ކުރިޔަށް މިދާ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު ހަ މިލިއަނަށްވުރެ ގިނަ މީހުން ކީރިތި ރަސޫލާގެ މިސްކިތް ނުވަތަ މަސްޖިދް އަލް ނަބަވީއަށް ޒިޔާރަތްކޮށް ނަމާދުކޮށްފައިވާ ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފި އެވެ.
ދެ ހަރަމްފުޅުގެ ކަންކަން ބަލަހައްޓާ ޖެނެރަލް ޕްރެޒިޑެންސީ އެފެއާޒުން ބުނީ ފުރަތަމަ 10 ދުވަހު ޖުމްލަ 6،398،502 މީހުން ޒިޔާރަތްކޮށް ނަމާދު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 132،345 މީހުން އަލް ރަވުދާ އަލް ޝަރީފާ ތެރޭގައި ނަމާދުކޮށްފައިވާ ކަމަށެވެ.
އެ އިދާރާއިން ބުނީ އެ ހުރިހާ އެންމެންނަން އިންތިޒާމް ކުރެވިފައިވާ ގޮތަށް ޒަމްޒަމް ފެން ބަހާފައިވާ ކަމަށެވެ. އެގޮތުން ޒިޔާރަތް ކުރި މީހުންނަށް 1،285،543 ޒަމްޒަމްފެން ފުޅި ބަހާފައިވާއިރު ރޯދަ ވީއްލުމާއި ތަރާވީހުގެ ގޮތުގައި 1،299،510 ބަތްޕާރުސަލް ބަހާފައިވާ ކަމަށް ބުނެފައިވެ އެވެ.
ރަމަޟާން މަހު ދެ ހަރަމްފުޅަށް ޒިޔާރަތް ކުރާ މީހުންނަށް ބޭނުންވާ ވަރަށް ޒަމްޒަމްފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ޕްރެސިޑެންސީ އެފެއާޒުން ނިންމާފައިވެ އެވެ. އެގޮތުން ރޯދަމަހުގެ ޑިމާންޑާއި އެއްވަރު ކުރުމުގެ ގޮތުން މިހާރު ޒަމްޒަމް ފެން ބަންދު ކުރާ ކުންފުނިން ދަނީ ދުވާލަކު ދެ ލައްކަ ޒަމްޒަމް ފުޅި ބަންދު ކުރަމުންނެވެ.
ޕްރެސިޑެންސީ އެފެއާޒުން ބުނީ އިންތިޒާމް ކުރެވިފައިވާ ގޮތަށް ދެ ހަރަމްފުޅަށް ޒިޔާރަތްކޮށް އަޅުކަން އަދާ ކުރާ ފަރާތްތަކަށް ދަތި ނުވާނެ ގޮތަށް ހުރިހާ އިންތިޒާމެއް ހަމަޖައްސާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް