ހުޅުމާލޭގައި ޓެކްސީ ޑްރައިވަރު، އދ. މާމިގިލީ، ގާސިމް ހަސަން، 59އ މަރާލި ކަމަށް ތުހުމަތުކުރެވޭ ވަޅިން އޭނާ މަރާލި ކަމުގެ ދައުވާކުރާ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދުގެ އިތުރުން ގާސިމާއި އިތުރު މީހެއްގެ ޑީއެންއޭ ފެނިފައިވާ ކަމަށް ހެކިބަސްދީފިއެވެ.
މި މައްސަލައިގައި މިހާރު ކުރިމިނަލް ކޯޓުގައި ކުރިއަށްދަނީ އެ މައްސަލަ ސާބިތު ކުރުމަށް ބޭނުންވާ ހެކިބަސް ނެގުމެވެ.
އެގޮތުން މިއަދުގެ އަޑުއެހުމުގައި ފުރަތަމަ ހެއްކެއްގެ ގޮތުގައި ހާޒިރުކުރީވެސް، ގާސިމްގެ މަރާ ގުޅިގެން އެ ސަރަހައްދު ބަލައި ފާސްކުރުމުގައި އިސްކޮށް ހަރަކާތްތެރިވި، ސީން އޮފް ކްރައިމްގެ އިސް އޮފިސަރެވެ.
ހެކިބަސް ދެމުން އޭނާ ބުނީ، ގާސިމް މަރައިލި ސަރަހައްދަށް ދިޔައިރުވެސް އެތަން އޮތީ ކޯޑު ކޮށްފައި ކަމަށާއި، އެ ސަރަހައްދު ބޮޑުކަމުން، އޭނާ އިސްވެހުރެ، ޒޯނުތަކަކަށް ބަހާލައިގެން ފުލުހުންގެ ޓީމުން މުޅި ސަރަހައްދު ބަލައި ފާސްކުރި ކަމަށެވެ.
ގާސިމްގެ މަރުގެ ހާދިސާއާ ގުޅޭ، އެއްވެސް އެއްޗެއް ފެނޭތޯ ބެލުމަށް ކުރިއަށްގެންދިޔަ އެ މަސައްކަތުން، ވަޅި ފެނުނީ، ކުރިކީލަމަގު ހުޅަނގު ފަރާތުގައި ހުރި ގަސްތަކުގެ ތެރޭގައި އޮތް ވަޅުގަނޑެއްގެ ތެރެއިން ކަމަށްވެސް އޭނާ ބުންޏެވެ. އެހިސާބަކީ ފްލެޓްތަކެއް އިމާރާތް ކުރުމަށްޓަކައި ކޮންސްޓްރަކްޝަން މަސައްކަތްތަކެއް ކުރަމުންދިޔަ ސަރަހައްދެއްކަމުން، ވަޅި ފެނުނު އެ ވަޅުގަނޑަކީ ފައުންޑޭޝަނެއް އެޅުމަށް ކޮނެފައިވާ ވަޅެއްކަމަށް ވެސް އޭނާ ބުންޏެވެ. އެ ވަޅުގަނޑުން ފެނުނީ ކިވީ ބްރޭންޑުގެ ވަޅިއެއް ކަމަށާއި، އެއީ ގާތްގަނޑަކަށް 12 އިންޗީގެ ވަޅިއެއްކަމަށްވެސް އޭނާ ބުންޏެވެ. ނަމަވެސް ބޭރުފުށުން ފާހަގަވާފަދަ އެއްވެސް އެއްޗެއް ވަޅީގައި ނެތްކަމަށްވެސް ހެކިވެރިޔާ ބުންޏެވެ.
ނަމަވެސް މިއަދުގެ އަޑުއެހުމަށް ދެވަނައަށް ހާޒިރުކުރި ހެކިވެރިޔާ ބުނީ، އެ ވަޅިން ތިން މީހެއްގެ ޑީއެންއޭ ފެނިފައިވާކަމަށެވެ. ދެވަނަ ހެކިވެރިޔަކީ، އެ މައްސަލައިގެ ޑީއެންއޭ ތަހުލީލު ރިޕޯޓު ތައްޔާރުކުރި އޮފިސަރެވެ.
އޭނާވަނީ ގިނަ ކަންތައްކެއް ޝަރީއަތުގެ މަޖިލީހަށް ކިޔައިދީފައެވެ. އެގޮތުން މި މައްސަލައާ ގުޅޭގިތުން މާއްދީ ގިނަ ހެކިތަކެއް، ހުށަހެޅުނުކަން ފާހަގަކޮށް އޭނާ ބުނީ، މަރުގެ ހާދިސާ ހިނގި ސަރަހައްދުގެ އިތުރުން ގާސިމް ދުއްވި ކާރުންވެސް ގިނަ ސާމްޕަލްތަކެއް ނަގާފައިވާ ކަމަށެވެ.
މި މައްސަލައިގައި ދައުވާކުރާ އަދުހަމް، އެދިސާ ހިނގި ދުވަހާއި އެރޭ ހުޅުމާލޭގައި އުޅެނިކޮށް ނަގާފައިވާ މަންޒަރުތަކަކާބެހޭ މައުލޫމާތުވެސް އޭނާ ވަނީ ޝަރީއަތުގެ މަޖިލީހާ ހިއްސާ ކޮށްފައެވެ. މި މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅަން ޖެހޭ ތިންހެކިން އަދި އެބަ ތިއްބެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ، ޑޮކްޓަރަކާއި، ފުލުހުންގެ އޮފިސަރެއްގެ އިތުރުން އާންމުންގެ މީހެކެވެ.
ގާސިމް މަރާލާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ހަތަރުވަނަ ދުވަހުއެވެ. އޭނާ މަރާލިކަމުގެ ތުހުމަތުގައި އަދުހަމް ހައްޔަރު ކުރީ ހަމަ އެ އަހަރުގެ ޑިސެންބަރު މަހުގެ 19 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް