އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމާއި މެދު ހައިކޯޓުން މާދަމާ ގޮތެއް ނިންމަން ތާވަލްކޮށްފި އެވެ.
އިމްރާންގެ ބަންދުގެ މައްސަލައިގެ ގޮތެެއް ނިންމުމަށް ހައިކޯޓުން ތާވަލްކޮށްފައި ވަނީ މާދަމާ މެންދުރުފަހު 02:30 އަށެވެ. އަލީ ވަހީދުގެ ބަންދުގެ މައްސަލައިގެ ގޮތެއް ނިންމުމަށް ހައިކޯޓުން ތާވަލްކޮށްފައި ވަނީ މާދަމާ މެންދުރުފަހު 02:50 އަށެވެ.
އަދާލަތު ޕާޓީން އިސްނަގައިގެން މިމަހުގެ އެއްވަނަ ދުވަހު ބޭއްވި ބޮޑު މުޒާހަރާއިން އިމްރާނާއި އަލީ ވަހީދު ހައްޔަރުކޮށް 15 ދުވަހު ބަންދުގައި ބަހައްޓަން މުއްދަތު ޖެހި މައްސަލަ އެ ދެބޭފުޅުންގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެ މައްސަލައިގެ އިސްތިއުނާފްގެ އަޑުއެހުންތައް މިދިޔަ ހޯމަ ދުވަހު ވަނީ ނިންމާލައިފަ އެވެ.
މޭޑޭ މުޒާހަރާގައި އިމްރާނާއި އަލީ ވަހީދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް ވަނީ ހައްޔަރުކޮށްފަ އެވެ. އަމީން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހި މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެ މައްސަލައިގެ އިސްތިއުނާފްގެ އަޑުއެހުންތައް އިއްޔެ ނިންމާލައިފަވާއިރު އެ މައްސަލާގައި ގޮތެއް ނިންމާނެ ދުވަހެއް ހައިކޯޓުން ނުބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް