ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަށް ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ން ޖުމްހޫރީ ޕާޓީއަށް ހުށަހަޅާފައިވާކަން ހާމަވެއްޖެ އެވެ.
ބަރުލަމާނީ ނިޒާމަކީ ރައީސް ނަޝީދު އަބަދުވެސް ރާއްޖެއަށް ގެންނަން ބޭނުންވާ ވެރިކަމުގެ ނިޒާމެވެ. އެކަމަކު އެމަނިކުފާނުގެ ޕާޓީ އެމްޑީޕީ އާއި އެހެން ސިޔާސީ ޕާޓީތަކުން އެ ނިޒާމު ރާއްޖެއަށް ގެންނަން ތާއީދެއް ނުކުރެ އެވެ.
އާންމުވި ހުށަހެޅުންތަކުގެ ލިޔެކިޔުންތަކާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ނަޝީދު ހުށަހަޅުއްވާފައިވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ބޭފުޅަކު ހުވާކުރެއްވުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައި ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލު ކުރަން ޖެހޭނެ ކަމަށެވެ.
ރައްޔިތުންގެ ވޯޓަކުން ރައީސުލްޖުމްހޫރިއްޔާ ހޮވުމަށްފަހު ބޮޑުވަޒީރު ހޮވަން ނިންމާފައިވަނީ ރައްޔިޔތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ވޯޓުލައިގެން އަގުލަބިއްޔަތުން ހޮވޭ ބޭފުޅެކެވެ.
ނަޝީދުގެ ފަރާތުން ތައްޔާރުކޮށްފައިވާ ލިޔުމުގައިވާ ގޮތުން ސިފައިންގެ އެންމެ އިސްވެރިޔާކަމާއި، މިނިވަން ކޮމިޝަންތަކަށް މީހުން އައްޔަން ކުރުމުގެ ބާރާއި، ގައުމީ މުހިއްމު ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ބާރާއި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ބޮޑުވަޒީރުގެ ބާރުތައް ގާނޫނުއަސާސީގައި ވަކިން ލިޔުމަށްވެސް ހުށަހަޅާފައިވެ އެވެ. މީގެ ތެރެއިން ބޮޑުވަޒީރުގެ މައިގަނޑު ޒިންމާއާއި މަސްއޫލިއްޔަތަކީ ސަރުކާރު ހިންގުމާއި ސަރުކާރުގެ ބާރުތަކެވެ.
މީގެ އިތުރުންވެސް ވެރިކަމުގެ ނިޒާމު އެކުލަވާލާނެ ގޮތުގެ ތަފްސީލްތަކާއި ވަޒީރުން އައްޔަން ކުރާނެ ގޮތް ހިމަނާފައިވެ އެވެ.
މީޑިއާގައި ދައުރުވެފައިވަނީ ރަނގަޅު ލިޔެކިޔުންތަކެއްކަން ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅަކު މީޑިއާގައި ވަނީ ކަށަވަރުކޮށްދެއްވާފައި އެވެ. އެކަމަކު އެ ހުށަހެޅުމާއި މެދު އެ ޕާޓީން އަދި ގޮތެއް ނުނިންމާ ކަމަށް ވިދާޅުވެފައިވެ އެވެ.
ނަޝީދު ބަރުލަމާނީ ވިސްނުން ޖޭޕީއަށް ހުށަހެޅި އިރު މީގެ ކުރިން ގާސިމް ވަނީ ބަރުލަމާނީއަށް ތާއީދު ނުކުރާކަމަށް ވިދާޅުވެފައި އެވެ.
މިދިޔަ ހަފްތާގައި އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވަނީ ނަޝީދުގެ ފަރާތްޕުޅުން ބަރުލަމާނީ ނިޒާމު ގެންނަން ޖޭޕީއަށް ހުށަހެޅިކަން ހާމަ ކުރައްވާފައި އެވެ. އޭނާ ވިދާޅުވީ ދެ ފަރާތަށް އެއްބަސްވުމަށް ނާދެވިގެން އުޅެނީ ގާސިމް ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާތީ ކަމަށް ފިކުރެއްގެ ދިރުން ތެރެއިން އޭނާއަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް