ހިލޭ ބޭސްފަރުވާ ދިނުމަށް ކަނޑައަޅާފައިވާ އާސަންދައިގެ ދަށުން މިހާރު ނުލިބޭ ސިއްހީ ހިދުމަތްތައް ލިބޭނެ ގޮތެއް ހަމަޖެއްސުމަށް އެކަމާ ގުޅޭ ސިޔާސަތު ދިރާސާކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ އާސަންދައިގެ ސިޔާސަތަށް ބަދަލެއް ގެނައުމަށްޓަކައި އާސަންދަ ކުންފުންޏާ އެކު ސަރުކާރުން މަޝްވަރާތަކެއް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އެކަމުގައި ސަރުކާރުގެ ނިންމުންތައް ހިމެނޭ ގޮތަށް ރިޕޯޓެއް އެކުލަވާލުމަށްފަހު މަޖިލީހަށް ފޮނުއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ސިއްހީ ހިދުމަތަށް އެންމެ ރަނގަޅު ހައްލެއް މިވަގުތަށް ގެނެވެން އޮތް އެންމެ ރަނގަޅު ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ކުއްލިއަކަށް ހުރިހާ ކަމެއް ނުނިމޭނެކަން ގަބޫލުކުރަން ޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ އާސަންދައިގެ ހިދުމަތް ދިނުމުގައި ކަންބޮޑުވާންޖެހޭ މައްސަލަތަކެއް ހުރިކަމަށް އެއްބަސްވެ ވަޑައިގެންފައެވެ. އެއާއެކު މި މައްސަލަތައް ހައްލުކުރެވި އާސަންދަ ނުލިބޭ ބަލިތަކަށް އާސަންދަ ހަމަޖެއްސުމުގެ މަސައްކަތް ކުރެވެމުންދާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް