ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިއަހަރު އެންމެ އުނދަގޫވެފައިވަނީ ކުނީގެ މައްސަލައިގަ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީން ނެރުނު ތަފާސް ހިސާބު ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ތިން މަހު އެ ކޯޕަރޭޝަނަށް އާންމުންގެ ފަރާތުން 35 މައްސަލަ ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން 23 ޕަސެންޓަކީ ކުންޏާއި ގުޅުން ހުރި މައްސަލަތަކެވެ.
ޖަނަވާރުންގެ އުނދަގޫ ބޮޑުވެގެން 11 ޕަސެންޓު މައްސަލަ ހުށަހަޅާފައިވާއިރު ފެނާއި ނަރުދަމާގެ މައްސަލަތައްވެސް ހުށަހަޅާފައިވަނީ އެވަރަށެވެ. ޕާކުތަކާއި މަގުތަކާއި ގުޅޭގޮތުން17 ޕަސެންޓު މައްސަލަ ހުށަހަޅާފައިވެ އެވެ.
ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ބިމުގެ މައްސަލަތައްވެސް ހިމެނެ އެވެ.
އެޗްޑީސީން ބުނީ އެ މައްސަލަތަކުގެ ތެރެއިން 89 ޕަސެންޓު މައްސަލަ ހައްލު ކޮށްދީފައިވާ ކަމަށެވެ. އަދި 11 ޕަސެންޓު މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ.
ހުޅުމާލޭގައި ކުނީގެ މައްސަލަ އެންމެ ބޮޑީ ދެވަނަ ފިޔަވަހީގައި އާއި ފޭސް އެކެއްގެ ގޮނޑުދޮށްތަކުގައި އެވެ. މި މައްސަލަތައް ހައްލު ކުރުމަށް އެޗްޑީސީން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް