ލ. ގަމު ތުނޑި، ހުރަވީ، މަރިޔަމް ޝީރީން މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރި އޭނާގެ ކުރީގެ ލޯބިވެރިޔާ ލ. ކަޅައިދޫ، އޯސަންވިލާ، މުހައްމަދު ނަޖާހުގެ މައްޗަށް އޭނާ މަރާލުމުގެ ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން އެ މައްސަލަ އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މައްސަލަ ނިންމިގޮތުގެ ރިޕޯޓާއި ލިޔެކިޔުންތައް ލިބުނުހާ އަވަހަކަށް އެ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށެވެ.
ކްރިމިނަލް ކޯޓުގައި އިއްޔެ އޮތް ޝަރީއަތުގައި ޝީރީންގެ މަރުގެ މައްސަލައިގެ ހުކުމް އިއްވަމުން ގާޒީ ވިދާޅުވީ ޝީރީން މަރާލީ ނަޖާހު ކަމަށް ދައުލަތުން އުފުލި ދައުވާގައި ބުނެފައިވީ ނަމަވެސް އެ ދައުވާ ސާބިތު ކުރަން ބޭނުންވާ މިންވަރަށް ހެއްކާއި ގަރީނާ ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށެވެ.
ނަޖާހުގެ މައްޗަށް އެ ދައުވާ ކުރީ 2009 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން މާފަންނު ކުރަހާގޭގެ ކޮޓަރިއެއްގެ ތެރޭގައި މަރިޔަމް ޝީރީނާއެކު އުޅުނު އުޅުމުގައި އޭނާ ޝީރީން މަރާލާފައިވާ ކަމަށް ބުނެ އެވެ.
ޝަރީއަތުގައި ދައުލަތުން ބުނެފައި ވަނީ، ނަޖާހު ޝީރީން މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ފޮއްޓަކަށް ލައިގެން ޓެކްސީއެއްގައި ގެންގޮސް މާފަންނުގައި އިމާރާތްކުރަމުންދިޔަ ގެއެއްކަމުގައިވާ މ. އަންގާގިރީގައި ބަހައްޓާފައިވާ ކަމަށެވެ.
ޝީރީން އެއްލާލާފައި އޮތް ފަޅުގެ ކަރިއަށް ބޮޑު ފޮއްޓެއް ހިފައިގެން ނަޖާހު ޓެކްސީއެއްގައި ދިޔަ ކަމަށް ދައުލަތުން ބުނެފައިވާއިރު އެކަން ސާބިތުކޮށްދިނުމަށް، އޭނާ އޭރު އެރި ޓެކްސީގެ ޑްރައިވަރު ހެކިބަސް ދިނެވެ. ނަމަވެސް ހުކުމުގައި ގާޒީ ފާހަގަކުރެއްވިގޮތުގައި ޑްރައިވަރު ބުނެފައިވަނީ ބަރު ފޮއްޓެއް ހިފައިގެން ނަޖާހު، އޭނާ ދުއްވި ކާރަކަށް އެރި ކަމަށާއި އަދި އެ ކާރުގެ ތެރެއިން އޭގެ ފަހުން ތަތްމުޑު ވަހެއް ދުވި ކަމަށެވެ.
މ. ކުރަހާގޭ ކޮޓަރިއެއްގައި ޝީރީނުއާ އެއްކޮށް އުޅެމުންދިޔަ އޭނާގެ ލޯބިވެރިޔާ ނަޖާހުގެ މައްޗަށް ކުށް ސާބިތުކުރަން ހުށަހެޅި ހެކިންގެ ތެރެއިން އެކަކު ވެސް، ޝީރީނު މަރާލަން ނަޖާހް އަމަލެއް ހިންގި ކަމަށް ބުނެފައި ނުވާކަން ހުކުމުގައި ފާހަގަކުރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް