިން ވަނީ ޒުވާނުންގެ މެދުގައި މަގުބޫލު ވައިބާގެ ފުރަތަމަ ދިވެހި ސްޓިކާ ޕެކް ރާއްޖެއަށް ތައާރަފުކޮށްފައި އެވެ. މުނިފޫހިފިލުވުމުގެ ދާއިރާގައި ދުނިޔޭގެ އެންމެ މަޝްހޫރު "ސްޕޫލް" މެދުވެރިކޮށް ފިލްމު ބެލޭނެ ގޮތްވެސް އުރީދުއިން ތައާރަފު ކުރި އެވެ.
މި ހިދުމަތްތަކާއި އެކު މިއަދު އުރީދޫ އަކީ ޕަބްލިކް ކުންފުންޏެކެވެ. އެ ކުންފުނިން ބޭނުންވަނީ އުރީދޫ މޯލްޑިވްސް އިން ހޯދާ ފައިސާ ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ވަންނާށެވެ. އުރީދޫއިން ބުނީ އުރީދޫގެ ހިއްސާދާރުންނަށް ގެއްލުމާއި ކުރިމަތިލާން ޖެހުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. އެގޮތުން އެއް އަހަރުން އަނެއް އަހަރަށް ހިއްސާދާރުންނަށް ލިބޭ ފައިދާ އިތުރުވާނެ ކަމަށް ބުނެ އެވެ.
އުރީދޫގެ މައި ކުންފުނިން ވަނީ މިދިޔަ މާޗް މަހު ބޭއްވި މޯބައިލް ވޯލްޑް ކޮންގްރެސް 2017ގައި އެ ކުންފުނީގެ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ދައްކާލާފައި އެވެ. އޭގެ ތެރޭގައި ސިއްހަތާއި، ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭނެ ގޮތުގެ އިތުރުން 5ޖީ އާއި ކުޅިވަރަށް ހާއްސަ ޓެކްނޮލޮޖީ އަދި އުރީދޫ ސްމާޓް ސިޓީ ހިމެނެ އެވެ.
މި ޓެކްނޮލޮޖީތަކުގެ އެހީގައި ހުޅުމާލެއަކީ ރާއްޖޭގެ ޓެކްނޮލޮޖީގެ ހަބަށް ހެދުމަކީ އުރީދޫގެ އަމާޒުކަމަށް އެ ކުންފުނިން ވަނީ ބުނެފައި އެވެ. މުސްތަގުބަލުގައި އުރީދޫގެ ފަރާތުން ދިވެހިންނަށް މުއާސަލާތީ ދާއިރާއިން ދިވެހިން ހިޔާލަށްވެސް ނުގެންނަ ވަރުގެ ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް ބެލެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް