ހަތަރު ރަށެއްގައި ކުނި މެނޭޖު ކުރާ މަރުކަޒު ހަދަން ބަޔަކާއި ހަވާލު ކޮށްފި

ހަތަރު ރަށެއްގައި ކުނި މެނޭޖް ކުރާ މަރުކަޒު އަޅަން ބަޔަކާއި ހަވާލުކޮށްފި އެވެ. އެންވަޔަރަމެންޓު މިނިސްޓްރީން މަރުކަޒުތައް އަޅަނީ ދ. މާއެނބޫދޫ, ތ. ތިމަރަފުށި އަދި ތ.ގުރައިދޫ އަދި ފ. ނިލަންދޫގައި ކަމަށެ...

13 Apr 2023 | 15:30

ހަތަރު ރަށެއްގައި ކުނި މެނޭޖް ކުރާ މަރުކަޒު އަޅަން ބަޔަކާއި ހަވާލުކޮށްފި އެވެ.

އެންވަޔަރަމެންޓު މިނިސްޓްރީން މަރުކަޒުތައް އަޅަނީ ދ. މާއެނބޫދޫ, ތ. ތިމަރަފުށި އަދި ތ.ގުރައިދޫ އަދި ފ. ނިލަންދޫގައި ކަމަށެވެ.

މީގެ ތެރެއިން ގުރައިދޫ، ތިމަރަފުށި، މާއެނބޫދޫގެ  ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރު ހެދުމަށްޓަކައި ހަވާލު ކުރީ ވެހިކަން ބިލްޑާސްއާ އެވެ. ނިލަންދޫ ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލު ކުރީ އެ ކުންފުންޏާއި އެވެ.

މި އެއްބަސްވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސާރު އެެވެ. ވެހިކަން ބިލްޑާސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ރަޝީދު އެެވެ.

މިއަދު ހަވާލުކުރެވުނު މި ހަތަރު މަޝްރޫއުގެ އަގަކީ ޖުމްލަ  17,849,885.15 ރުފިޔާ އެވެ.

މާއެނބޫދޫ ސެންޓަރުގެ މަސައްކަތުގެ އަގަކީ 4.3 މިލިއަން ރުފިޔާ އެވެ. ތިމަރަފުށީގެ މަސައްކަތުގެ އަގަކީ ފަސް މިލިއަން ރުފިޔާ އެވެ. އަދި ގުރައިދޫގެ މަސައްކަތުގެ އަގަކީ 4.4 މިލިއަން ރުފިޔާ އެވެ.

ނިލަންދޫ ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ އަގަކީ 4.1 މިލިއަން ރުފިޔާ އެވެ. މި ހަތަރު މަޝްރޫއު ނިންމާލެވޭނެ ކަމަށް ބެލެވެނީ މަސައްކަތް ފަށާ ތާރީޚުން ފެށިގެން ގާތްގަނޑަކަށް ހަ މަސް ތެރޭގަ އެވެ.

އެންވަޔަރުމަންޓް މިނިސްޓްރީއިން ބުނީ އެ މަޝްރޫއު ނިމުމުން،މި ހަތަރު ރަށުގައިވެސް ރަށުފެންވަރުގައި ކުނި މެނޭޖްކުރާ މަރުކަޒުން (ޑަބްލިއުއާރްއެމްސީ) ކުނި ވަކިކޮށް، އަލުން ބޭނުން ހިފޭ ކުނި ރައްކާކޮށް، އަދި ނައްތާ ނުލެވޭ ޒާތުގެ ކުނި ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒަށް ގެންދިއުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ.

ދ. މާއެނބޫދޫ, ތ. ތިމަރަފުށި, ތ. ގުރައިދޫ އަދި ފ. ނިލަންދޫ ގައި ގާއިމުކުރާ ނިޒާމާއެކު ރަށުގައި ކުނި އެންދުމާއި ޖަމާވުން ހުއްޓުމަކަށް ގެނެވޭނެ ކަމަށް އެންވަޔަރުމަންޓް މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫޢުގެގެ ތެރެއިން ގާއިމު ކުރެވޭ ކުނި މެނޭޖްކުރާ މަރުކަޒުތަކަކީ ޒަމާނީ ފެންވަރަށް ތައްޔާރުކުރެވޭ މަރުކަޒުތަކެކެވެ. މިގޮތުން އަލަށް ޑިޒައިން ކުރެވިފައިވާ މި މަރުކަޒުތަށް ޖާގައިގެ ގޮތުން ތަަނަވަސް ވެފައި މި މަރުކަޒުތައް ހިންގުމަށް ބޭނުންވާ އޮފީހެއްގެ އިތުރަށް، ފާހާނާ ، ސްޓޯރޭޖް، ކުނި ބައިބަޔަށް ވަކިކޮށްފައި ބަހައްޓާނެ ޖާގަ އަދި ނުރައްކާތެރި ކުނި ބެހެއްޓުމަށް ހާއްސަ ޖާގަ އެެއްވެސް ހިމެނެއެވެ. އަދި ހަމަ އެއާއެކު މި މަރުކަޒުތަކަށް ގެނެވޭ ކުނީގެ ބަރުދަން ބެލުމަށް ވެއިން ސްކޭލްވެސް ބެހެއްޓިފައިވާނެއެވެ.

މި ހަތަރު މަޝްރޫޢު ކުރިއަށް ގެންދަނީ ޒޯން 4 އަދި 5 ގައި ތަންފީޒް ކުރަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަޓް ޕްރޮޖެކްޓް މެދުވެރިކޮށް ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުންނެވެ.

އެ މިނިސްޓްރީން ބުނީ ރަށު ފެންވަރުގައި އެފަދަ މަރުކަޒެއް ގާއިމުވުމުން ސިއްހަތަށާއި ތިމާވެއްޓަށް ލިބިދޭ ފައިދާގެ އިތުރުން އިގްތިސާދަށް ވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް