އެސްޓީއޯ އިން އަޅާ ފުށް ފެކްޓަރީ ކުޅުދުއްފުށީގައި އަޅަން ބިން ހޯދަން މަޝްވަރާ ކޮށްފި

ރާއްޖެއަށް ދިމާވެފައިވާ ކާޑުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ރާއްޖެއަށް ގޮދަން ގެނެސް، ފުށް ބަންދު ކުރަން ފަށަން ވެގެން އެސްޓީއޯއިން އަޅަން ހަމަޖެހިފައިވާ ފެކްޓަރީ ކުޅުދުއްފުށީ ސިޓީގައި...

13 Apr 2022 | 06:57

ރާއްޖެއަށް ދިމާވެފައިވާ ކާޑުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ރާއްޖެއަށް ގޮދަން ގެނެސް، ފުށް ބަންދު ކުރަން ފަށަން ވެގެން އެސްޓީއޯއިން އަޅަން ހަމަޖެހިފައިވާ ފެކްޓަރީ ކުޅުދުއްފުށީ ސިޓީގައި އަޅަން ވެގެން ބިން ހޯދުމަށް ކައުންސިލާއި މަޝްވަރާކޮށްފިއެވެ.

އިއްޔެ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ފަރާތުން ބޭއްވުމަށް އެދުނު މަޝްވަރާ ބައްދަލުވުމެއްގައި، އެމް.ޕީ.އެލް އަދި އެސް.ޓީ.އޯގެ އިސް ވެރިންގެ ވަފުދެއް ބައިވެރިވެފައި ވެއެވެ.

އެ ބައްދަލުވުމުގައި އެސްޓީއޯގެ ސީ.އީ.އޯ ޙުސައިން ޢަމްރު އަދި އެމްޕީއެލްގެ ސި.އީ.އޯ ޝާހިދު ޢަލީ ބައިވެރިވެވަޑައިގެންނެވި އެވެ

މި ބައްދަލުވުމުގެ އެންމެ ބޮޑު މަގުސަދަކީ ރާއްޖޭގައި އެސްޓީއޯ އިން ގާއިމް ކުރުމަށް ނިންމާފައިވާ ފުށާއި ހަނޑުލުގެ ފެކްޓްރީ އެޅުމަށް ބޭނުންވާ ބިމުގެ ޖާގަ ކުޅުދުއްފުށި ޕޯޓް ލިމިޓެޑަށް ދޫކޮށްފައިވާ ބިމުގެ ތެރެއިން ކަނޑައެޅުމުގެ މަޝްވަރާތައް އެ ދެ ކުންފުންޏާއިއެކު ސިޓީ ކަންއުންސިލުން ކުރިއަށްގެންދިއުން ކަމަށް ކުޅުދައްފުށީ ކައުންސިލުން ހާމަކޮށްފައި ވެއެވެ.

އެސް.ޓީ.އޯއިން މީގެ ކުރިން ހާމަކުރި ގޮތުގައި މިކަން ކުރުމަށް ނިންމާފައިވަނީ ބޭރުން ގޮވާން އެތެރެކޮށް ރާއްޖޭގައި ޤާއިމުކުރާ ކާރުޚާނާގައި ތައްޔާރުކޮށް ބަންދުކުރާ ގޮތަށެވެ.

މިފަދަ ކާރުޚާނާއެއް ރާއްޖޭގައި ޤާއިމު ކުރެވުމުން އެކި ބޭނުންތަކަށް ޚާއްސަ ފުށް ތާޒާކަމާއެކު އުފެއްދޭނެކަމަށާއި، އެތަކެތި ރައްކާކޮށްފައި ބެހެއްޓޭނެ މުއްދަތު އިތުރުވެގެންދާނެކަމަށް އެސް.ޓީ.އޯއިން ހާމަކުރެއެވެ.

މީގެ އިތުރުން ގޮދަންފުށް ކާރުޚާނާ ކުޅުދައްފުށީގައި ތަރައްޤީކުރުމުން އެ ސިޓީއަށާއި އެ ސަރަޙައްދަށްވެސް ވިޔަފާރިއާއި އިޤްތިޞާދީގޮތުން އެތައް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އެކުންފުނީގެ ގޮދަންފުށް ކާރުޚާނާ ޤާއިމުކުރުމަށް ކުޅުދުއްފުށި ޚިޔާރުކުރީ އެރަށަކީ އުތުރުގެ ވިޔަފާރީގެ މައި ހަބުކަމަށްވެފައި، އެ ސަރަޙައްދަކީ އެފަދަ ކާރުޚާނާއެއް ހިންގުމަށް އެންމެ ރަނގަޅު އެއް ސަރަޙައްދަށްވުމުން ކަމަށް އެސްޓީއޯ އިން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް