އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅިގެން އިރާގުގައި ހަނގުރާމަކުރަމުން ދިޔަ ދިވެއްސަކު އުސް އިމާރާތެއްގެ މަތިން ވައްޓާލައި މަރާލައިފި އެވެ.
އެނގިފައިވާ ގޮތުގައި އޭނާ މަރާލާފައިވަނީ ކުރި ކުށަކާއި ގުޅިގެން މިދިޔަ މަހު އެވެ. އެއީ ކޮން ކުށެއްކަން ނޭނގުނު ނަމަވެސް ދިވެހި މީހާއާ އެކު، އެހެން ދެ ގައުމެއްގެ ދެ ހަނގުރާމަވެރިއެއްގެ މައްޗަށް ވެސް މަރުގެ "އަދަބު" ތަންފީޒުކޮށްފައިވާ ކަމަށްވެ އެވެ.
އެ ތިން މީހުންގެ މައްޗަށް މަރުގެ ހުކުމްތަންފީޒު ކުރުމަށް ހުކުމްކޮށްފައިވަނީ އައިއެސް ޖަމާއަތުގެ ކޯޓަކުންނެވެ.
އެނގިފައިވާ ގޮތުގައި މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖޭން ފުރި އެ މީހާ އެންމެ ފުރަތަމަ އުޅުނީ ސީރިއާގަ އެވެ. އޭނާ އިރާގަށް ދިޔައީ އައިއެސްގެ ބާރުގެ ދަށުގައި އޮތް އިރާގުގެ ތިކުރީތުން އެ ޖަމާއަތް ފައްސާލުމަށް، އެ ގައުމުގެ އަސްކަރިއްޔާ އިން މިދިޔަ މާޗު މަހު ފެށި ހާއްސަ އޮޕަރޭޝަނާ ގުޅިގެންނެވެ.
މިއީ މިފަދަ ގޮތަކަށް ދިވެއްސަކު މަރާލިކަން ހާމަވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެނގިފައިވަނީ ހަނގުރާމައިގަ ދިވެހިން މަރުވަމުންދާ ކަމެވެ.
ފުލުހުން ހާމަކުރި ގޮތުގައި ހަނގުރާމައިގަ ބައިވެރިވުމަށް ދިވެހިންގެ ތެރެއިން 50 ށް ވުރެ ގިނަ މީހުން ގައުމުތަކަށް ގޮސްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް