ޝުހާދު މަރާލުމުގެ ކުށް ސާބިތުވެ، ފަރީދު މަރަން ހުކުމްކޮށްފި

ޏ. ފުވައްމުލައް ދޫޑިގަން، އާސްމާނުގެ އަބްދުﷲ ޝުހާދު މަރާލިކަމުގެ ކުށް ސާބިތުވެ އެ ރަށު ކަރަންކާއާގޭ ހަސަން ފަރީދު މަރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ފަރީދުގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު...

13 May 2015 | 06:43

ޏ. ފުވައްމުލައް ދޫޑިގަން، އާސްމާނުގެ އަބްދުﷲ ޝުހާދު މަރާލިކަމުގެ ކުށް ސާބިތުވެ އެ ރަށު ކަރަންކާއާގޭ ހަސަން ފަރީދު މަރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ފަރީދުގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގެ ރޭ 9:30 އެހައިކަންހާ އިރު ފަރީދު އިތުރު ބަޔަކާ އެކު ފުވައްމުލައް ދޫޑިގަން ބޮޑުފަންނު މަގާ ބަހާރުމަގާ ގުޅޭ ހަތަރު އަނގޮޅިއަށް ގޮސް އެސަރަހައްދުގައި ހުރި ފަޅުގޭގެ ފާރުބުރި މަތީގައި ތިބި މީހުންގެ ތެރެއިން ޝުހާދުގެ މެއާދިމާލު ކަނާތު އަރިކައްޓަށް އޭނާގެ ކަނާތުގައި އޮތް ވަޅި އެއްފަހަރު ހަރާލާފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ފަރީދު މަރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ހަމާލަގައި މަރުވި ޝުހާދުގެ ވާރިސުން ކަމަށްވާ އޭނާގެ ބައްޕަ މުހައްމަދު ހުސައިން އާއި މަންމަ ހަދީޖާ މުހައްމަދު މަރަށް މަރު ހިފަން ބޭނުންވާތީ ކަމަށް ގާޒީ ހުކުމް އިއްވަމުން ވިދާޅުވި އެވެ.

ޝުހާދު މަރުވެފައި ވަނީ، ވަޅިހަރާލުމުން ލިބުނު ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް އެ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުގެ ރޭ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް