މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ފޮރިން ސެކްރެޓަރީ ޑރ. ސުބްރަމަންޔަމް ޖައިޝަންކަރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި ބައްދަލު ކުރައްވައިފި އެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ރައްޖެ ވަޑައިގެންފައި މިވަނީ ސިޔާސީ މަޝްރަހު ވަރަށް ބޮޑަށް ހަލަބޮލިވެފައިވާ ދުވަސްކޮޅެއްގައި އެވެ.
ރަޢީސް އޮފީހުން ބުނީ މިއަދު ބޭއްވި މި ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ އިންޑިޔާ ސަރުކާރުން ރާއްޖެ އަށް ދެމުން އަންނަ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައި ކަމަށެވެ. އަދި ދެ ގައުމުގެ ދޭތެރޭގައިވާ ގުޅުން، ތަފާތު ދާއިރާތަކުން އިތުރަށް ބަދަހި ކުރުމަށް ދިވެހި ސަރުކާރުން ދޭ އަހަންމިއަޔްތު ރައީސް ޔާމީން ފާހަގަ ކުރެއްވި އެވެ.
އެ ބައްދަލު ކުރެއްވުމުގައި ޝުބްރަންޔަމް ވަނީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެހީތެރިކަމާއި އެއްބާރުލުން ދެމުން ގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައި އެވެ. އެ ބައްދަލު ކުރެއްވުމުގައި ރާއްޖޭގައި ހުރި އިގްތިސާދީ އިންވެސްޓުމަންތަކުގެ ފުރުސަތުތަކާ ގުޅޭ ގޮތުން ވެސް އިންޑިއާގެ ފޮރިން ސެކަރެޓަރީ ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެކަމަކު މިހާރު ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމެއް ހާމައެއް ނުކުރެ އެވެ.
ސުބްރަމަނިޔަމް އިއްޔެ ވަނީ ފޮރިން މިނިސްޓަރު ޑރ މުހައްމަދު އާސިމާއި ބައްދަލު ކުރައްވާފައި އެވެ. އަދި މިއަދު ރައީސް ޔާމީނާއި ބައްދަލު ކުރެއްވުމަށް ފަހު އޭނާ ވަނީ ފުރާވަޑައިގެންފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް