އިންޑިއާގައި އަންހެނަކު ގޭގައި އިންދަ ބަޔަކު ވަދެ ގަދަކަމުން ގެންގޮސް ވަޅުލާފައި އޮންނަތާ ދެ ގަޑި އިރު ފަހުން ދިރި ހުއްޓަ ސަލާމަތްކޮށްފި އެވެ.
ބިހާރު ސްޓޭޓްގެ ގޯވިންދުޕޫރު އަވަށުގައި ހިނގި އެ ހާދިސާގައި ވަޅުލާފައިވަނީ އުމުރުން 19 އަހަރުގެ ހުޝްބޫ ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާ ނުފެނިގެން ހުޝްބޫގެ ބައްޕަ އާއި މަންމަ ހޯދަމުން ދަނިކޮށް އަވަށު ތެރޭގައި ހުރި ވެލިގަނޑެއް އުސްކޮށް އިންނާތީ ކޮނެގެން ބެލި އިރު ހުޝްބޫ އޮތީ ވަޅުލާފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އަވައްޓެރިންގެ އެހީގައި އޭނާ ވަޅުން ނެގި އިރު ހާލު ވަރަށް ދެރަ ކަމަށާއި އެކަމަކު ނޭވާ ލާކަމަށްވެ އެވެ. ވަގުތުން އެ އަވަށުގައި ހުންނަ ސަރުކާރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައިވާއިރު ހުޝްބޫ ވަޅުލާފައި އޮތީ ތިން ފޫޓަށް ކޮނެފައި ހުރި ވަޅެއްގައި އެވެ. މި މައްސަލައިގަ ފުލުހުން ދަނީ އެ އަވަށަށް ނިސްބަތް ވިޔަފާރިވެރިއެއް ކަމަށްވާ އަމިތް ޝާހް ކިޔާ މީހަކު ހޯދަމުންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި ހުޝްބޫ ވަޅުލުމުގައި އިސްކޮށް ހުރީ އަމިތު އެވެ. އެއީ ހުޝްބޫގެ ބައްޕަގެ ބިމެއްގެ އަމިތު ކޮންސްރަކްޝަން މަސައްކަތެއް ކުރަން ނުދީގެން ބަދަލު ހިފުމުގެ ގޮތުން ކުރި ކަމެއް ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް