ކިއުބާ އިން ގެންނަން ނިންމާފައިވާ 26 ޑޮކްޓަރުން ކުރިއަށް އޮތް މެއި މަހު ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ
މިކަން ހާމަކުރައްވާފައި ވަނީ ހެލްތް މިނިސްޓަރ އަހްމަދު ނަސީމް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ބައެއް ސުވާލުތަކަށް ޖަވާބުދެއްވާ ވާހަކަ ފުޅު ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރ ނަސީމް ވިދާޅުވީ ކޮވިޑް 19 ފެތުރުމާ ގުޅިގެން ރާއްޖޭގައި މަސައްކަތް ކުރަމުން ދިޔަ ވަރަށް ގިނަ ބިދޭސީ ސިއްހީ އެހީތެރިން އެމީހުންގެ ޤައުމަށް ދިއުމަށްފަހު އެނބުރި އައިސްފައި ނުވާތީ ޑޮކްޓަރުންގެ ދަތިކަން އަދިވެސް ހައްލު ކުރެވިފައި ނުވާ ކަމަށެވެ.
ހޮސްޕިޓަލްތަކަށް ބޭނުންވާ ޑޮކްޓަރުންނާއި މުވައްޒަފުން ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަން ފާހަގަކުރައްވާ ނަސީމް ވިދާޅުވީ ކުރިއަށް އޮތް މެއި މަހުގެ ތެރޭގައި ކިއުބާ އިން 26 ސްޕެޝަލިސްޓް ޑޮކްޓަރުން ރާއްޖެ އަންނާނެ ކަމަށެވެ.
ނަމަވެސް ކިއުބާ އިން އަންނަ ޑޮކްޓަރުން ފޮނުވަން ނިންމާފައިވާ ހޮސްޕިޓަލްތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެއް ނުވެއެވެ.
ހޮސްޕިޓަލްތަކުގެ އިދާރީ މުވައްޒަފުންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދަންޖެހޭ އިދާރީ ގިނަ މަސައްކަތްތައް ހުންނަ ކަން ފާހަގަކުރައްވާ އެކަމުގައި ފިނޭންސް މިނިސްޓްރީގެ އެއްބާރުލުން ލިބޭ ކަމަށް ނަސީމް ވިދާޅުވެފައި ވެއެވެ.
އަދި މިއަހަރުގެ ނިޔަލަށް އިދާރީ މުވައްޒަފުންގެ މައްސަލަ ވެސް ހައްލު ކުރެވޭނެ ކަމަށް ނަސީމް ހާމަކޮށްފައި ވެއެވެ.
މީގެ އިތުރުން ނަސީމް ވިދާޅުވީ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް ގޮނޑިއާއި މޭޒާއި ކޮމްޕިއުޓަރު ފަދަ ތަކެތި ވެސް ބޭނުންވާކަމަށާއި، އެ މައްސަލަ ހައްލުކުރުމަށް ޑަބްލިއުއެޗްއޯގެ އެހީތެރިކަމާ އެކު ގޮނޑިއާއި މޭޒާއި ކޮމްޕިއުޓަރު ލިބިފައިވާތީ ކުރިއަށް އޮތް ޖޫން މަހުގެ ތެރޭގައި އެ ތަކެތި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒު ތަކަށް ފޮނުވަން ފަށާނެ ކަމަށެވެ.
ސިއްހީ ދާއިރާގައި ހައްލުކުރަންޖެހޭ ކަންކަން އެބަހުރި ކަމަށާއި ދައުލަތަށް އާމްދަނީ ލިބޭ މިންވަރަކުން، އިދާރާތަކުގެ އެއްބާރުލުމާ އެކު އެ މައްސަލަތަކަށް ހައްލު ހޯދޭނެ ކަމުގައިވެސް ނަސީމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް