ފުވައްމުލަކު ކުނި ގޮނޑު ހުސްކުރަން އެމްއާރުޑީސީ އާއި ހަވާލުކޮށްފި

ސާފު ރާއްޖެ އިނީޝިއޭޓިވްގެ ދަށުން ފުވައްމުލަކު ކުނިގޮނޑު ހުސްކުރުމުގެ މަސައްކަތް މޯލްޑިވްސް ރޯޑު ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ހަވާލުކޮށްފި އެވެ. މިއަދު އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާ...

13 May 2015 | 08:33

ސާފު ރާއްޖެ އިނީޝިއޭޓިވްގެ ދަށުން ފުވައްމުލަކު ކުނިގޮނޑު ހުސްކުރުމުގެ މަސައްކަތް މޯލްޑިވްސް ރޯޑު ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ހަވާލުކޮށްފި އެވެ.

މިއަދު އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމެވެ. އެމްއާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމެވެ.

މި ޕްރޮޖެކްޓުގެ ދަށުން ފުވައްމުލަކު ކުނިކޮށީގައި މިހާރު އޮތް ބޮޑު ކުނިފުނި ނަގާ އޭގެތެރެއިން ވެއްޔާއި ކުނީގެ ބާވަތްތައް ވަކި ކުރުމަށް ފަހު ވެލި ފުނި އެކޮށިން ބޭރަށްނެރެ ސްޓޮކްޕައިލްކޮށް، ކުނި ކޮށި ހުސްކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި މިތަން ހުސްކުރެވުމުން މިހާރުން މިހާރަށްވެސް އެރަށުގެ ކުނި ނައްތާލުމުގެ މަސައްކަތަށް އިތުރު ލުއިކަމެއް ލިބިގެންދާނެ ކަމަށްވެ އެވެ.

މި މަސައްކަތުގެ ޖުމްލަ އަގަކީ 5.3 ލައްކަ ދިވެހި ރުފިޔާއެވެ. މި މަސައްކަތަށް ހަރަދުކުރަނީ ޕީއެސްއައިޕީގެ ބަޖެޓުން ފުވައްމުލަކުގެ ކުނިކޮށި އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ހަމަޖެހިފައިވާ ދެ މިލިއަން ރުފިޔާގެ ތެރެއިން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިމަސައްކަތުގެ އިތުރުން ސަރުކާރު ބަޖެޓާއި ސީސީޓީއެފް ޕްރޮޖެކްޓް އަދި ފެނަކަ ކޯޕަރޭޝަން އިން ހަރަދުކޮށްގެން އިތުރު ކަންތައްތަކެއް މިއަހަރުތެރޭގައި ކުރުމަށް ރޭވިފައިވާ ކަމަށްވެސް މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންވާރްމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވި އެވެ. އެގޮތުން ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން މިއަދު މިހަވާލުކުރެވުނު ކުނި ގޮނޑު ހުސްކުރުމުގެ މަސައްކަތާއި ގަލާސް ބޮޓްލް ކްރަޝާ އަކާއި ޕްލާސްޓިކް ކޮމްޕެކްޓްކޮށް ބޭލް ކުރެވޭ މެޝިނެއް ހޯދުމާއި ކުނިކޮށްޓަށް ބޭނުންވާނެ އެހެނިހެން ކުދި ސާމާނު ހޯދުމުގެ އިތުރުން ކުނި މެނޭޖްކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމުގައި ފެނަކައަށް ފަންނީ އެހީ ފޯރުކޮށްދިނުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި މަސައްކަތްތައް އެއްކޮށް ނިންމާލެވުމުން، ފުވައްމުލަކުގައި ކުރިއަށްއޮތް ތަނުގައި ކުނި އަންދާކަށް ނުޖެހޭނެކަމަށާއި، ކުނި އެންދުމުގެ ސަބަބުން ފުވައްމުލަކުގެ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް އަންނާނެ ކަމަށް ވެސް މިނިސްޓަރު ތޯރިގު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް