ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި އިނގިރޭސިވިލާތަށް ވަޑައިގެންފި އެވެ.
ރައީސް ނަޝީދު އަވަށްޓެރި ސްރީލަންކާއަށް ވަޑައިގެންނެވީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. މި ދަތުރުފުޅަކީ އެ ގައުމުގައި ތިއްބެވި ޑިޕްލޮމެޓުންނާއި ބައްދަލު ކުރެއްވުމަށެވެ.
ނަޝީދު އެނބުރި އިނގިރޭސިވިލާތަށް ވަޑައިގެންނެވިކަން އެމްޑީޕީގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދެއްވާފައި އެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި އިދިކޮޅު އިއްތިހާދުގެ ވެރިންނާއި އެކު ވަނީ ބައްދަލުވުމެއް ބާއްވާފައި އެވެ.
އެ ބައްދަލުވުމުގައި އިއްތިހާދަށް މަސައްކަތް ކުރުމުގައި ދިމާވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށްވެ އެވެ. އަދި ނަޝީދު ވަނީ ބޭރުގެ އެހެން ޑިޕްލޮމެޓުންނާއި ވަކިން ބައްދަލު ކުރައްވާފައި އެވެ.
ނަޝީދު އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން ދިރިއުޅުއްވަމުން ގެންދަވަނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ ހައްޔަރު ކުރި މައްސަލައިގަ 13 އަހަރު ޖަލު ހުކުމެއް އިއްވާފައިވަނިކޮށް ބޭސް ފަރުވާއަށް ވަޑައިގެންނެވި ގޮތަށެވެ. ލަންކާ ސަރުކާރުން ބުނެފައިވަނީ ކުރީގެ ރައީސް ނަޝީދު އެ ގައުމަށް ވަޑައިގެން ހިންގަވާ ސިޔާސީ ހަރަކާތްތަކަކީ ކަންބޮޑުވާ ކަންތައްތަކެއް ނޫން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް